ރޯދަހިފުމަކީ ވަރަށް ގިނަ ބަލިބަލީގެ ޝިފާއެއްކަމުގައި ވެއެވެ. އެގޮތުން ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ހަމަޔަކަށް އަޅުވައިދީ ހަށިގަނޑުގެ މަސައްކަތްތައް ހަމަޔަކަށް އަޅުވައިދިނުމަށް ރޯދަ އެހީތެރިވެދެއެވެ. ހާއްސަކޮށް ކިޑުނީއާއި ޗިސްމޭ ، ބަނޑާއި ގޮހޮރު އަދި ހިތުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށްދިނުމަށް ރޯދަ އެހީތެރިވެދެއެވެ.

މީގެތެރެެއިން ހިތަކީ މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއެކު ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާ ގުނަވަނެކެވެ. ދިރިއުޅުމުގެ އާދަކާދައާއި ކެއުމަށް ބޭނުން ކުރާ ކާނާގެ ބާވަތްތަކުގެ ސަބަބުން ތަފާތު ބަލިބައްޔަށް ހުށައެޅިފައިވާ ގުނަވަނެކެވެ. ރޯދަމަހަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށާއި، ކެއުމަށް ބޮޑުބަދަލެއް ގެނެސްދޭ މަހަކަށްވުމާއެކު އެގެނެވޭ ބަދަލަކީ ހެޔޮ ބަދަލަކަށް ހައްދަވައި ރޯދަމަސް ނިމުމަށްފަހުވެސް އެކަން އެގޮތަަށް ދެމެހެއްޓުމަކީ އަމާޒެއްކަމުގައި ހައްދަވައިފިނަމަ އެއީ ރޯދަމަހު ލިބޭ ފައިދާތަކުގެ ތެރެއިން އޭގެ އަގު ވަޒަންނުކުރެވޭނެ ފައިދާއެކެވެ. ވީމާ ތިރީގައި ހިމަނާލާފައިމިވާ ކަންކަމަށް މިރޯދަމަހު ސަމާލުކަންދެއްވައި އެކަންކަން ދިރިއުޅުމުގެ ބަޔަކަށް ހައްދަވާށެވެ.

ކޮންމެދުވަހަކުވެސް ހިންގަވާށެވެ

ކޮންމެދުވަހަކުވެސް މަދުވެގެން 10 ވަރަކަށް މިނެޓަށް ނަމަވެސް ހިނގާލާށެވެ. ރޯދަމަހުވެސް މިކަން ކުރުމަށް ރޭގަނޑުވަގުރެއް ހުސްކުރައްވައި އެކަން އާދައަކަށް ހައްދަވާށެވެ. މިއީ ސިއްހަތަށް، ހާއްސަކޮށް ހިތަށް ފައިދާ ކުރާނެ ކަމެކެވެ.

ކުޑަކޮށްނަަމަވެސް ބަރުއުފުލާށެވެ

ބަރުއުފުުލުމަކީ ހަށިގަނޑުގެ މަސްތައް ވަރުގަދަވާނެ ކަމެކެވެ. ވަރުގަދަ މަސްތަކެއްގެ ވެރިއަކަށް ސިއްހީމައްސަލަތައް ދިމާވުން ދުރުވާނެއެވެ.

ކޮންމެދުވަހަކުވެސް މޭވާއެއް ފަރިއްކުޅުވާށެވެ

މޭވާއަކީ ހަށިގަނޑުން އުނިވާ އުނިވާ ބައި ފޫބައްދައިދޭ ފުރިހަމަ ކެއުމެކެވެ. ހަށިގަނޑުގެ ގުނަވަންތައް ފުރިހަމައަށް މަސަައްކަތް ކުރާނަަމަ ހިތަށް ކުރާ ބާރު ކުޑަވާނެއެވެ.

ފައިދާހުރި ކާނާ އެކުލެވޭ ހާރެއް ފަރިއްކުޅުވާށެވެ

ކޮންމެދުވަހެއްގެވެސް ފެށުމަކީ ރަނގަޅު ކެއުމެއްކަމުގައި ހައްދަވާށެވެ. ދުވާލުގެ ފުރަތަމަ ނާސްތާ ރަނގަޅުނަމަ ހަށިގަނޑަށް ދިމާވާ ގިނަ ސިއްހީމައްސަލަތަކުން ސަލާމަތްވާނެއެވެ. ގޮހޮރުގެ މައްސަލަތާއި، ކޮލެސްޓްރޯލް މައްޗަށް ދިއުން، ހަކުރުމައްޗަށް ދިއުން ފަދަ ބޮޑެތި ބަލިތަކުން ސަލާމަތްވުމަށް މަގުފަހިކޮށްދޭ އެއްކަމަކީ ދުވަސް ފެށުމުގެ ގޮތުން ބޭނުން ކުރާ ކާނާއެވެ. މިރޯދަމަހުގެ ހާރަކީ އެފަދަ ކެއުމަކަށް ހައްދަވައި އޭގެ ފަހަށްވެސް އެކެއުމުގައި ދެމިހުންނަވާށެވެ. ހިތުގެ ސިއްހަތު ހަމައަކަށް އަޅުވައިދޭނެއެވެ.

ކޮންމެދުވަހެއްގެ ކެއުމުގައިވެސް ނަޓްސް ހިމަނުއްވާށެވެ

ވޯލްނަޓްސް، އަލްމަންޑްސް، ޕީނަޓްސް ފަދަ ތަކެއްޗަކީ ހިތުގެ ސިއްހަތަށް ފައިދާހުރި ބާވަތްތަކެކެވެ. ކޮންމެދުވަހަކުވެސް މީގެން ކޮންމެވެސް ބާވަތެއް ބޭނުން ކުރެވޭތޯ ބައްލަވާށެވެ. ރޯދައަށް ހުރުމަށް ފަސޭހަވެ ހިތައް ފައިދާކުރާނެއެވެ.

ފުންކޮށް ނޭވާލާށެވެ

ކޮންމެދުވަހަކުވެސް ކޮންމެވެސް ވަގުތަކު ލަސްލަހުން ފުންކޮށް ނޭވާލުމަށް އާދަކުރައްވާށެވެ. މިއީ ހަށިގަނޑުގެ މަސްތަކަށް ދޫކަންލިބި ހަށިގަނޑު ރިލެކްސް ކޮށްލާނެ ކަމެކެވެ. އެންމެ މުހިންމު ކަމަކަށް މިކަމުން ލޭގެ ޕްރެޝަރު ދަށްކޮށްދޭއިރު މިއީ ހިތުގެ ސިއްހަތަަށް އެންމެ ފައިދާކޮށްދޭނެ އެއްކަމެވެ. ރޯދަމަހު ރޭގަނޑުގެ ކޮންމެވެސް ވަގުތުކޮޅެއް މިކަމަށް ހުސްކުރައްވައި މިކަން އާދައަކަށް ހައްދަވައިފިނަމަ ހަށިގަނޑު ރިލެކްސްވެ ސްޓްރެސް ކުޑަކޮށްދޭނެއެވެ.

ގިނަގިނައިން އަތްދޮންނަވާށެވެ.

ގިނައިން އަތް ދޮންނުމަކީ ތަފާތު ބަލިތަކުން ދުރުވެވޭނެ ކަމެކެވެ. ރޯގާއާއި، އިންފުލުއެންޒާ އަދި ނިއުމޯނިއާ ފަދަ ބަލިތަކުން ސަލާމަތްވެ ތިބުމަކީ އޭގެ ސަބަބުން ހިތުގެ ސިއްހަތަށް ނުހަނު ފައިދާ ކުރާނެ ކަމެކެވެ. މިރޯދަމަހު ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމަށް އާދަކުރައްވާށެވެ.

މާތްﷲ ދެއްވާފައިވާ ގިނަގުނަ ނިއުމަތްތަކަށް ޝުކުރުވެރިވެލައްވާށެވެ.

އަޅުގަނޑުމެންނަށް މާތްﷲ ދެއްވަވާފައިވާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް ވަގުތުކޮޅެއް ހޭެދަކުރައްވާށެވެ. މިރަމަޟާންމަހު ރޭގަނޑު ނިދަން އޮށޯއޮތުމުގެ ކުރިން އެކަމަށް ވަގުތުކޮޅެއް ހުސްކޮށް ދިރިއުޅުމުގައި އަޅުގަނޑުމެންނަށް ލިބިފައިވާ ނިއުމަތްތަކުގެ މަތިން ހަނދާންކޮށް އެކަމަށްޓަކައި މާތްﷲގެ ކިބަޔަށް ޝުކުރުވެރިވާނަމަ މިއީ އަޅުގަނޑުމެންގެ ނަފުސުގައި ޕޮސިޓިވް ވިސްނުމާއި ހަކަތައެއް އުފެދޭނެ ކަމެެކެވެ. އަދި އޭގެ ސަބަބުން ލޭމަށްޗަށްދާން މެދުވެރިވާ ބައެއްސަބަބުތައް ކަމުގައިވާ ރުޅިއައުމާއި، ހަސަދައާއި ހާސްކަމުން ސަލާމަތްވެވޭނެ ކަމެކެވެ.

ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ ރޯދައިގެ މަތިވެރި އަޅުކަން އޭގެ އެންމެފުރިހަމަ ގޮތުގައި އަދާކުރުމަށް ލިބޭނެ ވަރަށްބޮޑު ބާރެކެވެ