އޭއެފްސީ އޭޝިޔަން ފުޓްސަލް ކަޕް ކޮލިފިކޭޝަނުގައި ތުރްކެމިނިސްތާން އަތުން 7-0 އިން ބަލިވެ މުބާރާތަށް ކޮލިފައިނުވެ ރާއްޖޭގެ ފުޓްސަލް ޓީމު މިއަދު ހަވީރު ކަޓައިފިއެވެ.

ކުވައިތުގައި ކުރިއަށް ދިޔަ ކޮލިފިކޭޝަނުގައި ރާއްޖެއިން ވަނީ މިއަދު ތުރްކެމެނިސްތާނާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ދެތިން ފުރުސަތު ތަނަވަސް ކޮށްފައެވެ. އެކަމަކު ހުޒައިފަތު ރަޝީދާއި އަލީ ހާފިޒް (ހާއްޕެ) ލިބުނު މިފުރުސަތު ތަކުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ތުރްކެމިނިސްތާނުން ރާއްޖެ ކޮޅަށް ލަނޑު ޖެހީ މެޗް ފަށައިގެން މާގިނަ އިރުތަކެއް ނުވެ އުޅެނިކޮށެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުން ދެވަނަ ލަނޑެއްވެސް ޖެހިއެވެ. ރާއްޖެ ކޮޅަށް އަނެއް ފަސް ލަނޑު ޖެހީ ދެވަނަ ހާފުގައެވެ.

މިފަހަރުގެ ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އޭޝިޔާގެ ފުޓްސަލްގެ ގަދަ ބާރު އިރާން އަތުން ބަލިވީ 17-0 އިންނެވެ. ދެވަނަ މެޗުގައި ކިރްގިސްތާން އަތުން ބަލިވީ 7-0 އިންނެވެ.