ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު ރޭލް ސްޓޭޝަން އަންނަ އަހަރު ތައިލެންޑްގައި ނިމޭނެއެވެ. ތައިލެންޑުން މަސައްކަތް ކުރަމުން ދަނީ އެގައުމުގެ އާންމު ދަތުރުފަތުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.

އައު ރޭލްވޭ ސްޓޭޝަން ދަ ބާންގ ސޫ ގްރޭންޑް ސްޓޭޝަން އަކީ ހުއާ ލާމްފޮންގ ސްޓޭޝްންގެ ބަދަލުގައި ހަދާ ސްޓޭޝަނެކެވެ.

މި ސްޓޭޝަން ބޭނުން ކުރެވޭނީ ބެންކޮކް މެޓްރޯއާއި ހައިސްޕީޑް ރޭލާއި ތިން އެއަރޕޯޓް ގުޅުވައިދޭ ނާރެހަށެވެ. މި ސްޓޭޝަން ވެގެންދާނީ މިހިސާބުގެ ދަތުރުފަތުރުގެ ނާރެހަށެވެ.

މި ރޭލް ސްޓޭޝަންގެ ޚިދުމަތް ދޭން ފެށުމުން ޑޮން މުއާންގ އެއަރޕޯޓާއި ސިޓީ އެއްގަޑި އިރުގެ ދަތުރަކުން ގުޅުވާލެވޭނެއެވެ.

ސައިނޯ ތާއީ އިންޖިނިއަރިންގ ކޮންސްޓްރަކްޝަން އިން މި ސްޓޭޝަންގެ މަސައްކަތް ފަށާފައި ވަނީ 2013ގައެވެ. މިހާރު ހިނަގމުންދާ އިންޓީރިއާގެ މަސައްކަތް 2021ގައި ނިންމާލެވޭނެއެވެ.

ހަތަރު ފަންގިލާގެ އުސް މި ރޭލްވޭ ސްޓޭޝަން ހަދާފައިވަނީ 520 ހެކްޓަރުގެ ބިމެއްގައެވެ. އެއީ، ގާތްގަނދަކަށް 900 ފުޓުބޯޅަ ދަނޑުގެ ސަރަހައްދެކެވެ. މިތާނގައި އެއްފަހަރާ 40 ރޭލަށް 12 ޕްލެޓް ފޯމްގައި އޮވެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް ހަ ލައްކަ ދަތުރުވެރިންނަށް ޚިދުމަތް ދެވޭނެއެވެ.

މި ސްޓޭޝަންގެ 30 ޕަސެންޓް ޚާއްސަ ކޮށްފައިވާނީ ފެހި ގަސްގަހާ ގެހީގެ ސަރަހައްދަށެވެ.

މިއީ ތައިލެންޑްގެ ފުރަތަމަ ހައިސްޕީޑް ރޭލްގެ ފުރަތަމަ މަންޒިލެވެ.

މި ސްޓޭޝަންގެ ޚިދުމަތް ފެށުމުން ލާއޯސްގެ ބޯޑަރަށް މިހާރު ކުރާ 11 ގަޑިއިރުގެ ދަތުރު ތިން ގަޑި އިރަށް ކުރުވެގެންދާނެއެވެ. އަދި ފަހުން ޗައިނާއިން ބެލްޓް އެންޑް ރޯޑްގެ ދަށުން ހަދާ ލާއޯ ރެއިލްވޭއާ ވެސް ގުޅުވާ ލެވޭނެއެވެ.