މާބަނޑުވުމަކީ އަންހެނުންގެ ހަށިގަނޑަށާއި ހަށިގަނޑުގައިވާ ތަފާތު ނިޒާމްތަކަށް އަދި ހޯރމޯންއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މާބަނޑު ވުމަށްފަހު އެކި މަރުހަލާތަކުގައި ތަފާތުކޮށް ކަންކަން ހިނގަމުންދާއިރު އެކަމުގެ ސަަބަބުން މައިމީހާއަށް ތަފާތު އުނދަގޫތައްވެސް ތަހައްމަލު ކުރަމުންދާޖެހޭ ކަމެކެވެ. މިދުވަސްވަރު ރޯދަ ހިފުން ބިނާވެގެންވަނީ މައިމީހާއާއި ހެދިބޮޑުވަމުންދާ ތުއްތު ދަރިފުޅުގެ ހާލަތަށެވެ. ހާއްސަކޮށް ފުރަތަމަ ތިންމަސްދުވަހަކީ ތުއްތު ދަރިފުޅުގެ ހަށިގަނޑާއި ހަށިގަނޑުގައި ހިމެނޭ ނިޒާމްތައް ފުރިހަމަ ވަމުންދާ ވަގުތުކަމުން، މިދުވަސްކޮޅު ރޯދަހފުން ރަނގަޅީ ދިމާވާ އުނދަގޫތަކަށް ބަލައި އެކަމުގައި ޑޮކުޓަރާއި މަސްވަރާކުރުމަށް ފަހު ދެމައިންނަށް އެކަމުން ގެއްލުމެއް ނުވާނެކަމުގެ ޔަޤީންކަން އޮތްނަމައެވެ. މާބަނޑުވުމަށް ފަހު ރޯދަހިފަން ގަސްދުކުރާނަމަ އެކަމުގައި ސަމާލުކަންދޭން ޖެހޭ ކަންތައްތައް ތިރީގައި މިވަނީއެވެ.

ރަނގަޅަށް ކެއުން

  • ރޯދަވީއްލާއިރު މިންހަމަ ކެއުމެއް ބޭނުން ކުރާށެވެ.
  • ގިނައިން ވިޓަމިންސް ، މިނެރަލްސްގެ ތެރެއިން އަޔަން، އަދި ކެލްސިއަމް ގިނައިން އެކުލެވޭ ކާނާ ކާށެވެ
  • ލަސްލަހުން ހަކަތަ ލިބޭބާވަތުގެ ކެއުން ގިނަ ކުރާށެވެ. މިސާލަކަށް ހޯލްވީޓް ޕާސްޓާ، އޯޓްސް، ސީރިއަލް، ބީންސް ލޮނުނުހިމެނޭ ނަޓްސް.
  • ގިނައިން ޕްރޮޓީން އެކުލެވޭ ކާނާ، މިސާލަކަށް އެއްގަމު މަސް، ބިސް އަދި ބީންސް
  • ރޭގަނޑުގެ ވަގުތުތަކުގައި ވީހާވެސް ގިނައިން ފެން ބޭނުން ކުރާށެވެ

ރޯދަވީއްލާ ވަގުތު މިތަކެއްޗާ ދުރުވާށެވެ.

  • ކެފެއިން ހިމެނޭ ޒާތުގެ ބުއިންތައް
  • ހަޖަމު ކުރަން އުނދަގޫ ކާތަކެތި
  • އެސިޑިކް ތަކެތި
  • ގިނައިން ހަކުރުއެކުލެވޭ ފޮނިތަކެތި
  • ޗީޒް

މީގެއިތުރަށް

ދުވާލުވެސް އަދި ރޭނގަޑުވެސް ގިނައިން އަރާމުކުރައްވާށެވެ

ފުރަތަމަ ތިންމަހާއި ފަހު ތިންމަހަކީ ވަރަށް ހާއްސަ ދުވަސްކޮޅެއް ކަމުން ރަނގަޅު ކާނާ ބޭނުންވާނެއެވެ. ހާއްސަކޮށް ފަހު ތިންމަހު ބޭނުންވާ ކެލަރީގެ މިންވަރު ވަރަށް މަތިވުމާއެކު ރަނގަޅަށް ފަރިއްކުޅުއްވަންވާނެެއެވެ. ހަށިގަނޑުން ފެންމަދުވޭތޯ އަބަދުވެސް ބައްލަވަންވާނެއެވެ. ބޯއަނބުރާ، ބޮލުގައި ރިއްސާ އަދި ކުޑަކަމުދާ ތަކެތީގެ ކުލަ މާގަދަ ނަމަ އެއީ ފެންމަދުކަމުގެ އަލާމާތެކެވެ. ފުރަތަމަ ތިންމަހު ފޯލިކްއެސިޑް ގަވައިދުން ބޭނުން ކުރައްވަންވާނެއެވެ.