ނޫސްވެރިޔާ، ރާޖީވް ޝަރުމާ (މެދުގައި) އާއެކު ހައްޔަރުކޮށްފައި ވަނީ ޗައިނާ އަންހެނަކާއި އޭނާގެ ނޭޕާލީ ރަހުމަތްތެރިޔާއެވެ. މިދެމީހުން ހައްޔަރުކޮށްފައި ވަނީ ރާޖީވް ޝަރުމާއަށް ގިނަ އަދަދެއްގެ ފައިސާ ފޮނުވައި ދިނުމާ ގުޅިގެންނެވެ.

ދިއްލީ ފުލުހުން ބުނެފައި ވަނީ ރާޖީވް ޝަރުމާ ހައްޔަރުކޮށްފައި ވަނީ ދައުލަތުގެ ސިއްރުތައް ރައްކާތެރިކުރާ ބެހޭ އޮފިޝަލް ސީކްރެޓްސް އެކްޓްގެ ދަށުންނެވެ. އޭނާއަށް ތުހުމަތުކޮށްފައި ވަނީ ޗައިނާގެ ޖާސޫސީ ފަރާތްތަކަށް އިންޑިއާ ސިފައިން ތިބޭ ތަންތަނާ ބެހޭ މަޢްލޫމާތާއި އިންޑިއާގެ ސްޓްރެޓެޖީތަކާ ބެހޭ މަޢްލޫމާތު ފޯރުކޮށް ދެމުން ގެންދިއުމުގެ ތުހުމަތުގައެވެ.

ޝަރުމާ ހައްޔަރުކޮށްފައި ވަނީ ދިއްލީގެ ފުލުހުންގެ ޙާއްސަ ސެލްއަކުން ހޯމަ ދުވަހުއެވެ. އޭނާ ހައްޔަރުކުރި އިރު އޭނާގެ އަތުގައި އިންޑިއާގެ ދިފާއީ ކަންކަމާ ބެހޭ މަޢްލޫމާތު ހިމެނޭ ސިއްރު ޑޮކިއުމެންޓްތަކެއްވެސް ހުއްޓެވެ.

ޖެހިގެން އައި ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން ހަދުވަސް ބަންދަށް ޖަހައި ދީފައި ވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޝަރުމާއަށް ދޮޅު އަހަރު ދުވަސްތެރޭގައި ޗައިނާއިން ހަތަރު މިލިއަން ރުޕީސް ލިބިފައި ވެއެވެ. އޭނާ ފޯރުވައިދޭ ކޮންމެ މަޢްލޫމާތަކަށް އެއްހާސް ޑޮލަރު ޗައިނާއިން ދީފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އަދި އޭނާ ދިޔައީ އެދުވަސްވަރު ޗައިނާގެ ގްލޯބަލް ޓައިމްސްއަށް މަޒްމޫނު ލިޔެދެމުންނެވެ.

ދޮޅު އަހަރު ތެރޭ ޗައިނާއިން ހަތަރު މިލިއަން ރުޕީސް، ދޭ ކޮންމެ މަޢްލޫމާތަކަށް އެއްހާސް ޑޮލަރު. އެތެރެއާއި ބޭރުގައި ބައްދަލުވުންތައް. އާމްދަނީއާ ނުބައްދަލު މިންވަރަށް ފައިސާ ގެންގުޅުނު.

ފުލުހުން ލަފާ ކުރާ ގޮތުގައި އޭނާއާ ޗައިނާގެ ޖާސޫސީ ފަރާތްތަކުން ގުޅުން ގާއިމްކޮށްފައި ވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ.

ޗައިނާގެ ޖާސޫސީ ފަރާތްތަކާ ޝަރުމާ ގުޅުން ބާއްވާފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރާއިރު އޭނާ އިންޑިއާގެ ބައެއް ނޫސްތަކަށްވެސް ލިޔެ ދީފައި ވެއެވެ.

ޝަރުމާއާ ގުޅޭ ގޮތުން ހައްޔަރުކޮށްފައިވާ ޗައިނާ އަންހެން މީހާއާއި ނޭޕާލް މީހާއަކީ، މަހީޕާލްޕޫރުގައި ކުންފުންޏެއް ހަދައިގެން ޗައިނާއަށް ބޭސް އެކްސްޕޯޓް ކޮށްދިން ބައެކެވެ.

މި ދެމީހުންނާއި ޝަރުމާ އެކި ފަހަރުމަތިން އެކި ތަންތާގައި ބައްދަލުކޮށްފައިވާ ކަމަށްވެއެވެ. އަދި ބައެއް ފަހަރު އިންޑިއާއިން ބޭރުގައިވެސް ބައްދަލުކޮށްފައި ވެއެވެ.