އިންޑިއާގެ މަދްޔަޕްރަދޭޝްގައި މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ސަރުކާރުން ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަޑު އުފުލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގޮވާލައިފިއެވެ.
އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ މަދްޔަޕްރަދޭޝް ގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން، މަދްޔަޕްރަދޭޝްގެ ހޯމް މިނިސްޓަރގެ އަމުރަށް އެ ހަމަނުޖެހުމުގައި ބައިވެރިވި ކަމަށް ބުނާ މުސްލަމުންގެ އެތައް ބަޔަކު ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށް އެހިސާބުގައި ދިރިއުޅޭ މުސްލިމުންގެ ގެދޮރަށް ގެއްލުންދީ، ސުންނާފަތި ކުރަމުން ގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޑިއާ ސަރުކާރުގެ އެޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ހިންދޫންގެ ދީނީ ޙަފްލާއެއް ފާހަގަ ކުރުމަށް ހިންދޫން ހިންގި ޙަރަކާތެއްގެ ތެރޭގައި އެސަރަޙައްދުގެ މިސްކިތްތަކުގަ އަޅުކަން ކުރަން ތިބި މުސްލިމުންނަށް އުނދަގޫކޮށް ހިންގި ހަމަނުޖެހުމުގައި މުސްލިމުން ބައިވެރިވި ކަމަށް ތުޙުމަތުކޮށް ޤައުމުގައި ހެދިފައިވާ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މުއާހަދާތަކާއި ދެކޮޅަށް އިންޑިއާ ސަރުކާރުގެ ފަރާތުން މުސްލިމުންނާއި ދެކޮޅު ލާއިންސާނީ ޢަމަލު ހިންގަމުން ގެންދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ބުނެއެވެ.
އަދި މުސްލިމުންނަށް އަނިޔާދީ މިސްކިތްތަކާއި މުސްލިމުންގެ ގެދޮރުގެ ހުރުމަތް ކަނޑާ ގެއްލުން ދިނުމުގެ ގޮތުން ހިންދޫ ޖަމާޢަތްތަކުން ހިންގަމުން ގެންދާ ކަންތައްތަކަށް އިންޑިއާގެ ސަރުކާރާއި ފުލުހުން ބައިވެރިވެ އެކަންކަން ކުރުމަށް ހިތްވަރު ދެމުން ގެންދާކަންވެސް ވަނީ ފާހަގަވެގެން ގޮސްފައި ކަމަށް ބަޔާނުގައިވެއެވެ.
“މުސްލިމުންނާއި ދެކޮޅު ލާއިންސާނީ އަނިޔާވެރި ޢަމަލުތަކެއް އިންޑިއާ ސަރުކާރުން ހިންގަމުން ގެންދާއިރު މިކަންކަމާއި ދެކޮޅަށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ ހަނު ތިބުން އެއީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މިޤައުމުގެ ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫނެވެ. ވީމާ، މިޢަމަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަޑު އުފުލުމާއެކު، ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމުގައި ދިވެހި ސަރުކާރު އިސް ނެގުމަށްވެސް މިކޯލިޝަންގެ ފަރާތުން ގޮވާލަމެވެ.” ބަޔާނުގައި ވެއެވެ.