އެއްހާސް ފޫޓު އުހަށް އަރައި ބަލާލުމުން އެފެންނަ މަންޒަރުތަކަކީ، ފިލްމު އަވެޓާރ Avatar ގައި ފެނުނު މަންޒަރުތަކެވެ. ދުނިޔޭގެ އެންމެ އުހުގައި ހާމައަށް ހަރުކޮށްފައިވާ ތިން ލިފްޓުން ފަތުރުވެރިންނަށް އެހެން ތަނަކުން ނުފެންނާނެ ފަދަ ހިތްގައިމު މަންޒަރުތައް ދައްކައި ދެއެވެ.

މި ލިފްޓްތައް މައްޗަށް އަރައިގެން ދަނީ 88 ސިކުންތުގެ ތެރޭގައެވެ. ފުރަބަންދުން ފިލުވާލުމާއެކު ޗައިނާގެ އެތެރޭގައިވެސް ފަތުރުވެރިން މިހާރު ވަނީ ހޭލަމޭލަވާން ފަށާފައެވެ.

ޔުނެސްކޯގެ ހިމާޔަތް ކުރެވިފައިވާ މިސަރަހައްދަކީ ހޫނާން ޕްރޮވިންސްގެ ފުނުގައި ފޮރުވިފައި އޮންނަ ހިސާބު ގަނޑެކެވެ.

ޖޭމްސް ކެމެރަން 2009 ގައި އުފެއްދި ފިލްމު، އަހަރަމެންނާ ހަމައަށް ގެނެސްދީފައިވަނީ މި މަންޒަރުތަކުން އޭނާގެ ޚިޔާލާތު މުއްސަނދިކޮށްގެންނެވެ.

މި ފަރުބަދައިގެ ސީދާ އަރިމައްޗާއި އަދި އޭގެ ފަތާކޮށް ކުންނުއަށް މީހުން ކުރިންވެސް އަރައި އުޅުނެވެ. ދާދި ފަހަކާ ޖެހެންދެން މިތާނގެ ރީތިކަން މީހުން ބަލާލަނީ ކޭބަލް ކާރެއް ގައެވެ.

މިމަންޒަރުތަކާއި މިތަނުގެ ފަތުރުވެރިކަމުގެ އަގު އިހުސާސް ކުރެވެމުން، މިތާގައި ލިފްޓުތައް ބެހެއްޓީއެވެ. ބެއިލޯން އެލެވޭޓާ ކުންފުނީގެ މީހުން ބުނާ ގޮތުން މިފަރުބަދައިގެ ޖިއޮގްރަފީ ހުރިގޮތުން އެމީހުންނަށް މިފަދަ ލިފްޓެއްގެ މުހިންމުކަން އިހުސާސް ވީއެވެ.

ބެއިލޯންގ ގެ މާނައަކީ އެއްހާސް ޑްރެގަން އެވެ. ބައެއް ދިވެހިން ޑްރެގަންއަށް ނަގޫސޭސަރޭ ވެސް ކިޔައި އުޅެއެވެ!

ކޭބަލް ކާރާ ނުލައިވެސް މި މާހައުލުގެ ފެހި މަންޒަރުތައް ބަލަން މީހުން ތިން ގަޑި އިރުގެ ބުރަ މަސައްކަތުން މިފަރުބަދައަށް އަރައި ހަދައެވެ.

ދުވާލެއްގެ މައްޗަށް ސާދަހާސް ފަތުރުވެރިން މި ލިފްޓް ބޭނުން ކުރެއެވެ. މީގައި ދަތުރެއް ކޮށްލުމަށް ދިވެހި 300 ރުފިޔާ ހޭދަ ކުރަން ޖެހެއެވެ.