މިއަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިއަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ހަތަރު ދުވަސް ރައީސުލްޖުމްހޫރިއްޔާ އިތުރުކުރައްވާފައިވާކަމަށެވެ. އެއީ ފިތުރު އީދާ ދިމާކޮށް އަންނަ މެއި 5 ވަނަ ދުވަހާއި އަޟްހާ އީދާއި ގުޅިގެން އަންނަ ޖުލައި މަހުގެ 13 އަދި 14 ވަނަ ދުވަހާއި މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ޖުލައި މަހުގެ 28 ވަނަ ދުވަހެވެ.

ފިތުރު އީދާއި ގުޅިގެން ގެނައި ބަދަލާއެކު 5 މެއި ބަންދުކުރުމުން ފިޠުރު އީދު ބަންދަށް ލިބޭ ދުވަސް އިތުރުވާނެއެވެ. ކުރިން އޮތްގޮތުން އީދު ބަންދަށްފަހު ސަރުކާރު ހުޅުވާފައި ހުންނަ ދުވަހަކީ ބުރާސްފަތި ދުވަސް އެކަންޏެވެ. ނަމަވެސް މެއި 5 ވާ ބުރާސްފަތި ދުވަސް ބަންދުކުރުމާއި ގުޅިގެން ފިޠުރު އީދު ބަންދަށް އެއް ހަފްތާ ލިބޭނެއެވެ.