އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަޖާޒީ ބައްދަލުވުން ނިމިގެން ގޮސްފައިވަނީ ދެ ފަރާތުން ޚިޔާލު ތަފާތުވާ މައްސަލަތައް އެގޮތަށް ހުރެ ދެ ފަރާތުން އެއްބަސްވާ ކަންކަމުގައި ކުރިއަށް ދިއުމަށް އެއްބަސްވަމުންނެވެ. ދެފަރާތުންވެސް ވަނީ ރަޝިޔާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ދިމާވާން އޮތް ގޮންޖެހުންތައް ހައްލުކޮށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެތީ އެކަމަށް ހައްލު ހޯދުމަށް އެއްބަސްވެފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވި އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވީ ދެ ލީޑަރުން ވަނީ އެއް ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކެއް ކުރައްވާފައި ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައާއި، އިންޑިޔާގެ ދިފާޢީ އަދި ހަކަތައާ ގުޅުން ހުރި ގިނަ ކަންތައްތަކެއްގައި ޚިޔާލު ބަދަލުކޮށްފައި ވެއެވެ. އިންޑިއާއިން ވަނީ ވަރަށް ހެޔޮ އަގުގައި ރަޝިޔާގެ ތެޔޮ އެތެރެ ކުރުމަށް އެއްބަސްވެފައެވެ. މި ކަން ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ވަކި ގޮތަކަށް ބާރުއަޅުއްވާފައެއް ނުވެއެވެ. އަދި އިންޑިއާއިންވެސް މި އިމްޕޯޓް ހުއްޓާލުމަށް އެއްވެސް ޚާއްސަ ވައުދެއް ވެވަޑައިގެންފައެއް ނުވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
"ކޮންމެ ގައުމަކުންވެސް އެގައުމަކަށް ފަހިވާ ގޮތަށް އަމިއްލައަށް ގޮތް ނިންމަން ޖެހޭ.... އެހެންވެ، ރަޝިއާއިން ތެޔޮ އިމްޕޯޓް ކުރުން އަވަސް ކުރަން ނުވަތަ އިތުރު ކުރަން އިންޑިއާ އިން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން،" ފޯނުން ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ނަމަވެސް މޯދީ ވަނީ ބުޝާގެ މަރުތަކާ ގުޅޭ މައުޟޫ އަމިއްލައަށް ނަންގަވާފައެވެ. އަދި އެއްވެސް ފަރާތެއް ކުށްވެރި ކުރެއްވުމަކާ ނުލައި މޮދީ ވަނީ މި ޖަރީމާ ކުށްވެރި ކުރައްވާފައެވެ. އަދި އެ މައްސަލަ އަދުލުވެރި ކަމާއެކު ތަހުގީގެއް ހިންގުމަށްވެސް އެދިވަޑައިގެންފަ އެވެ. އަދި ރަޝިއާ އާއި ޔޫކްރެއިންގެ ރައީސުންނާ ވެސް ވާހަކަ ދެއްކެވި ކަމަށާއި ސީދާ މަޝްވަރާއަށް ބާރު އަޅުއްވާ ފައިވާނެ ކަމަށްވެސް މޮދީގެ ވާހަކައިގައި ވިދާޅުވި އެވެ. އަދި ޔޫކްރެއިން އިން ހޯދަން ބޭނުންވާ ބޭސްތަކުގެ އިތުރު ޝިޕްމަންޓެއް އިންޑިއާއިން ފޮނުވާނެ ކަމަށް ވެސް އޭނާ މައުލޫމާތު ދެއްވިއެވެ.
މި މަޝްވަރާތަކުގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއާއި ނޭޓޯއިން ގެންގުޅޭ ސިޔާސަތަށް އިންޑިއާއިން މާބޮޑު ތާއީދެއް ދައްކަވާފައެއް ނުވެއެވެ.
ރަޝިޔާއާއި ޔޫކްރެއިންގެ މައްސަލާގައި އިންޑިއާއާއި އެމެރިކާގެ ދެމެދު އޮތް ތަފާތު، މަޝްވަރާގެ މޭޒުދޮށަށް އައި އިރުވެސް ހާމަވެގެން ދިޔައެވެ.
މި ބައްދަލު ވުމާބެހޭ ގޮތުން ނޫސްވެރިންނާ ޙިސާ ކުރެވުނު މައުލޫމާތުގައި ވަނީ ދެކުނު އޭޝިޔާއާއި، އިންޑޯ-ޕެސިފިކް ސަރަޙައްދާއި އަދި ދެޤައުމުގެ މަސްލަޙަތު ހިމެނޭ ބައިނަލްއަޤްވާމީ އެހެން މައްސަލަތަކާ ބެހޭގޮތުން ދެޤައުމުގެ ދެމެދުގައި މިހާރު ހިނގަމުންދާ މުޢާމަލާތްތައް އަލުން މުރާޖަޢާ ކުރައްވައި، ދެޤައުމުގެ ދެމެދުގައި ވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރާއި ދިފާއީ ވަޒީރު ރާޖްނާތު ސިންހްގެ 2+2 ގެ މަޝްވަރާތައް ބޭއްވުމުގެ ކުރިންނެވެ.