ނޭޝަނަލް ޑްރަގް އެޖެންސީއާއި އެމްޓީސީސީއާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ )އެމްއޯޔޫ( އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގެ މަޤްސަދަކީ އެންޑީއޭ އިން ދެމުންދާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމަޢުއާއި ގުޅޭ ފަރާތްތައް މުޖުތަމަޢުއަށް އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ރީއިންޓަރގްރޭޝަން އެންޑް އާފްޓަރ ކެއާރ" ގެ ޕްރޮގްރާމަށް އެމްޓީސީސީގެ ފަރާތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީގެ އިޖްތިމާޢީ ޒިންމާ (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ) ގެ ދަށުންނެވެ.

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ ޝަރުތު ހަމަވާ ގޮތުގެމަތިން ބައިވެރިކުރާނެ މީހުން ނިންމާނީ އެންޑީއޭއިން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް ކަމަށް އެކުންފުނީން ވިދާޅުވިއެވެ. އަދި މި އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ އުޅުމާއި، އަޚްލާޤާއި ސުލޫކް އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯރޓެއް، ކޮންމެ މަހަކު އެންޑީއޭގެ ކޭސްވޯކަރާއި ހިއްސާކުރާނޭ ކަމަށް ވެސްވިދާޅުވެފައިވެއެވެ.

މި އެމްއޯޔޫގެ މުއްދަތަކީ ސޮއިކުރެވޭ ތާރީޚުން ފެށިގެން 3 އަހަރު ދުވަހެވެ. އެމްޓީސީސީގެ އަމާޒަކީ މި ޕްރޮގްރާމް ފުރިހަމަކުރާ މީހުން މުޖުތަމަޢުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ތަމްރީން ކުރުމެވެ. ކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގު ރޮނގުން އިޖްތިމާޢީ ޒިންމާ އެކުންފުނީން ވަނީ އަދާކޮށްފައެވެ.

މިއަދު މިނިސްޓްރީ އޮފް ހެލްތްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ މަރިޔަމް ޚާލިދާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ.