ޕާކިސްތާންގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރުންގެ މަތީ ފެންވަރުގެ ބައްދަލުވުމއް ބާއްވައިފިއެވެ. ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގަމަރު ޖާވިދު ބާޖްވާ އިސްވެ އިންނެވި ބައްދަލުވުމުގައި ޕާކިސްތާން ސިފައިންނަށް ފާޑު ކިޔުމަށް ހިންގާފައިވާ ކެމްޕޭން ސަމާލުކަމަށް އައިސްފައިވާ ކަމަށް ވިދާޅުވެ އެކަމާ މެދު ބަހުސް ކުރެވުނެވެ. އަދި ޕާކިސްތާންގެ މުއައްސަސާތަކުން ގާނޫނުއަސާސީ ނަގަހައްޓާފައިވާތީ އެކަމަށްވެސް ސިފައިން ވަނީ ތައުރީފް ކޮށްފައެވެ.
ސިފައިންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ވަނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި، ވެރިން ކުރައްވާ މަސައްކަތަށް ސިފައިންގެ ފުރިހަމަ އިތުބާރު އޮތް ކަމަށެވެ.
ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަން ވައްޓާލުމާ ގުޅިގެން އެޕާޓީގެ މެމްބަރުން މަގުތަކުގައި ބޭއްވި މުޒާހަރާތަކުގައި ސިފައިންނަށް ފާޑު ކިޔާފައި ވެއެވެ. ޓްވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ސިފައިންނާ ދެކޮޅަށް ހިންގި ކެމްޕޭންތައް ވަނީ ވަރަށް ފޯރިގަދަކޮށް ޓްރެންޑްވެފައެވެ.
ޚާންއަށް ތާއީދުކޮށް އާދީއްތަ ދުވަހު މުޅި ގައުމުގައި ކުރި މުޒާހަރާތަކުގައި އަސްކަރިއްޔާއަށް ފާޑުކިޔާ ޝިއާރުތައް ވެސް ވަނީ އަޑުއުފުލާފަ އެވެ.
ސިފައިންގެ ބަޔާނުގައި ބުނެފައި ވަނީ ޕާކިސްތާންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ މަތިވެރި މަސައްކަތް ކަމަށެވެ.
މިނިވަން ޕާކިސްތާންގެ ތާރީޚްގެ ބޮޑު ބައެއްގައި ސިފައިން ވަނީ ވެރިކަން ކޮށްފައެވެ. އަދި ސިޔާސީ ކޯޅުންތައް ބޮޑުވާހިނދު ސިފައިން ވެރިކަން ވައްޓާލައެވެ.