ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވިދާޅުވީ، ސްރީލަންކާގައި ކޮވިޑް-19 ގެ ލޮކްޑައުންގެ ސަބަބުން ގައުމުގެ ބޭރުގެ ރިޒާވް ދަށަށް ދިޔަ ކަމަށެވެ.

ސްރީލަންކާއިން 1948 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުނުފަހުން ކުރިމަތިވި އެންމެ ވޭންދެނިވި އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި، ކާބޯތަކެއްޗާއި ތެލުގެ ދަތިކަމާއި، އަދި ރެކޯޑް މިންވަރަކަށް އިންފްލޭޝަން މައްޗަށް ގޮސްފައި ވެއެވެ. ސްރީލަންކާގައި ގަވާއިދުން ކަރަންޓު ކެނޑެމުން ދެއެވެ. މިކަންކަމުގެ ސަބަބުން، ސްރީލަންކާގެ ރައްޔިތުންނަށް ވަނީ އާދަޔާ ޚިލާފު ހިތްދަތިކަމެއް ކުރިމަތިވެފައެވެ.

"އަޅުގަނޑުމެން ނަށް މި ކާރިސާ އާ ކުރިމަތިލާން ޖެހިފައި މިވަނީ، މި ބަލިމަޑުކަމާ ކުރިމަތިލުމަށް ފަހު. ގައުމުގެ އިގްތިސޯދު ދަށަށް ދިޔަކަން އެނގޭ އިރުވެސް އަޅުގަނޑުމެން ނަށް މަޖުބޫރުވީ ލޮކްޑައުން އަކަށް ދާން. އެހެންވެ އަޅުގަނޑުމެންގެ ބޭރު ރިޒާވް ތައް ހުސްވީ،" ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ގައުމާ މުހާތަބު ކުރައްވާ ވިދާޅުވި އެވެ.

"ރައީސް އާއި އަޅުގަނޑު ކޮންމެ ވަގުތަކު ވެސް ހޭދަ ކުރަމުން މިދަނީ ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ މި ހާލަތުން އަރައިގަންނާނީ ކިހިނެއްތޯ ހައްލުތަކެއް ހޯދުމުގައި" އޭނާ ވިދާޅުވި އެވެ.

މުޒާހަރާތައް އިތުރު ވިޔަ ނުދިނުމުގެ މަގްސަދުގައި، ސިންގަޅަ އަދި ތަމަޅަ އައު އަހަރާ ދިމާކޮށް މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ އިތުރު ރަސްމީ ބަންދު ދުވަސްތައް ވެސް ހަމަޖައްސާފައެވެ.

ރާޖަޕަކްސަ ވަނީ މުޒާހަރާގެ ބައިވެރިންގެ ކިބައިން ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް ނިމުމަކަށް ގެނައުމަށް އެދިވަޑައިގެންފައެވެ. އަދި މުޒޒާހަރާ ކުރާ މީހުން މަގުތަކުގައި ހޭދަކުރާ ކޮންމެ މިނެޓަކީ ގައުމަށް ޑޮލަރު ވަންނަ މިންވަރު ދަށްވެގެންދާ ކަމެއް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

"2010 ވަނަ އަހަރު ހަނގުރާމަ ކާމިޔާބު ކުރުމަށް ފަހު އަޅުގަނޑުމެން އިންތިހާބު ކާމިޔާބު ކުރީ، މީހުން މިހާރު ވަނީ އެވާހަކަތައް މަތިން ހަނދާން ނައްތާލާފަ. އެކަމަކު އެކަންތައްތައް އަޅުގަނޑުގެ ހަނދާނުގައި އެބަހުރި. އަޅުގަނޑު މި ވައުދު ވަނީ، މުސްތަޤްބަލުގައި ދުވަހަކުވެސް ދެން ސްރީލަންކާއިން ކަރަންޓު ކެނޑުމަށް ފުރުސަތު ނުދޭނެކަމަށް. އިންޖީނުގެ އެޅުމަށް އަޅުގަނޑުމެން ހުށަހެޅިން. އެކަމަކު ކުރީގެ ސަރުކާރުން އަޅުގަނޑުމެންގެ ހުށަހެޅުމަށް އެއްބާރު ލުމެއް ނުދިން. އެބޭފުޅުން އެކަމަށް ޒިންމާވާން ޖެހޭނެ" ބޮޑުވަޒީރު ވިދާޅުވި އެވެ.

ސްރީލަންކާ އިގްތިސާދީ ކާރިސާއަކަށް ދިޔައީ ރާޖަޕަކްސަގެ ސަރުކާރުން ކަމަށް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ ވިދާޅުވިތާ އިރުކޮޅެއްގެ ފަހުން ރާޖަޕަކްސަ ވަނީ ގައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވާފައެވެ.