އިސްލަމްއާބާދުގައި ވެރިކަން ބަދަލު ވުމާއެކު، އަހަރުތަކެއްގެ ނުތަނަވަސްކަމަށްފަހު، ދެކުނު އޭޝިއާގެ ދެ ނިއުކްލިއަރ ބާރުގެ ގުޅުމަށް އައު ދިރުމެއް އަތުވެދާނެ ކަމަށް މުހައްލިލުން ދެކެއެވެ. އިންޑިއާއާއި ޕާކިސްތާނުން ވަނީ ވޭތުވެދިޔަ 75 އަހަރުގެ ތެރޭގައި ތިން ހަނގުރާމައެއް ކޮށްފައެވެ.
މުހައްލިލުން ދެކޭ ގޮތުގައި އިމްރާން ޚާނާ ޚިލާފަށް، ޝެހްބާޒް ޝަރީފަކީ އިންޑިއާއާއެކު ވަހަކަ ދައްކައިގެން މައްސަލަތައް ހައްލުކޮށް މުއާމަލާތު ކުރައްވަން ތައްޔާރަށް ހުންނެވި ބޭފުޅެކެވެ.
ނިއު ދިއްލީގެ ޖާމިއާ މިލިއާ އިސްލާމިއާ ޔުނިވާސިޓީގެ އިންޓަނޭޝަނަލް ސްޓަޑީޒްގެ ޕްރޮފެސަރެއް ކަމަށްވާ އަޖޭ ދަރްޝަން ބެހެރާ އޭއެފްޕީއަށް ވިދާޅުވެފައި ވަނީ "ޝެހްބާޒަކީ، އިންޑިއާ އަށް ނަފުރަތު ކުރުމުގައި ހައްދުފަހަނައަޅާ ދާނެ މީހެއް ނޫން" ކަމަށެވެ.
ޝެހްބާޒް ޝަރީފް ވަނީ، 2013 ވަނަ އަހަރު އިންޑިއާއަށް ޒިޔާރަތް ކުރައްވާފައެވެ. އޭނާ ވަޑައިގެންނެވީ ޕަންޖާބުގެ ޗީފް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން އޭނާގެ މައިފުނަ އަވަށަށް ޒިޔާރަތަކަސެވެ.
އިންޑިއާއާއި ޕާކިސްތާންގެ ދެމެދު ޕަންޖާބު ސްޓޭޓް ބަހާލުމުން، ޝަރީފް އާއިލާގެ މައިފުނަ ރަށް އޮންނަނީ އިންޑިއާގެ ޕަންޖާބުގައެވެ.
ޝެހްބާޒް ޝަރީފްގެ އިންޑިއާ ދަތުރުފުޅުގައި ނިއުދިއްލީއަށް ވަޑައިގެން އޭރުގެ ބޮޑުވަޒީރު މަންމޯހަން ސިންގްއާއި، އެހެން މަސްއޫލުވެރިންނާވެސް ބައްދަލު ކުރެއްވިއެވެ. އަދި އެފަހުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޝަރީފް ޚާންދާންގެ އާއިލީ ކައިވެނި ހަފުލާއެއްގައިވެސް ބައިވެރިވެވަޑައިގެންފަ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އަހަރެއްހާ ދުވަސް ފަހުން 2015 ވަނަ އަހަރު މޮދީ ޕާކިސްތާނަށް ކުއްލި ދަތުރުފުޅެއް ކުރެއްވި އިރު، ބޮޑު ވަޒީރުކަމުގައި ހުންނެވީ، ޝެހްބާޒްގެ ބޭބެ، ނަވާޒްއެވެ.
އިސްލާމްއާބާދުގައި ހުންނަ ސެންޓަރ ފޮރ ރިސަރޗް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ އިމްތިއާޒް ގުލް ވިދާޅުވީ، ޝަރީފް ޚާންދާނަކީ، އާންމު ގޮތެއްގައި އިންޑިއާގެ ލީޑަރުންނާ ގާތް ގުޅުންތަކެއް ބާއްވާ ބައެއް ކަމަށެވެ. އަދި މިއީ މައިގަނޑު ގޮތެއްގައި އިންޑިއާއިން އަލުން މަޝްވަރާތައް ފެށުމަށް ރަނގަޅު ހިސާބެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާ އާއި ޕާކިސްތާންގެ ގުޅުން އަލުން ގޯސްވެގެން ދިޔައީ، މޯދީގެ މި ދަތުރުފުޅަށްފަހު، 2008 ވަނަ އަހަރު ޕާކިސްތާންގެ ޓެރަރިސްޓުން މުމްބާއީއަށް ދިން ހަމަލާއަށްފަހު އެވެ. އަދި ފަހުން ކަޝްމީރުގައި ހަމަލާތައް އިތުރުވެ، 2019 ވަނަ އަހަރު އެ ސަރަހައްދުގެ ބޯޑަރު ހުރަސްކޮށް ވައިގެ މަގުން ހަމަލާތަކެއްވެސް އަމާޒު ވެފައި ވެއެވެ. ފަހުން އިތުރަށް ހީނަރުވެގެން ދިޔައީ ކަޝްމީރު އިންޑިއާގެ ޔޫނިއން ޓެރިޓަރީގެ ބައެއްކަމުގައި ހަމަޖެއްސުމުންނެވެ.
އިންޑިއާއިން ވަނީ މި ހައިޖާނުގެ ތެރޭގައި ޑިޕްލޮމެޓިކް ގުޅުމުގެ ފެންވަރު ދަށްކޮށް، ސީދާ ވިޔަފާރި މެދުކަނޑާލާފައެވެ.
އިމްރާން ޚާން ވެރިކަމަށް ވަޑައިގެން ބަހުގެ ހަނގުރާމައެއް ފެއްޓެވިއެވެ. ހަފްތާ ބަންދުގައި އިމްރާން ޚާން މަގާމުން ވަކިކުރުމާއެކު އިންޑިއާގެ މުހައްލިލުން އުންމީދުވެރި ގޮތަކަށް ގުޅުން ރަގަޅުވާނެ ކަމަށް ދެކެވަޑައިގަންނަވައެވެ.
"ސުލްހަވެރިކަމާއެކު ގުޅިގެން އުޅުމާއި، މަޝްވަރާކޮށްގެން ދެބަސްވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ އަސާސީ ޑިޕްލޮމެޓިކް މިންގަނޑުތަކުގެ މައްޗަށް ބިނާކޮށް ޕާކިސްތާނާއެކު އާ ގުޅުމެއް ބާއްވަން ޖެހޭ،" އޭއެފްޕީއާ ވާހަކަ ދައްކަވަމުން އިންޑިއާގެ މުހައްލިލަކު ވިދާޅުވި އެވެ.
އަދި އެކަމުގެ ސަބަބުން ޕާކިސްތާނަށްވެސް އަދި އިންޑިއާއަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
އިންޑިއާ ބޮޑު ވަޒީރު މޯދީ ވަނީ ޝެހްބާޒަށް ޓްވިޓާ މެދުވެރިކޮށް މަރުހަބާ ވިދާޅުވެ، ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
ޝެހްބާޒްވެސް ވަނީ ޕާކިސްތާނުން "އިންޑިއާއާ އެކު ރަނގަޅު ގުޅުމެއް" ބާއްވަން ބޭނުންވާ ކަމަށް ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ހޯމަ ދުވަހު ވިދާޅުވެފައެވެ.
ބޮޑުވަޒީރުގެ ހައިސިއްޔަތުން ޝެހްބާޒްއަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ، އިންތިހާއަށް ބޮޑު ދަރަންޏަކާއި ތަކެތީގެ އަގު ބޮޑުވެ މީހުން ފަގީރުވަމުން ދިއުމުގެ މައްސަލައށް ހައްލެއް ހޯއްދަވާށެވެ. އިގްތިސާދު ހީނަރުވުމުން ޕާކިސްތާނުގެ އިގުތިސާދު ވަނީ ފާއިތުވި ތިން އަހަރު ހުއްޓުމަކަށް އައިސްފައެވެ.
ޖާމިއާ ޔުނިވާސިޓީގެ ބެހެރާ ވިދާޅުވީ، އިންޑިއާއާއެކު އޮތް ވިޔަފާރީގެ ގުޅުންތައް އަލުން ފެށުމުގެ މުހިންމުކަން ޝެހްބާޒަށް އިހުސާސް ކުރެއްވޭނެ ކަމަށެވެ.