ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ޝެހްބާޒް ޝަރީފް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އާ ސަރުކާރުގެ އެންމެ ބޮޑު އެއް މަގްސަދަށް ސަރަހައްދީ ސުލްހައިގެ މަސައްކަތް ވެދާނެ ކަމަށް ލަފާ ކުރެވެއެވެ.
ޔޫރަޕްގެ ތިންކް ޓޭންކުން ތައްޔާރު ކުރި ކޮމެންޓްރީއެއްގައި ބުނެފައި ވަނީ، އިމްރާން ޚާން މަގާމުން ދުރުކުރުމުން އާ ސަރުކާރުގެ އެންމެ ބޮޑު އެއް މަގްސަދަކަށް ސުލްޙައިގެ މަސައްކަތް ވެދާނެ ކަމަށެވެ. އެމްސްޓެޑަމްގައި ހުންނަ ޔޫރަޕިއަން ފައުންޑޭޝަން ފޯ ސައުތު އޭޝިއަން ސްޓަޑީޒް (އީއެފްއެސްއޭއެސް) އިން ބުނި ގޮތުގައި އިމްރާން ޚާންއާ މެދު ހިތްހަމަނުޖެހިފައިވާ އަސްކަރީ މުއައްސަސާއިންވެސް ވަނީ އަވަށްޓެރިންނާ އެކު ގުޅުން ރަގަޅު ކުރުމަށް ޝައުގުވެރިވާ ކަމަށް ބުނެ ބަޔާން ދީފައެވެ.
ޕާކިސްތާންގެ އައު ސަރުކާރަށް ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ހިޔަނި އެޅޭނެ ކަމަށްވެސް ބެލެވެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ނަވާޒް ޝަރީފު ރަނގަޅު ގުޅުންތަކެއް ބޭއްވިކަމަށް މީޑިއާއިން ރިޕޯޓް ކުރެއެވެ. ޕާކިސްތާނުގެ ޕަންޖާބުގެ ޗީފް މިނިސްޓަރުގެ ހައިސިއްޔަތުން ޝެހްބާޒް ޝަރީފަކީ އިންޑިއާގެ ޕަންޖާބާއެކު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި އިގުތިސާދީ ގުޅުންތައް ވަރުގަދަ ކުރުމަށް އަބަދުވެސް މަޝްވަރާތަކަށް ހުޅުވާލައިގެން ކުރިއަށް ވަޑައިގަތް ބޭފުޅެކެވެ.
ޝެހްބާޒް 2013 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ "ހަނގުރާމައަކީ ހައްލެއް ނޫން" ކަމަށާއި "ސަރ ކްރީކް، ސިއާޗޭން، ކޯރުގެ ފެނާއި ކަޝްމީރު" ފަދަ ހުރިހާ މައްސަލަތަކެއްގައި ސުލްހަވެރި މަޝްވަރާތައް އަލުން ފެށުމަށް ތާއީދު ކުރައްވާ ކަމަށެވެ.
އިންޑިއާގެ ފަރާތުން ފެންނަ ރާގުން ދޭހަވަނީ، މަޝްވަރާއާއި މައްސަލަތައް ހައްލުކުރުމަށް ބުރަވާ މޭރުމަކުން އިންޑިއާއިން ވާހަކަ ދައްކާ ކަމެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައިވެސް މިކަމަށް އިޝާރާތް ކުރައްވާފައި ވެއެވެ.