ޕާކިސްތާންގެ މަގާމުން ދުރުވެފައިވާ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ސުޕްރީމު ކޯޓުގެ އަމުރު ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އޭނާ ތުހުމަތު ކުރައްވާ ސިޓީގެ މައްސަލަ ބަލާފައި ނުވާތީ އެކަމާ ނުތަނަވަސްވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
އިމްރާން ޚާންގެ ސަރުކާރުން ވަނީ އޭނާގެ ސަރުކާރު ވައްޓާލަން ބޭރުން (އެމެރިކާ) އިން އުޅުނު ކަމަށް ތުހުމަތު ކުރާ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނެއް އެކުލަވާލާފައެވެ.
މި ކޮމިޝަނަށް އައްޔަން ކުރި ރިޓަޔަރޑް ލެފްޓިނެންޓް ޖެނެރަލް ތާރިގް ޚާން ވަނީ ހިނދު ކޮޅެއްގެ ތެރޭގައި އެ ކޮމިޝަނުގައި މަސައްކަތް ކުރެއްވުމަށް އުޒުރުވެރިވެ ވަޑައިގެންނަވާ ކަމަށް ވިދާޅުވެ އެކަހެރިވެ ވަޑައިގެންފައެވެ.
ޕާކިސްތާންގެ މީޑއާއިން ވަނީ އިމްރާން ޚާންގެ ސިޔާސީ ޑްރާމާއަށް ކޭބަލްގޭޓްގެ ނަމުން ނަން ދީފައެވެ. ޕާކސްތާންގެ ޑިޕްލޮމޭޓުންނާ ޙަވާލާދީ މީޑިއާއިން ބުނފައި ވަނީ އިމްރާން ޚާން ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށް ފޮރިން މިނިސްޓްރީއާ ބޭރު ގައުމަކާ ދެމެދު ކޮށްފައިވާ ސިއްރު މުއާމަލާތެއް ބޭޒާރުކޮށްލައި ފާއިދާ ހޯއްދަވަން އުޅުއްވުމުން ޕާކިސްތާންގެ ފޮރިން އެފެއާޒަށް ވަނީ ދުވަހަކުވެސް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިފައެވެ. އަދި ޕާކސްތާން ޑިޕްލޮމޭޓުންނާއި ބޭރުގެ މަސްއޫލުވެރިން ދެން ވާހަކަ ދައްކަން ޖެހިލުންވާނެ ކަމަށްވެސް ޑިޕްލޮމޭޓުން ވިދާޅުވެއެވެ.
މާދަމާ ޕާކިސްތާންގެ ޕާލަމެންޓްގެ ދަށުގެ ނޭޝަނަލް އެސެމްބްލީގައި ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން މިއަދު ހުކުރު ދުވަހަކީ މާތްﷲއަށް ޝުކުރު އަދާކުރާ ދުވަސްކަމަށް ރައްޔިތުންގެ ގާތުންއެދި، ސުޕްރީމް ކޯޓުގެ އަމުރާމެދު އުފާ ފާޅުކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ މާދަމާގެ ޖަލްސާގައި މަޖިލިސްގެ ނާއިބް ރައީސް ގާސިމް ސޫރީއާ ދެކޮޅަށް އިތުބާރު ނެތްކަން ފާސް ކުރުމަށް ހުށަހަޅާފައެވެ. މުހައްލިލުން ބުނާ ގޮތުން މާދަމާގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދިއުމަށް ޖަލްސާގެ ރިއާސަތު ބެހެއްޓުމަށް ސޫރީ އިންނެވުމަށް ގަވާއިދު ހުރަހެއް ނާޅައެވެ.