ޔުކްރެއިންއަށް ރަޝިޔާއަށް އަރައިގަތުމުގެ ސަބަބުން އެންމެ ބޮޑަށް އަޑު ގަދަކޮށް ބޮޑު ބަސް ބުނަނީ އިނގިރޭސިވިލާތުންނެވެ. ބޮރިސް ޖޯންސަން ދަނީ ބުމަރެއް ހެން އެބިތުގައި ޖެހި މިބިތުގައި ޖެހެމުންނެވެ. އަދި ބޮރިސް ޖޯންސަންގެ އިނގިރޭސި ކޮންޒަރވެޓިވް ސަރުކާރަކީ ރަޝިޔާގެ ކަޅު ފައިސާ ސިޔާސީ މަސައްކަތުގައި އެންމެ ގިނައިން ބޭނުންކޮށްފައިވާ ސަރުކާރުވެސް މެއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. ޖޯންސަން ވިދާޅުވީ ޔުކްރެއިންއަށް އަރައިގަތުމުން ނުރައްކާ ނަތީޖާތަކެއް ކުރިމަތިވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ޖޯންސަންގެ ކޮންޒަވޭޓިވް ޕާޓީއަށް ރަޝިޔާގެ އޮލިގާކެއްގެ ފަރަތުން 66،500 ޕައުންޑް (ގާތްގަނޑަކަށް 88،000 އެމެރިކާ ޑޮލަރު) ގެ ހަދިޔާއެއް ލިބުނެވެ. މި ހަދިޔާއަކީ، ރަޝިއާގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ އަނބިކަނބަލުން ލުބޯވް ޗެރުނުޚީންގެ ހަދިޔާއެކެވެ.

ޖުމްލަ ކޮށް ބަލާއިރު، 2012 ވަނަ އަހަރުން ފެށިގެން ޗެރުނުޚީން ވަނީ އިނގިރޭސި ވެރިކަން ކުރާ ޖޯންސަންގެ ކޮންޒަވޭޓިވް ޕާޓީއަށް 2 މިލިއަން ޕައުންޑަށް ވުރެ ގިނަ ފައިސާ ހަދިޔާ ކޮށްފައެވެ. އޭނާއަކީ، އިނގިރޭސި ސިޔާސީ ތާރީޚުގައިވެސް އެންމެ ގިނައިން ސިޔާސީ ޕާޓީއަކަށް އެންމެ ގިނައިން ފައިސާ ހަދިޔާ ކުރެއްވި އަންހެން ޑޯނަރެވެ. ބްރިޓިޝް އިލެކްޓޯރަލް ކޮމިޝަންގެ ޕަބްލިކް ރެކޯޑްތަކުން މިކަން ޔަގީން ކޮށްދެއެވެ.

އިނގިރޭސި ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި މި ދެމަފިރިން ނުހިމެނެއެވެ. މި ދެމަފަރިންނަކީ ކުރިން ޕޫޓިންގެ އިނަރ ސާކަލްގައި ހިމެނުނު ފަރާތްތަކެވެ. ނަމަވެސް ފަހުން ދެބަސްވެފައި ވެއެވެ.

ލުބޯވް ޗެރުނުޚީން އަކީ ރަޝިޔާއާ ގުޅުން ހުރި އެތައް މިލިޔަނަރުންނާއި ބިލިއަނަރުންގެ ތެރެއިން ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީއަށް ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާކުރެއްވި ހަމައެކަނި ބޭފުޅާއެވެ.

ބައެއް ފަރާތްތަކުން ވަނީ ޖޯންސަންގެ އަޑުގަދަ ކުރެއްވުމާ ދެކޮޅަށް މިފަދަ ފަސްމަންޒަރުގައި ފާޑު ކިޔުންތައް އަމާޒުކޮށްފައެވެ. އަދި ޖޯންސަންގެ ބޮޑު ބަސް ވިދާޅުވުމަކީ، އޮޅުވާލުމެއް ކަމަށާއި ވެރިކަމުގައި ހުންނެވުމަށް ގެންގުޅުއްވާ އުކުޅެއްކަމަށްވެސް ބެލެވެއެވެ.

މުހައްލިލުންގެ ސުއާލަކީ، ޖޯންސަންއާއި ޕާޓީން ބޮޑެތި އަދަދުތަކުން ރަޝިޔާގެ މަހުޖަނުންގެ އަތުން ފައިސާ ނަގައިގެން ޕުޓިންގެ އެންމެ ވަރުގަދަ ދެކޮޅުވެރިން ކަމަށް ދަޢުވާ ކުރާނީ ކިހިނަކުން ހެއްޔެވެ؟

ރަޝިޔާގެ އޮލިގާކުންގެ އަތުން އިނގިރޭސި ސަރުކާރުގެ ބޭފުޅުން ހޯއްދަވާ ފަންޑިންއާއި މިހާރުގެ ހާލަތާމެދު އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީ އިނގިރޭސިވިލާތުގެ ކުރީގެ އެޓާނީ ޖެނެރަލް އަދި ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑޮމިނިކް ގްރީވް އެވެ.

ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީން ބުނަނީ މިއީ ހުއްދަ ހަދިޔާތަކެއް ކަމަށެވެ. އެކަމަކު ގްރީވް ސުއާލު ކުރައްވަނީ، މިކަމުގެ މަގްސަދަކީ ކޮބައިތޯއާއި މިކަމުގެ ފަހަތުގައި ފޮރުވިފައި އޮތީ ކޮން ވިސްނުމެއްތޯއާ މެދުއެވެ.

އިނގިރޭސި ޕާލަމެންޓްގެ އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ކޮމިޓީން މީގެ އަހަރެއްހާ ދުވަސް ކުރިން ކުރި ތަހުގީގުގެ މައްޗަށް ބިނާކޮށް 2020 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޕޫޓިންއާ ވަރަށް ގާތް ގުޅުންތައް ބާއްވާ ރަޝިއާގެ ވަރަށް ގިނަ މީހުން މިހާރު ވަނީ އިނގިރޭސިވިލާތުގައި ވިޔަފާރިއާއި އިޖުތިމާއީ މައިދާނުގައި ރަނގަޅަށް ފައިތިލަ ސާބިތުކޮށްފައި ކަމަށެވެ. އަދި އެމީހުންނަށް މި ފުރުސަތު ލިބިފައި ވަނީ ސިޔާސީ ނުފޫޒާއި މުއްސަނދިކަމުގެ ސަބަބުން ކަމަށްވެސް ބުނެފައި ވެއެވެ.

މި ރިޕޯޓްގައި ބުނެފައި ވަނީ މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

މި ވާހަކައަކީ، 1990ގެ އަހަރުތަކުގެ ކުރީކޮޅު ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔަ ހިސާބުން ފެށިގެން ދައްކަމުން އަންނަ ވާހަކައެކެވެ.

ރަޝިޔާގެ މަހުޖަނުންނާއި އޮލިގާކުން އިނގިރޭސި ވެރިކަން ކުރާ ޕާޓީއަށް ދީފައިވާ ފައިސާއަކީ ނާޖާއިޒު ގޮތްގޮތަށް ހޯދާފައިވާ މުޑުފައިސާ ކަމަށް އިނގިރޭސިން ވެސް ގަބޫލު ކުރެއެވެ.

ރަޝިޔާގެ ނާޒުކު އިގުތިސާދަކާއި، ހަލަބޮލި ގާނޫނީ ވެރިކަމެއްގެ ތެރެއިން އެމީހުންގެ ފައިދާކޮޅު ގެއްލިދާނެ ކަމުގެ ބިރު ހީވުމުން، ގިނަ ބަޔަކު ނިންމީ އެމީހުންގެ ފައިސާ ލަންޑަންގެ މާލީ މަރުކަޒަށް ބަދަލުކޮށް ރައްކާތެރި ފިޔަވަޅު އަޅާށެވެ.

ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ވަނަކަމަށްވެސް މީހުން ބުނެފައި ވަނީ ލަންޑަން ރަޝިއާގެ ވެރިރަށަ ވައްތަރު ވެދާނެ ކަމަށެވެ. އަދި ލަންޑަންގެ ނަން ލަންޑަންގްރޭޑަށް ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.

މި ރަޝިޔާގެ އޮލިގާކުން ވަނީ އަގު ބޮޑެތި ގެތައް ގަނެ، ޑިޕާޓްމަންޓް ސްޓޯރތަކުގައި އިންވެސްޓް ކޮށްފައެވެ. އަދި އެމީހުންގެ ކުދިން ލަންޑަންގެ އަގު ބޮޑު ސްކޫލުތަކުގައި ކިޔަވައިދޭން ބައިވެރިކޮށްފައެވެ.

ބާލިންގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ކްރެމްލިންއާ ގުޅުން އޮންނަ ނުވަތަ ރަޝިއާގައި ހިންގާ ކޮރަޕްޓް ހަރަކާތްތަކާ ގުޅުން އޮންނަ މީހުން ވަނީ އިނގިރޭސިވިލާތުގައި މަދުވެގެން 1.5 ބިލިއަން ޕައުންޑް (ދެ ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް) ރިއަލް އެސްޓޭޓް ގަނެފަ އެވެ. މިއީ ހަމައެކަނި ފެންނާން ހުރި މައުލޫމާތުން އެނގޭ މިންވަރު ކަމަށް އެ ޖަމިއްޔާއިން މިދިޔަ ފެބްރުއަރީ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވެއެވެ.

ރޯޔަލް ޔުނައިޓެޑް ސާވިސަސް އިންސްޓިޓިއުޓްގެ ތިންކް ޓޭންކްގެ ފައިނޭންޝަލް ކްރައިމްގެ ތަޖުރިބާކާރެއް ކަމަށްވާ ޓޮމް ކީޓިން ވިދާޅުވި ގޮތުގައި ރަޝިޔާގެ މުޑުދާރު ފައިސާ ވަނީ އިނގިރޭސިވިލާތުގެ ގެލެރީތަކަށް ނުވަތަ އެކަޑަމިކް އިންސްޓިޓިއުޝަންތަކަށް ހަދިޔާގެ ގޮތުގައި ވަދެގެން ގޮސްފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ތެރޭން މި ފައިސާ ވަދެފައި ވަނީ ބޮރިސް ޖޯންސަންގެ މޭޔަރު ކަމުގެ އިންތިޚާބަށާއި އޭނާގެ ބޮޑުވަޒީރުކަމަށް ގެނައުމަށް ކޮންޒަރވެޓިވް ޕާޓީއަށެވެ.

ޖޯންސަންއަށް ޒަމާނުއްސުރެ ފާޑުވިދާޅުވަމުން ގެންދަވާ ގްރީވް ވިދާޅުވީ، ލަންޑަނަށް ލިބުނު މުއްސަނދިކަމަކީ ހަމައެކަނި، މަނީ ލޯންޑަރިންގެ ރޮނގުން އޮތް ނުރައްކަލެއް ނޫން ކަމަށާއި، އެއީ ގައުމީ ސަލާމަތަށްވެސް އޮތް ނުރައްކަލެއް ކަމަށެވެ.

ޕޫޓިންއާ ދެކޮޅަށް ކެމްޕޭން ކުރައްވާ ލަންޑަންގައި ހުންނަ އެމެރިކާއަށް އުފަން ހެޖް ފަންޑް މެނޭޖަރ ބިލް ބްރައުޑަރ އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، އިނގިރޭސިވިލާތުން ވަނީ އެތައް ޒަމާނެއް ވަންދެން ރަޝިޔާގެ މުޑުދާރު ފައިސާއަށް މަރުހަބާ ކިޔަމުން ގޮސްފައެވެ.

މީޑިއާއިން ބުނާ ގޮތުގައި ޖޯންސަންގެ ޕާޓީން ރަޝިޔާގެ މަހުޖަނުންގެ އަތުން ނަގާފައިވާ ފައިސާއާ ބެހޭ ގޮތުން ސުއާލު ކުރުމުން އެއަށް ޖަވާބެއް ދޭކަށް ބޭނުމެއް ނުވެއެވެ.

ރަޝިޔާގެ މަހުޖަނުންގެ ފަރާތުން ފައިސާ ލިބުނު އެންމެ މަތީ ފަންތީގެ ސިޔާސީ ބޭފުޅުންގެ ތެރޭގައި ޖޯންސަން އާއި އޭރުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާ ތެރީސާ މޭވެސް ހިމެނިވަޑައިގަންނަވައެވެ.