ސީރިޔާގެ ހަނގުރާމައިގައި ބައިވެރިވި ކަމަށް ބެލެވޭ އާއިލާއެއް ރާއްޖެ ގެނެސް އަށް އަހަރުން ދަށުގެ 4 ކުދީންނާއި އެކުދީންގެ މަންމަ 8 މަހަށް ބަންދު ކުރުމުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އުމަރު ވިދާޅުވީ އެ ހަތަރު ކުދިންގެ މައްޗަށް އެއްވެސް ކަމެއް ތުހުމަތު ކުރެވޭނޭ ޖާގައެއް ނޯންނާނޭ ކަމަށެވެ. އަދި އެކުދީންގެ މަންމަ ހަތިޔާރެއް ނުއުފުލާ ކަމާއި މީހަކު ނުމަރާކަން ޔަގީން ކަމަށެވެ. "އަޅުގަނޑަށް ޔަގީންކަން އެބައޮތް އެ އަންހެން މީހާ މީހަކު ނުމަރާކަން ހަތިޔާރެއް ނުއުފުލާކަން އަދި ހަނގުރާމައެއްގައި ބައިވެރިނުވާކަން. އަދި އެއްވެސް ތުހުމަތެއް ކުޑަކުދިންގެ މައްޗަށް ކުރުމުގެ ޖާގައެއް ވެސް ނެތް. އެހެންކަމުން އެމީހުންނާ މެދު ޓެރަރިމްގެ ގާނޫނުގެ ދަށުން މިފަދަ ބޮޑު އަދަބެއް ނުދެވޭނެ،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އަންހެން މީހާގެ ފިރިމީހާ ނުވަތަ ކުދީންގެ ބައްޕަ ހަތިޔާރު އުފުލުން މީހަކު މެރުން ހަމގުރާމައެއްގައި ބައިވެރިވުން އެއީ މުޅިން އެހެން ކަމެއް ކަމަށެވެ. އޭނާ އެފަދަ ކަމެއް ކޮށްފައިވިޔަސް 4 ކުދީންނާއި އެކުދީންގެ މަންމައަށް މިފަދަ އަދަބެއް ދެވިގެން ނުވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. "ތުއްތު 4 ކުދިންނާ ، އެކުދިންގެ މައިމީހާ ކުށެއްސާބިތު ނުކޮށް 8 މަހަށް ހައްޔަރު ކުރުމީ ކޮންފަދަ ބޮޑު ނާއިންސާފެއްތޯ. މި ކަނބަލަކީ ހަމަގައިމުވެސް ހަތިޔާރެއް އުފުލި މީހަކަށް ނުވާނެ. ހުޅަނގު ރުއްސުމަށް ކަންތައް ކުރީމަ އިންސާނީ ޙައްޤު ތަކާ، ކުޑަކުދިންގެ ޙައްޤު ތަކެއް ނޯވޭ. ހަމަމިހާރުން މިހާރަށް ދޫކޮށްލައްވާ،" އުމަރު ވިދާޅުވެފައި ވެއެވެ.
އުމަރު ވިދާޅުވީ މި މައްސަލާގައި ވާހަކަ ދައްކަވަން ރާއްޖޭގެ ދީނީ ޢިލްމުވެރީންނަށް ކެރިވަޑައިނުގަންނަވާނޭ ކަމަށެވެ. "އެބޭފުޅުން އެއްޗެއް ވިދާޅުވެއްޖެއްޔާ ޓެރަރިސްޓުންގެ ނަން އެބޭފުޅުންނަށް ލިބިގެންދާނީ. އެހެންވީމާ އެބޭފުޅުން ނުދައްކަވާނެ މިވާހަކަ،" އުމަރު ވިދާޅުވިއެވެ.
މި އާއިލާ ސީރިޔާއިން ގެނެސްފައި ހަތްވަރަކަށް ދުވަހު ބަންދުގައި ބޭތިއްބުން އެއީ މައްސަލައެއް ނޫން ކަމަށާއި އެންމެ ގިނަވެގެން ފަނަރަދުވަހަށްވުރެ އިތުރު ވެގެންނުވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ މީހުން ބަންދުގެ މުއްދަތު އިތުރު އެކުރީ ދެވަނަފަހަރަށެވެ. އެމީހުން އަށް މަހަށް ބަންދުކުރުމުގައި އެމީހުންގެ އިއުތިރާޒެއްނެތްކަން ނޫސްތަކުން އެނގިފައިވާކަމަށާއި އެއީ އެހެން ގޮތެއް އެމީހުންނަށް މިވަގުތު ނެތުމުންވި އިއުތިރާޒެއް ކަމަށް ބެލެވޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. ރޯދަ މަހެއްގައި 4 ކުއްޖަކު ގޮވައިގެން މަންމައަކު ބަންދެއްގައި އިންނަން ޖެހުމަކީ ވޭނަކަށްވާނޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.