މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ޢިއުލާންކުރައްވާފައިވާ ގޯތިދޫކުރުމުގެ މަޝްރޫއަށް ކުރިމަތިލުމަށް އަންނަ ޖޫންމަހުގެ ތެރޭގައި ހުޅުވާލާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާ ގުޅޭ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލު ހޯދާދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހި ކަން ހޯދާދިނުމުގެ މަޝްރޫޢުގެ ދަށުން ގޯތި ދޫކުރުމަށް ހުޅުވާލާ އެކަން އަންނަ ޖޫން މަހުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރައްވާނެކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ގޯތި ދެއްވަން ރައީސް ހަމަޖައްސަވާފައި އޮތީ. އެހެންވީމަ އެކަން ވެސް ހިނގާނެ. އަޅުގަނޑަށް ހީވަނީ ޖޫން ހިސާބުގައި ރައީސް އިއުލާންކުރައްވާނެހެން ގޯއްޗަށް.” އަކްރަމް ވިދާޅުވިއެވެ.

މާލޭ މީހުންނަށް ކައިރި ހިސާބުތަކުން ގޯތި ދޫކުރަން ނިންމާފައިވާއިރު ހުޅުމާލެ އިން 60 ބިން މާލޭގެ މީހުންނަށް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކުރުމާ އެކު، މާލެ އިން ގޯތި ދޫނުކުރާ މައްސަލައިގައި ހިތްހަމަނުޖެހުން ބޮޑުވި އެވެ. އޭގެ ފަހުން މާލޭ މީހުންނަށް ގޯތި ދޭނެ ގޮތުގެ މައުލޫމާތު ސަރުކާރުން ހާމަކުރިއިރު ގޯތި ދޫކުރާނީ ހިލޭ ކަމަށް ރައީސް ވިދާޅުވެއެވެ.