ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް އޭނާގެ ސަރުކާރު ވަނީ ވައްޓާލާފައެވެ. މިއީ ޕާކިސްތާންގެ ތާރީކްގައި ބޮޑު ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގައިގެން ބޮޑު ވަޒީރު ބޭރު ކުރި ފުރަތަމަ ފަހަރެވެ.
ޕާކިސްތާންގެ ސުޕްރީމް ކޯޓުގެ އަމުރަށް އިއްޔެ ބޭއވި ޖަލްސާ ފަނީ ހަތަރު ފަހަރަށް މެދު ކަނޑާލާފައެވެ. ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ހޮނިހިރު ދުވަހު ވޯޓް ނަގައި ނިންމަން ޖެހެއެވެ. ނަމަވެސް ދުވަސް ނިމެން ދަނިކޮށް ސްޕީކަރާއި އޭނާގެ ނާއިބްވެސް އިސްތިއުފާ ދެއްވުމުން އިދިކޮޅު މެމްބަރަކު ޖަލްސާގެ ރިއާސަތުގައި އިންނަވައިގެން ހޮނިހިރު ދުވަސް ނިމި މެންދަންވެގެން އަނެއްދުވަހަށް ލައިގަތްތާ ދެ މިނެޓްފަހުން އައު ޖަލްސާއެއް ބާއްވައި އިމްރާން ޚާން ބޭރުކޮށްލީއެވެ.
ތަހްރީކޭ އިންސާފް ޕާޓީން ކުރިއަށް ގެންދާ ޑްރާމާ އަދިވެސް ނިމުމެއް ނެތެވެ. އިމްރާން ޚާންގެ ޕާޓީން ބުނެފައި ވަނީ މާދަމާ (ހޯމަ ދުވަހު) ޕާލަމެންޓްގެ ދަށުގެ ނޭޝަނަލް އެސެމްބްލީން އެޕާޓީގެ މެމްބަރުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. ޕީޓީއައިގެ އިސް ލީޑަރު އަދި ކުރީގެ އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ވަނީ މީޑިއާގައި މިކަން ކަށަވަރު ކޮށްދެއްވާފައެވެ.