ކާފޫރުތޮޅިއަކީ އޭގައި ހީނުކުރާފަދަ ސިއްހީ އެތައްފައިދާތަކެއް ހިމެނޭ ބާވަތެކެވެ. ވިޓަމިންސް އާއި އެންޓިއޮކްސިޑެންޓް ގިނައަދަކަށް ހިމެނޭ ކާފޫރުތޮޅީން އެތެރެހަށީގެ ބަލިތަކަށާއި ތަފާތު އާންމު ބަލިތަކަށް ފަރުވާ ލިބެއެވެ.

ހަކީމީ ބޭހުގެ މައިގަނޑު ބާވަތްތަކުގެތެރޭގައި ހިމެނޭ ކާފޫރުތޮޅީގެ ތެޔޮ މީގެ އެތައް އަހަރެއްކުރީން ރޯމަނުންނާއި މިސްރު މީހުން ތަފާތު ބާވަތްތަކުގެ ބަލިތަކަށް ފަރުވާހޯދުމަށް ބޭނުންކުރެއެވެ.

ނޭވާލުމުގެ ނިޒާމަށްޖެހޭ ބަލިތަކާއި އަސްތަމާފަދަ ބަލިތަކަށް ފަރުވާ ލިބޭ ކާފޫރުތޮޅިއަކީ ކާނާގެ ބާވަތްތަކުގެ ރަހަ މީރުކޮށްދޭ ބާވަތެއްވެސް މެއެވެ. އެހެންކަމުން ކާފޫރުތޮޅީގެ ފައިދާ ދެނެގަނެ ކެއުމުގައި ކޮންމެހެންވެސް މި ބާވަތް ހިމެނުން މުހިންމެވެ.

ލޭގެ ޕްރެޝަރ ދަށްކޮށްދިނުން

ކާފޫރުތޮޅިއަކީ އެންޓި އޮކިސިޑެންޓްގެ މާއްދާ ގިނަ އަދަދަކަށް އެކުލެވޭ ބާވަތެކެވެ. އެހެންކަމުން ހަށިގަނޑުގައި ދައުރުކުރާ ލޭގެ ޕްރެސަރ އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދެއެވެ. އަދި ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުކޮށްދިނުމުގެ ސަބަބުން ބަލިތަކުން ދުރުވުމަށް އެހީވެދެއެވެ.

ހަޖަމު ކުރުމުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާއެއް

ކާފޫރުތޮޅިއަކީ ހަޖަމުކުރުމުގެ މައްސަލަތައްޖެހުމުން ފަރުވާކުރުމަށް ޒަމާނުއްސުރެ ބޭހެއްގެ ގޮތުގައި ބޭނުންކުރާ ބާވަތެކެވެ. ކުޑަކަމުދިއުމާއި ބޮޑުކަމުދިއުމުގައި ދިމަވާ މައްސަލަތަކަށް ކާފޫރުތޮޅިން ހައްލު ލިބޭކަމަށް ކުރީއްސުރެ ހަދާފައިވާ ދިރާސާތަކުން ހާމަވެއެވެ. މީގެތެރޭގައި ބަނޑުހަރުވުމާއި ބޭރަށްހިންގުންފަދަ ބަލިތަކަށްވެސް ކާފޫރުތޮޅިން ފަރުވާ ލިބެއެވެ.

އިންފެކްޝަނުން ދުރުކޮށްދޭ

ކާފޫރުތޮޅީގައި އެންޓި ބެކްޓީރިއަލް މާއްދާތައް ގިނަ އަދަދަކަށް އެކުލެވިގެންވުމުން އެކި ބާވަތްތަކުގެ އިންފެކްޝަން ތަކުން ދުރުކޮށްދެއެވެ. އަދި ކާފޫރުތޮޅީގައި ހިމެނޭ ތެލުގެ ސަބަބުން އެކި ކަހަލަ ބަލިތައް ޖެހުމުން ދުރުކޮށްދޭކަމަށް ހޯދުންތަކުން ހާމަވެއެވެ.

ހަމަށް ލިބޭ ފައިދާ

ފަސޭހައިން ބިހިނަގާ ތެޔޮކޮށް ހުންނަ ހަމަށް ކާފޫރުތޮޅިއަކީ ވަރަށް ރަނގޅު އެއްޗެކެވެ. އޮށަޅަފަދަ ތަކެތި ނެގުމުން ދުރުކޮށްދެއެވެ. އެއީ ކާފޫރުތޮޅީގައި ހުންނަ ވިޓަމިންސް އިން ހަން ތެޔޮވުމުން ދުރުކޮށްދީ ބިހިނެގުމާއި މޫނު ގައި ހުންނަ ކުދި ލޯވަޅުތައް ބައްދައިދޭތީއެވެ. އެހެންކަމުން ބައެއްކަހަލަ ފޭޝަލް އާއި ލިޕް ބާމުގައިވެސް ކާފޫރުތޮޅި ހިމެނެއެވެ.

ދުވާލަކު މަދުވެގެން 1 ކާފޫރުތޮޅި ކެއުމުން ސިއްޙީ އެތައްގިނަ ފައިދާތަކެއް ލިބޭކަމަށް ސިއްހީ ދިރާސާތަކުން ހާމަވެފައިވެއެވެ. ހަށިގަނޑުގެ ފާރުހިއްކައިދިނުމާއި ގޮހޮރުގެ ގެބަލިތަކަށްވެސް ފަރުވާއެއްގެ ގޮތުގައި ޒަމާނުއްސުރެ ކާފޫރުތޮޅި ބޭނުންކުރެއެވެ. އެހެންކަމުން ކާނާ ތައްޔާރުކުރުމުގައި ކާފޫރުތޮޅި ހިމެނުމުން ތިބާއާއި އާއިލާގެ ސިއްޙަތަށް ދުޅަހެޔޮކަމެއް ލިބިދޭނެއެވެ.

މައުލޫމާތު: މީސްމީޑިއާ