އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އޭޕްރީލް 8 ވަނަ ދުވަހު ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް އަޙްމަދު ޝަމީމްއެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކުދިންނާ މުހާތަބު ކުރައްވައި އަޙްމަދު ޝަމީމް ދެއްކެވި ވާހަކަ ފުޅުގައި، ފަތަން ދަސްކުރުމުގެ ޕްރޮގްރާމުން ދަސްވިކަންކަމާއި ލިބުނު ހުނަރު ބޭނުންކުރުމާއި ފެތުމުގެ ހުނަރު ދެމެހެއްޓުމަށް މަސައްކަތް ކުރުމަށާއި މޫދަށްދާއިރު ބެލެނިވެރިއަކާ އެކުގައި ދިޔުމަށް ނަސޭހަތްތެރިވިއެވެ. އަދި ހުރިހާ ކުދިންނަކީވެސް ގަވާއިދަށް ހުރުމަތްތެރިކޮށްހިތައި މައިންބަފައިންނާއި މުދައްރިސުންގެ ބަސްއަހާ އެހެން މީހުންނަށް އިހްތިރާމްކުރާ ކުދިންތަކަކަށް ވުމަށް އެދިލެއްވިއެވެ.
ބެލެނިވެރިންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި، ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ފުލުހުންގެ މަސައްކަތް ބިނާވެފައިވަނީ ރައްޔިތުންނާ ގުޅިގެން ކަމަށާއި ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ޕްރޮގްރާމުތައް ހިންގުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި އަދި ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަ ކުރެއްވިއެވެ.
މާރިޗް 8 އިން 31 އަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ އެ ޕްރޮގްރާމުގައި 28 ކުދިން ފަތަން ދަސްކޮށްފައިވެއެވެ.