ޕީޕީއެމްގެ ފަސްހާސް މެމްބަރުން ވަނީ އެހެން ޕާޓީތަކަށް ވަގަށް ގެންގޮސްފައި ކަމަށް އެޕާޓީގެ ސެކްރެޓަރީޖެނެރަލް މުޙައްމަދު ތަލާލް ވިދާޅުވެއްޖެއެވެ.

ޓުވިޓަރ މެދުވެރިކޮށް އޭނާ ވިދާޅުވެފައިވަނީ އެ މެމްބަރުން އެހެން ޕާޓީތަކަށް ގެންގޮސްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ކަމަށެވެ. މި މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބައްލަވައި އެކަން ކުރި ޕާޓީތައް ޖޫރިމަނާކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން އެ މެމްބަރުން އަލުން ޕީޕީއެމަށް ވައްދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"2021 ވަނަ ހަރުގެ އޮކްޓޯބަރ އިން ފެށިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ފަސްހާސް ވަރު މެމްބަރުން ވަނީ އެހެން ޕާޓީތަކަށް ވަގަށް ގެންގޮސްފައި. މި މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބައްލަވައި އެކަންކުރި ޕާޓީތައް ޖުރިމަނާކޮށް ފިޔަވަޅު އަޅައި އަދި އެ މެމްނަރުން ޕީޕީއެމަށް އަލުން ވައްދަންޖެހޭ،" އޭނާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޕާޓީތަކުގައި ތިބޭ މެމްބަރުން އެހެން ޕާޓީތަކަށް ގެންދާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެމްއާރުއެމްގެ ބައެއް މެމްބަރުން ވެސް ބައެއް ޕާޓީތަކަށް ގެންގޮސްފައިވާ ކަމުގެ ޝަކުވާ އެޕާޓީން ވެސްވަނީ ކޮށްފައެވެ.