ދުނިޔޭގެ އެންމެ "ސްމާޓް ސިޓީ" އަކަށް ޗައިނާގެ ޝަންހާއީ ހޮވައިފިއެވެ.

ދުނިޔޭގެ އެންމެ ސްމާޓް ސިޓީއަކަށް ޝަންހާއީ ހޮވާފައިވަނީ، ބުދަދުވަހު ބޭއްވި "ސްމާޓް ސިޓީ އެކްސްޕޯ ވޯރލްޑް ކޮންގްރެސް" ގައެވެ.

މިއީ، މިއެވޯޑު ޗައިނާގެ ސިޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ އެންމެ ސްމާޓް ސިޓީ ހޮވުމުގައި ވަރަށް ގިނަ ކަންކަމަށް ބަލައެވެ.

"ސިޓީ އެވޯޑު" ކެޓަގަރީން ޝަންހާއީ އެއްވަނައަށް ހޮވުނުއިރު، މިދިޔަ އަހަރު މި އެވޯޑު ގެންގޮސްފައިވަނީ ސްވިޑަންގެ ސްޓޮކްހޯމުންނެވެ.

2011 ވަނަ އަހަރުން ފެށިގެން "ސްމާޓް ސިޓީ އެކްސްޕޯ ވޯރލްޑް ކޮންގްރެސް" ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަނީ ސްޕެއިންގެ ބާސެލޯނާގައެވެ.

އެހެން ނަމަވެސް، ކޮވިޑް ބަލީގެ ހާލަތާ ގުޅިގެން މިއަހަރުގެ "ސްމާޓް ސިޓީ އެކްސްޕޯ ވޯރލްޑް ކޮންގްރެސް" އަންގާރަ ދުވަހާއި ބުދަދުވަހު ބާސެލޯނާގެ އިތުރުން، ޝަންހާއީ އަދި ނިއުޔޯކްގައިވެސް އެއް ވަގުތެއްގައި ކުރިއަށް ގެންގޮސްފައި ވެއެވެ.

މިއަހަރުގެ ކޮންގްރެސް ކުރިއަށް ގެންދިޔައީ އޮންލައިން ކޮށާއި، އޮފްލައިންކޮށެވެ.

"ސްމާޓް ސިޓީ އެކްސްޕޯ ވޯރލްޑް ކޮންގްރެސް" ގެ ސީއީއޯ މާއޮ ހުއިޑޮންގ ވިދާޅުވީ، އެންމެ ސްމާޓް ސިޓީގެ އެވޯޑު ޝަންހާއީއަށް ހާސިލްކުރެވުނީ، ޓެންނޯލޮޖީގެ ރޮނގުން ސިޓީ ކުރިއަރުވައި، ސްމާޓް ސިޓީއަކަށް ހެދުމަށް މިފަހުން ކޮށްފައިވާ ގިނަގުނަ މަސައްކަތްތަކާއި، އޭގެ ބޭނުންތެރިކަމާއި އަދި ހާސިލްކޮށްފައިވާ ނަތީޖާގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ޝަންހާއީގައި މިވަގުތުވެސް 31،400 5ޖީ އައުޓްޑޯ ބޭސް ސްޓޭޝަނާއި، 49،800 5ޖީ އިންޑޯ ކުދި ސްޓޭޝަންތައް ގާއިމްކޮށްފައި އެބަހުއްޓެވެ.

ޝަންހާއީގެ ޑެޕިއުޓީ މޭޔަރ ވޫ ކިންގ ވިދާޅުވީ، އާރބަން ތަރައްގީގައި ޑިޖިޓަލައިޒޭޝަންއާއި، ނެޓްވޯރކިންގއާއި، އިންޓެލިޖެންސަށް ޝަންހާއީން ވަރަށްބޮޑު އިސްކަމެއް އަދި މުހިންމުކަމެއް ދޭ ކަމަށެވެ.

ހަމަ އެއާއެކު، ޝަންހާއީ ސިޓީއަކީ ރައްޔިތުންނަށް އުފާވެރިކަމާއި، ރައްކާތެރިކަން ލިބިދޭ، އެ އިހުސާސްކުރެވޭފަދަ ސްމާޓް ސިޓީއަކަށް ހެދުމަށްޓަކައި، ސިޓީގެ ކަންކަން ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް އަދިވެސް ފުޅާކުރާނޭ ކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.