ފިލިޕީންސަށް އެރި ޓްރޮޕިކަލް ސްޓޯމް މެގީގެ ސަބަބުން ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 53 މީހުން މަރުވެއްޖެ އެވެ. މިއަދުވެސް ފެންބޮޑުވެފައިވާ ވިލެޖްތަކުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެހީދޭ ފަރާތްތަކުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ގުދުރަތީ ކާރިސާގައި މަރުވެފައިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.
ފިލިޕީންސްގެ މެދުތެރޭ ލެއިޓޭ ޕްރޮވިންސްގެ ބެއިބޭ ސިޓީގެ ވަށައިގެންވާ ވިލެޖްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފަރުބަދަމަތީ ސަރަހައްދުގެ ވާދީތަކާއި ކޯރުތައް ފުރި ބަންޑުންވެގެން ދިމާވެފައިވާ ފެން ބޮޑު ވުމުގައި އެތައް ބައެއްގެ ގެދޮރު ހަލާކުވެފައި ވެއެވެ. އަދި އެތައް ބަޔަކު ދިރިތިއްބާ ވަޅުލެވިފައި ވެއެވެ.
ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕިލާރް ވިލެޖްގައި ގާތްގަނޑަކަށް %80 ގެތައް ވަނީ އޮޔާ ގޮސްފައެވެ.
ފިލިޕީންސްގެ ނޭޝަނަލް ޑިޒާސްޓަރ އޭޖެންސީން ވެސް ވަނީ ދެކުނު ޑަވާއޯ ސަރަހައްދާއި މިންޑަނާއޯ އަދި މެދުތެރޭ ނެގްރޯސް އޮރިއެންޓަލްސް ޕްރޮވިންސްގައި މިކާރިސާގެ ސަބަބުން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. ފިލިޕީންސްގެ ދެކުނާއި އިރުމަތީ ހިސާބުތަކަށް މި ތޫފާނުގެ އަސަރު ކޮށްފައި ވެއެވެ.