ހއ. ދިއްދޫގެ އެންމެ އަލިގަދަތަރި ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މި މުބާރާތަކީ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން އެރަށު ކައުންސިލާ ގުޅިގެން ބޭއްވި މުބާރާތެކެވެ.

މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ އެ ކްލަބާއި ކައުންސިލުން މިފަދަ މުބާރާތެއް ބޭއްވީތީ ޝުކުރުއަދާކުރައްވާފައެވެ.

އަދި ހެޔޮކަމަކަށް މަގުދެއްކުމަކީ ހެޔޮކަމެއް ކުރާމީހެކޭ އެއްވަރަށް ސަވާބު ލިބޭކަމެއްކަމަށް ވިދާޅުވިއެވެ.

މިއީ ޤުރުއާނުގެ މައްސަރުކަމަށާއި ހަމައެކަނި ދެލިގަނޑު ކިޔެވުމުގެ ބަދަލުގައި ތަރުޖަމާ ކިޔޭތޯ ބެލުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. ޚަތިމް ކުރާއިރު ދަންނަ ބޭކަލުން ވަކި މިންގަނޑުތަކެއް ކަނޑައަޅުއްވާފައިވާކަމަށް ވިދާޅުވެ އޭގެ ތަފްސީލުދެއްވާ، މަދުވެގެން އަހަރަކު އެއްފަހަރު ނަމަވެސް ތަރުޖަމާއާއިއެކު ޚަތިމް ކުރެވޭ ވަރުވޭތޯ ބެލުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

އަދި ޤުރުއާނުން ބައެއް ހިތުން ދަސްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. ޤުރުއާނުގައި ވަރަށް ޢިބުރަތްތެރިވާހަކަތައް ހުންނާނެކަމަށާއި ތަރުޖަމާއާއިއެކީ ކިޔުމުން ޤުރުއާން ހަނދާނުގައި ހުންނަން ފަސޭހަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޤުރުއާނުގެ ސަބަބުން އުންމަތްތައް ކުރިއަރާދާކަމަށާއި ޤުރުއާނުގެ ސަބަބުން އުންމަތްތައް ވެއްޓި ހަލާކުވާކަމަށްވެސް ވިދާޅުވިއެވެ. އެއީ އެ ޤުރުއާނާއެއްގޮތަށް ޢަމަލު ނުކުރާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރޭގެ ރަސްމިއްޔާތުގައި ގަދަ ފަހެއްގައި ވާދަކުރި ފަސް ބައިވެރިންނަށް މިނިސްޓަރ ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މި މުބާރާތުގެ 1 ވަނައަށް ހޮވައިފައިވަނީ އާމިނަތު ޝިޢުރާ އިބްރާހީމެވެ. މުބާރާތުގެ 2 ވަނަ ޢަބްދު ﷲ ޒައިން ބިން މުޙައްމަދު އަދި 3 ވަނަ ޙާސިލް ކޮށްފައިވަނީ ޙުސައިން ޝަހުބާނެވެ.

މިނިސްޓަރ ދިއްދޫއަށް ކުރެއްވި މި ޒިޔާރަތުގައި އެރަށު އިސްލާމިކް ސެންޓަރު އެޅުމަށް ހަމަޖެހިފައިވާ ބިން ބައްލަވާލައްވާ، އެރަށުގައި ހުރި މިސްކިތްތަކަށް ޒިޔާރަތްކުރައްވާ އެ މިސްކިތްތަކުގެ ޙާލަތުވެސް ބައްލަވާލެއްވިއެވެ.