މީސްމީޑިއާގައި މި ފޮޓޯ މަޝްހޫރުވެގެން ދިޔައީ ޒަޔަނިސްޓުން ހަތިޔާރާއެކު ބެލުމެއްނެތި މީހުންގެ ގައިގައި ތަޅަމުން ރަބަރު ވަޒަނުން މީހުންނަށް އަމާޒު ކުރަމުން ދިޔައިރު ހަމަޖެހިލައިގެން މަސްޖިދުލްއަގްސާގެ ފެންޑާގައި މީހަކު ފޯނާ ކުޅެލަ ކުޅެލާ އޮތް މަންޒަރަށެވެ.

މިފޮޓޯގައި ފެންނަ މީހާއަކީ އިރުމަތީ ޤުދުސްގެ ރައުލްއާމޫދު އަވަށުގެ ބަދުރު ސަލާހެވެ. ފަންސާހުން މަތީގެ މިމީހާ ބުނާ ގޮތުން ހުކުރު ދުވަހު ޒަޔަނިސްޓުން ފަތިހާއި ހުކުރު ގަޑީގައި ދިން ހަމަލާ އޭނާއަށް ވަނީ ފެނި ތަޖުރިބާ ކުރެވިފައެވެ. އަންހެނުންނާއި މުސްކުޅިންގެ ގައިގައި ޒަޔަނިސްޓު ސިފައިން ތަޅަމުންދިޔަ ތަން ގާތުން ފެނުނެވެ.

ޔަހޫދީ ސިފައިން ގިބަލީ މިސްކިތް ތެރެއަށް ވަދެ ކަރުނަ ގޭސް ޖެހި އިރު އޭނާ ހުރީ މިސްކިތް ތެރޭގައެވެ. ނޭވާ ހާސްވެގެން ފެންޑާއަށް ނިކުތުމުން ޒަޔަނިސްޓު ސިފައިން އޭނާގެ ގައިގަޔާއި އަތުގައާއި ފައިގައި މުގުރުން ތެޅުމުގެ ސަބަބުން އޭނާ އެއޮތް ތަނަށް ތިރިވެ އޮވެވުނީ ކަމަށް އޭނާ ބުންޏެވެ.

ވަޓްސްއެޕްގައި އޭނާ ވަނީ ޒަޔަނިސްޓުންގެ އަނިޔާގެ ވާހަކަ ކިޔައިދޭ އޯޑިއޯއެއް އެގޮތަށް އޮވެގެން ހިއްސާ ކޮށްފައެވެ. ސަލާހު ބުނަނީ ތިމަންނަ މި ވޭނުގައި އޮވެ، ހުކުރަށް ގޮވާއަޑު އިވި ޚުތުބާވެސް އަޑު އަހައި ހުކުރު ނަމާދުވެސް އަގްސާގައި ކުރީކަމަށެވެ. އެގޮތަށް އޮތް ހިނދުކޮޅުގެ ތެރޭގައި ތިމާ މީހާ މަޝްހޫރުވެފައި އޮތީ ކަމަށް ސަލާހު ހީލާފައި ކިޔައި ދެއެވެ.

މިއީ ޒަޔަނިސްޓު ސިފައިންގެ ހަމަލާ އޭނާއަށް އަމާޒުވީ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ އަކީ އިޒެރޭލުން ޖަލަށް ލައި އަނިޔާ ކޮށްފައިވާ މީހެއްވެސް މެއެވެ. އެހެން އެތައް ހާސް ފަލަސްތީނު މީނުންނެކޭ އެއްފަދައިން އޭނާވެސް ޒަޔަނިސްޓުންގެ އަނިޔާއިން ސަލާމަތް ވެފައެއް ނުވެއެވެ.