އިރާގުގެ ފިލްމް ޑައިރެކްޓަރަކު، ކުރީގެ ރައީސް ސައްދާމް ހުސައިންއަށް ތައުރީފްކުރި ކަމަށް ބުނެ ހިތްހަމަ ނުޖެހިގެން އިރާގު ސަރުކާރުގެ ކަލްޗަރ މިނިސްޓްރީން ޑައިރެކްޓަރުގެ ޝަރަފްގައި ބާއްވަން އުޅުނު ޚާއްސަ ހަފްލާއެއް ކެންސަލްކޮށްފިއެވެ.

ޑައިރެކްޓަރ ޣާނިމް ހާމިދުގެ ޝަރަފްގައި ބާއްވަން ހަމަޖެއްސި ހަފްލާ ކެންސަލް ކުރަން އަމުރު ކުރެއްވީ އިރާގުގެ ކަލްޗަރ މިނިސްޓަރ ހަސަން ނާޒިމްއެވެ.

ޑައިރެކްޓަރ ޣާނިމް ހާމިދު ކުރީގެ ރައީސް ސައްދާމް ހުސައިންއާއި، އޭނާގެ ބަޢަޘް ޕާޓީއަށް ތައުރީފް ކުރައްވާފައިވަނީ، އިރާގުގެ ޒުވާން ފަންނާނުންގެ ބަޔަކާ ބައްދަލުކޮށް ވާހަކަ ދައްކަމުން ކަމަށް އިރާގުގެ މީޑިއާއިން ބުނެފައި ވެއެވެ.

މިކަމާ ގުޅުގެން އިރާގު ސަރުކާރުގެ ކަލްޗަރ މިނިސްޓްރީން ބުނެފައިވަނީ، ސައްދާމް ހުސައިންގެ އިތުރުން، އިރާގުގައި ޣައިރުގާނޫނީ ކޮށްފައިވާ ބަޢަޘް ޕާޓީ، ޑައިރެކްޓަރ މަތިވެރި ކޮށްފި ކަމަށެވެ.

އަދި ޑައިރެކްޓަރ ޣާނިމްގެ ޝަރަފްގައި ބާއްވަން ހަމަޖެއްސި ހަފްލާ ކެންސަލްކުރީ، އިރާގުގެ މުޖުތަމައުގެ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ވިސްނުމުގައި ކަމަށްވެސް، ކަލްޗަރ މިނިސްޓްރީން ބުނެފައި ވެއެވެ.

އެހެންނަމަވެސް، ޣާނިމް ހާމިދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން ހަފްލާ ކެންސަލްކުރީ އާންމުތަނެއްގައި ހުރެ "ސައްދާމް ހުސައިންގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަހްމަތް ލައްވާށި" މިހެން ބުނިކަމަށްޓަކައި ކަމަށެވެ.

ސައްދާމް ހުސައިންގެ ބަޢަޘް ޕާޓީ، އިރާގުގައި ޣައިރުގާނޫނީ ކޮށްފައިވާއިރު، އެ ޕާޓީގެ ލީޑަރުން މަތިވެރިކޮށް އެމީހުންނަށް ތައުރީފް ކުރުން އިރާގުގެ ގާނޫނުއަސާސީގައި މަނާކޮށްފައި ވެއެވެ.

އެކަމަކު، ހަފްލާ ކެންސަލްކުރި މައްސަލާގައި އިރާގުގެ ސޯޝަލް މީޑިއާގައި އާންމުން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.