އެއް ޒަމާނެއްގައި ދީލަތިކަމާއެކު އެހެން މީހުނަށް އެހީތެރިވެދީ، ރެފިއުޖީން ބަލައިގަތް، ޔަމަން މިހާރު އޮތީ އެހެން މީހުންގެ ދީލަތި އެހީއެއްގެ އިންތިޒާރުގައެވެ.

އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޒް ވިދާޅުވަނީ، އެމަނިކުފާނު ހުންނެވީ ޔަމަންގެ ހާލަތާމެދު މާޔޫސްވެ ވަޑައިގެން ނުހަނު ނުތަވަސް ހާލަތެއްގައި ކަމަށެވެ.

ޔަމަނަކީ، ސުންނީ ރައީސް އަބްދުއްރައްބު ހާދީ މަންސޫރުގެ ސިފައިންނާއި ޝީއާ އިމާމިއްޔާ، ހޫޘީންގެ ދެމެދު ހަނގުރާމައިގ ގައި ހަނާވަމުންދާ ގައުމެކެވެ. ގައުމު ކޮންޓްރޯލް ކުރާ ވަރުގެ ސަރުކާރެއް ނެތެވެ. ހޫޘީން ދަނީ ހާދީ މަންސޫރުގެ ސިފައިން ބަލިކޮށް ތަންތަން ހިފަމުންނެވެ.

ހާދީ މަންސޫރު ވެރިކަން ކުރައްވަނީ ސައޫދީ އަރަބިއްޔާއިންނެވެ. އޭނާއަށް އަވަށްޓެރި ސައޫދިއްޔާއާއި އިމާރާތާއި އެމެރިކާއާއި އިނގިރޭސިން ތާއީދު ކުރެއެވެ.

ފާހަގަ ކޮށްލަން ޖެހޭ ހެއްވާކަމަކީ، ޔަމަނަށް އެންމެ ފުރަތަމަ ބުރުގައި ބިން އެޅި ސައޫދީ “ހީރޯ” ޕައިލެޓުންނަށް ހަދިޔާއަކަށް ދީފައިވަނީ އަގު ބޮޑު ލަގްޒަރީ ބެންޓްލީ ކާރެވެ!

ހޫޘީންނަށް ތާއީދު ކުރަނީ އީރާނުންނެވެ.

އދން ބުނާ ގޮތުގައި ޔަމަންގައި 20 މިލިއަން މީހުންނަށް މިހާރުން މިހާރަށް ކާނާގެ އެހީތެރިކަން ބޭނުން ވެއެވެ.

އިނގިރޭސިވިލާތުހެ ޚާރިޖިއްޔާ އާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ އިނގިރޭސިން ވަނީ އެމީހުންގެ ކުރިން އިސްތިއުމާރު ކުރި ގައުމަށް 5.8 މިލިއަން ޕައުންޑްގެ އެހީ ދޭން ނިންމާފައެވެ. މިއިން ފަސް ލައްކަ މީހުންނަށް މަހު ކޮއްތާއި ބޭހާއި ތާހިރު ވުމަށް ބޭނުންވާ ސާމާނު ގަނެވޭނެކަމަށް ވެއެވެ.