ޕާކިސްތާންގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވިތާ އެއް ދުވަސް ފަހުން އަންގާރަ ދުވަހު ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ގައުމަށް މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އިގުތިސާދީ މާހިރުންގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައްވާފައެވެ.

ޕާކިސްތާނުގެ 23 ވަނަ ބޮޑުވަޒީރުކަމަށް ޝެހްބާޒް އިންތިޚާބުކޮށްފައި މިވަނީ، އޭނާގެ ކުރިން ހުންނެވި އިމްރާން ޚާން، އާދީއްތަ ދުވަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމުން ދުރުކޮށްފައި ވަނިކޮށެވެ.

މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން، މަޝްހޫރު އިކޮނޮމިސްޓުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގެ ރިޔާސަތު ބޮޑުވަޒީރު ބެލެހެއްޓެވިއެވެ. އަދި ގައުމުގެ މާލީ ހަމަޖެހުމަށް ހައްލެއް ހޯދޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރެއްވި ކަމަށް ސަރުކާރުން މީޑިއާއަށް ދިން މައުލޫމާތުގައި ބުންޏެވެ.

ބޮޑުވަޒީރު ޝެހްބާޒް ވަނީ ގައުމުގެ މިހާރުގެ އިގްތިސޯދީ ހާލަތަށް ރިއާޔަތްކޮށް ކުއްލި ހާލަތުގައި ބޭނުންވާ މާލީ ހުށަހެޅުންތައް އެކުލަވާލުމަށް އިރުޝާދުތަކެއް ދެއްވާފައެވެ. އަދި މި ޕްރޮޕޯސަލްތައް އެކުލަވާލާނީ ދަނޑުވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ބޭންކިންގ ފަދަ ދާއިރާތަކުން ސްޓޭކް ހޯލްޑަރުންގެ މަޝްވަރާގެ މަތިން ކަމަށްވެސް އިރުޝާދު ދެއްވާފައި ވެއެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިޤްތިޞާދީ މާހިރުންގެ ލަފަޔާ މަޝްވަރާ ހޯދުމަށް ސަރުކާރުން މަހާސިންތާއެއް ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ބޮޑުވަޒީރު ވަނީ މިނިވަން މާލީ މާހިރުން ހިމެނޭ ގޮތަށް ނޭޝަނަލް އިކޮނޮމިކް އެޑްވައިޒަރީ ކައުންސިލެއް އެކުލަވާލުމަށް ވެސް ނިންމަވާފައެވެ.

ޕާކިސްތާންގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިޢާޔަތް ކުރައްވައި، މެދު އަދި ދިގު ރާސްތާގެ މާލީ ސިޔާސަތުތައް ކަނޑައެޅުއްވުމަށް ބާރުއަޅުއްވައި، އިންފްލޭޝަން މައްޗަށް ދިޔަ ނުދިއުމަށް ޓަކައި، ހަރުދަނާ ޕޮލިސީ އޮޕްޝަންތަކެއް ހުށަހެޅުވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކާނާގެ އަގު 47 ޕަސެންޓަށް މައްޗަށް ގޮސްފައިވާތީ ބޮޑު ވަޒީރު ވަނީ ރޯދަ މަހު ބޭނުންކުރާ ތަކެއްޗާއި ޒަރޫރީ ބާވަތްތަކުގެ އަގުތައް ހެޔޮކުރުމަށް ބާރުއަޅުއްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ފިނޭންސް ސެކްރެޓަރީ ވަނީ ޕާކިސްތާންގެ ނެޝަނަލް ބެލެންސް ޝީޓްގެ އިތުރުން އިގްތިސާދީ ހާލަތާއި އާމްދަނީ އާއި ބަޖެޓް ޑެފިސިޓާއި ލޯނުތަކާ ބެހޭ ގޮތުން ބޮޑުވަޒީރަށް ބްރީފިންއެއް ދެއްވާފައެވެ.

ޝެހްބާޒް ބޮޑުވަޒީރުގެ ގެކޮޅަށް ވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފްގައި މިއަދު، ގާޑް އޮފް އޮނަރއެއް އެރުވުން އޮތެވެ. އެއަށްފަހު ބޮޑު ވަޒީރުގެ ގެކޮޅުގެ ވެރިންނަށާއި މުވައްޒަފުންނަށް ތަޢާރުފުކޮށް އެރުވިއެވެ.