އިސްރާއީލުގެ ސިފައިން ފަލަސްތީންގެ ޖެނީން ސިޓީގައި އާ އަސްކަރީ އޮޕަރޭޝަނެއް މިއަދުގެ ފަތިހުން ފެށިގެން ފަށައިފިއެވެ. އިސްރާއީލު ސިފައިން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންގެ ހަރަކާތްތައް ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އިޒްރޭލު ސަރުކާރުން ވަނީ ހިފެހެއްޓުމަކާއި ނުލައި ސިފައިން އަޅަން ބޭނުންވާ ކޮންމެ ފިޔަވަޅެއް އެޅުމުގެ ހުއްދަ އެމީހުންނަށް ދީފައެވެ.

"ސަލާމަތީ ކަންކަން އަލުން ގާއިމް ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން،" އިޒްރޭލުގެ ޗީފް އޮފް ސްޓާފް އަވީވް ކޮޝާވީ ވަމޯ ސިފައިންގެ ފަރާތުން ބްރޯޑްކާސްޓް ކުރި ވީޑިއޯއެއްގައި ބުނެފައެވެ.

"ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ސިފައިންނާއި ޖާސޫސީ އިދާރާއާއި ސަލާމަތީ އެހެން ޚިދުމަތްތަކުން މަސައްކަތް ކުރަމުން ދަނީ އެއްވެސް ހުރަހެއް ނެތި ކަމަށް ތަކުރާރުކޮށް އަޅުގަނޑު މި ދަންނަވަނީ،" އިޒްރޭލުގެ ބޮޑުވަޒީރު ނަފްޓާލީ ބެނެޓް ވިދާޅުވި އެވެ.

ފަލަސްތީނުގެ އަސީރުންގެ ފަރާތުން ބުނީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުން އިސްރާއީލު ސިފައިން 24 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ މީހުން ހައްޔަރު ކޮށްފައިވަނީ ޖެނީން އާއި ތޫލްކަރަމްއާ ކައިރި ވިލްޖުތަކުން ކަމަށެވެ. އަދި އިޒްރޭލު ސިފައިން ބަޑި ޖެހުމުން 11 މީހެއްގެ ގަޔަށް ވަޒަން އަރާފައިވާ ކަމަށްވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އިޒްރޭލުން މި ހަމަލާތައް ފަށާފައި ވަނީ އުމުރުން 28 އަހަރުގެ ރަޢަދު ފަތްޙީ ހާޒިމް ޓެލްއަވީވްގައި ދިން ހަމަލާއަށް ފަހުއެވެ. އޭނާއާއި އޭނާގެ ކުރިން އިޒްރޭލަށް ހަމަލަ ދިން ޒުވާނާއަކީ ޖެނީންގެ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ މީހުންނެވެ.