އިޒްރޭލުން ކުރިން ބުނެފައި ވަނީ އެއިރު ދުނިޔޭގައި ތިބި ޖީލުގެ މީހުންގެ ފަހުން ފަލަސްތީނުގައި އުފަންވާ މީހުން ބޭނުންވާނީ ހުލްހަ ކަމަށެވެ. އެމީހުން ހަނގުރާމަ ކުރަން ބޭނުން ނުވާނެ ކަމަށެވެ. ނަމަވެސް މި ވާހަކަ ތެދު ނުވިކަމުގެ ހެއްކަކީ، އިޒްރޭލުގެ އެތެރޭގައި އެންމެ ރައްކާތެރި ހިސާބުގައި ދީފައިވާ ދެ ހަމަލާއަކީވެސް އުމުރުން 30 އަހަރު ނުވާ ދެ ޒުވާނުން ދީފައިވާ ދެހަމަލާ ކަމެވެ. އަދި މި ދެ ހަމަލާގައި އުޅުނު މީހުންނަކީ އެއްވެސް ހަރުކަށި ނުވަތަ ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވި ބައެއް ނޫން ކަމެވެ.
އިޒްރޭލުގެ ހަތަރު ސިޓީއެއްގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޒުވާނުން ހަތަރު ހަމަލާއެއް ދީފައިވެއެވެ. މި ހަމަލާތަކުގައި 14 މީހުން މަރުވެފައިވާއިރު، އިސްރާއީލުން ގެންދަނީ ފަލަސްތީނުގެ ރަށްތަކާއި ވިލެޖްތަކަށް ދޭ ހަމަލާތައް އިތުރުކުރަމުންނެވެ. ކޮންމެ ދުވަހަކުވެސް ޔަހޫދީ ސިފައިންނާއި ފަލަސްތީނު މީހުންގެ މެދުގައި ކުރިމަތިލުންތައް ހިނގަމުން ދެއެވެ. އިޒްރޭލު ސިފައިން މީހުން ހައްޔަރު ކުރުންވެސް އިތުރުކޮށްފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި ފަލަސްތީނުގެ 16 މީހަކު ޝަހީދުކޮށްލާފައިއެވެ. އޭގެ ތެރޭގައި އިޒްރޭލުގައި ހަމަލާތައް ދިން މީހުންވެސް ހިމެނެއެވެ.
އިޒްރޭލުގައި އެންމެ ފަހުން ދިން ދެ ހަމަލާ އަކީ ޓެލްއަވީވް އާއި ބަނީ ބްރާކްގައި ދިން ހަމަލާތަކެވެ. އެ ދެ ހަމަލާ ދީފައިވަނީ އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނު މީހުންނެވެ.
މި ހަމަލާތަކުގެ ޒިންމާ އެއްވެސް ހަރުކަށި ޖަމާއަތަކުން އަދި ރަސްމީކޮށް އުފުލާފައި ނުވެއެވެ. ނަމަވެސް، ބަނީ ބަރާކް ހާދިސާގައި ހަމަލާދިން މީހާއަކީ ރާމަاللهގައި އޮންނަ ފަލަސްތީނު ސަރުކާރުގެ ފަތަހް ސިޔާސީ ހަރަކާތުގެ ހަތިޔާރުއެޅި ގޮއްޕާ ގުޅުން އޮންނަ މީހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ ކުރިން ދިން ދެ ހަމަލާއަކީ އައިސިސްއާ ގުޅުން އޮންނަ ކަމަށް ބުނާ ފަލަސްތީނުގެ ތިން މީހަކު ދިން ހަމަލާއެކެވެ. މިކަން ކަށަވަރެއް ނުކުރެވެއެވެ.
ފަލަސްތީނުން ބުނާ ގޮތުގައި އެންމެ ފަހުގެ ހަމަނުޖެހުންތައް ފެށުނީ އިޒްރޭލުން ފަލަސްތީނު މީހުންނާ މެދު ގެންގުޅޭ ސިޔާސަތުތަކާއި، ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމާއި، ފަލަސްތީނުގެ ލީޑާޝިޕް ބަލިކަށިވުމުގެ ސަބަބުން މީހުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުންނެވެ.
މިއީ ވަކިވަކި ހަމަލާތަކެއް، މިއީ 2015 ވަނަ އަހަރު ފެނިގެންދިޔަ ވައްތަރުގެ ހަމަލާތަކެއް ކަމަށް މުހައްލިލުން ބުނެއެވެ.
ފަލަސްތީނު މީހުންގެ އެ މާޔޫސްކަން އިޝާރާތް ކުރަނީ، އިޒޒްރޭލުގައި ހަމަލާތައް ދިނުމުގެ އަސްލު ސަބަބުގެ ގޮތުގައެވެ. ހުޅަނގު އައްސޭރީގައި ސަލާމަތީ އޮޕަރޭޝަންތައް ހިންގައި، ފަލަސްތީނުގެ ހަމަލާތަކަށް އިޖާބަދޭން ޖެހޭ ކަމަށް އިސްރާއީލު ސަރުކާރުން ބުނާއިރު، އެކަމުގެ ސަބަބުން އިތުރު ހަމަނުޖެހުންތައް ހިނގުމަށް މަގުފަހިވެގެންދެއެވެ.
އެންމެ ފަހުގެ ލޭ އޮހޮރުވުންތައް އައިސްފައިވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައެވެ. މިދިޔަ އަހަރު ވެސް އަލްއަޤްޞާ މިސްކިތުގެ ހަރިންމަ ތެރެއަށް ގަދަކަމުން ޔަހޫދީ ސިފައިން ވަދެގަނެ، ހިފާފައިވާ އިރުމަތީ ގުދުސްގައި ފަލަސްތީނުގެ އަވަށްތަކުގައި ދިރިއުޅޭ މީހުން ގަދަބާރުން ނެރުމަށް އިސްރާއީލުން މަސައްކަތް ކުރުމުގެ ސަބަބުން، ހިސާރުކޮށްފައިވާ ޣައްޒާއާ އިޒްރޭލު ވަކިކުރާ ސަރަހައްދުގައި އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފައި ވެއެވެ.
ޣައްޒާގައި އިސްރާއީލާއި ހަމާސްއާ ދެމެދު 11 ދުވަހުގެ ހަނގުރާމައެއް އެއިރު ހިނގިއެވެ. މި ހަނގުރާމައިގައި ފަލަސްތީނުގެ 232 މީހުން މަރުވެފައި ވެފައިވެއެވެ. އޭގެ ތެރޭގައި 65 ކުޑަކުދިންނާއި، ޔަހޫދީންގެ 12 މީހުން ހިމެނެއެވެ.
އިޒްރޭލާ ދެކޮޅަށް ފަލަސްތީނުގެ އިތުރު ހަމަލާތަކެއް ވެސް އައިސްފާނެ ކަމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނަމުންދެއެވެ.
ޣައްޒާގައި ހަމާސްއާއި އިސްރާއީލާ ދެމެދު އާ ކުރިމަތިލުމެއް އުފެދިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. ހުޅަނގު އައްސޭރިއާއި އަލްއަޤްޞާ މިސްކިތުގެ ހަރިންމަ ތެރެއަށް އިސްރާއީލު ސިފައިން ވަދެގެންދާ ހާލަތެއްގައި ގަތުލުއާންމަކާ ކުރިމަތިލުމަށް ފަލަސްތީނުގެ އާންމުންގެ އެއްބައިވަންތަކަން ހޯދުމަށް ހަމާސްއިން ވަނީ ގޮވާލާފައެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒް ވިދާޅުވީ، ޣައްޒާގައި ފުޅާ ދާއިރާއެއްގައި ހިންގާ ކެމްޕެއިންގެ ސަބަބުން ލުބުނާނުގެ ބައެއް ހިސާބުތަކުން އިޒްރޭލަށް ނުތަނަވަސްކަމާ ކުރިމަތިލާންވެސް ޖެހިދާނެ ކަމަށެވެ. އަދި ހައްދުފަނަހަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން ފަލަސްތީނު މީހުންނަށް ހަމަލާތައް އަމާޒުކުރުމަކީވެސް މިހާރު އެކަށީގެންވާ ކަމެކެވެ.
މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ހަތިޔާރުއެޅި ޔަހޫދީ ޖަމާއަތްތަކުން ވަނީ ނަޤަބުގައި މަދުވެގެން ތިން ހާދިސާއެއްގައި ފަލަސްތީނު ރައްޔިތުންނަށް ހަމަލާދީފައެވެ. މި ހަމަލާތަކުގައި ފަލަސްތީންގެ އެތައް ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނެވެ.