ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރުކަން ކުރެއްވީ "ހުދުވަލެއްގައި" ހިއްޕަވައިގެން ކަމަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ވެސް ކުރައްވާނީ "ހުދުވަލުގައި" ހިއްޕަވައިގެނ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. "އަޅުގަޑު ވަޒީރުކަން ކުރީ 'ހުދު ވަލެއްގައި ހިފައިގެން' ނެވެ. ﷲ ގެ ވާގިފުޅާއެކު، އަޅުގަޑު ރައީސުލް ޖުމްހޫރިއްޔާގެ މަޤާމް އަދާކުރާނީވެސް ހަމަ މިދެންނެވި 'ހުދުވަލުގައި' ހިފައިގެންނެވެ." ފޭސްބުކު ޕޯސްޓެއްގައި އުމަރު ވިދާޅުވެފައިވެއެވެ.

އުމަރު މިހެން ވިދާޅުވީ އޭ ނާގެ މައްސަލަ އަލުން އޭސީސީއަށް ފޮނުވައިފި ކަމަށް ޕީއެސްއެމްއިން ގެނެސްދިން ޚަބަރަކާ ގުޅިގެންނެވެ. "ސަރުކާރުގެ މީޑިޔާ އިން މި ޚަބަރު މި ގެނެސްދިނީ މި މައްސަލައިގައި ދަޢުވާ ކުރެވޭ ވަރުގެ ހެއްކެއް ޕީޖީ އަށް ނުފެނިގެން މައްސަލަ އަނބުރާ ފޮނުވާލިތާ 1 މަސް ފަހުންނެވެ. ނަމަވެސް މި ހެޑްލައިން ތަކުގެ ބޭނުމަކީ އިރުއިރު ކޮޅުން މި ޚަބަރު މީޑިޔާ ތަކުގައި ކިޔާލުމެވެ. މި މައްސަލައަށް 7 އަހަރުވީ އިރު އަދިވެސް ހެޑްލައިން ހެދުން ނޫން ކަމެއް ނުވިއެވެ. 'މިނިވަން50' އޭ ކިޔައިގެންވެސް ވަރަށް ގިނަ ހެޑްލައިން ހެދިއެވެ. އޮއްޓަރު ހުރި ހަމަ އެކައްޗެއްވެސް ނުނިކުތެވެ،" އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ދިވެހިން ދުވަހުކެވެސް ނުދެކޭފަދަ ހަރުދަނާ، ހެޔޮލަފާ، ސާފު ވެރިކަމެއް ﷲއިރާދަފުޅާއެކު ދިވެހިރައްޔިތުންނަށް ފެނިގެންދާނޭ ކަމަށެވެ. އޭގެ އިތުރުން 2023 ގެ އިންތިޚާބުގައި "އަޅުގަޑު ބައިވެރިވިޔަ ނުދިނުމަށް މި ސަރުކާރުން ކުރާ މަސައްކަތްތައް" ނާކާމިޔާބުވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.