ކުޑަކުދިންގެ އުޅުމާއި އަޚްލާޤާއި ވިސްނުމަށް ކާޓޫނުގެ ސަބަބުން އަސަރުކުރަނީ ކިހެނެތް، ކިހާވަރަކަށްކަން އިނގެނީ ކިތައް މައިންބަފައިންނަށްތޯއެވެ؟ ބޭރުގެ ޓީވީ ޗެނަލްތަކުން ރެއާ ދުވާލު ފޮނުވަމުންދާ ކާޓޫންތަކާމެދު ތަކާމެދު އިސްލާމީ ނަޒަރަކުން ވިސްނާލައިފިނަމަ އަޅުގަނޑުމެންނަށް އެނގި ކަށަވަރުވެގެންދާނީ އެކާޓޫންތަކުގެ ނުވަދިހަނުވަ އިންސަތައަކީ ﷲ ތަޢާލާގެ މަތީން ޣާފިލުކުރުވާ އުޅުމާއި އަޚްލާޤު ފަސާދުކުރުވާ އެއްޗެއް ކަމެވެ..

އިންސާނާ ކިޔާ ތަކެތި އޭނާގެ ހަނދާނުގައި ހުންނަނީ ކުޑަ ވަގުތުކޮޅަކަށެވެ. ނަމަވެސް އޭގެ ނިސްބަތުގައި އޭނާ އަޑުއަހާ ތަކެތި ސިކުނޑީގައި ހަރުލައި ހުންނަ މިންވަރު ބޮޑެވެ. އެކަމަކު އިންސާނާގެ ސިކުނޑިއަށް އެންމެ ބޮޑު އަސަރެއްކުރަނީ އޭނާ ބަލާ ތަކެތީންނެވެ. ޓީވީ ޗެނަލްތަކުން ދައްކާ ކާޓޫން ތަކަކީ ކުޑަކުދިންގެ ހިތްދަމައިގަންނަ ފަދަ ގޮތްތައް ދިރާސާކޮށް ހޯދައި ބަލައިގެން އުފައްދާ އެއްޗެކެވެ. މިސާލަކަށް އަމިއްލަ ނަފްސާމެދު ވިސްނާލާށެވެ. އަޅުގަނޑުމެން ފިލްމެއް ބަލައިފިނަމަ އެތައް އަހަރެއް ފާއިތުވެގެންދާއިރުވެސް އެފިލްމުގައި އުޅުނު ތަރިންނާއި އޭގެ ވާހަކަތަކާއި މަންޒަރުތަކަށް ދާންދެން އޭނާގެ ހަނދާނުގައި ހަރުލައި ހުންނާނެއެވެ. އަދި ވަކިން ޚާއްޞަކޮށް ކުޑަކުދިންނަކީ ސްޕަންޖްކޮޅެއް ކަހަލަ ބައެކެވެ. އޭގެ ތެރެއަށް ފެން ނުވަތަ އެފަދަ ދިޔާއެއްޗިހި ވަންނަލެއް ފަސޭހަކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެއެވެ. ހަމަ އެފަދައިން ކުޑަކުދިންވެސް އެކުދިންނަށް ފެންނަ މަންޒަރުތަކާއި އިވޭއަޑުތަކާއި އަދި ކުރެވޭއިޙްސާސްތައް ވަރަށް ފަސޭހައިން އަދި އެހާމެ އަވަހަށް އެކުދިންގެ ހިތާ ސިކުނޑިއަށް ދަމައިގަނެއެވެ. އަދި އުޅުމާ އަޚްލާޤުން އެކަން ތަޖުރިބާކުރަން ފަށައެވެ.

އެހެންކަމުން ކުދިންނަށް ކާޓޫން ދެއްކުން އާދަވެއްޖެނަމަ އެކުއްޖާގެ އުޅުމާއި އަޚްލާޤުން ހަރުކަށިކަމާއި ދުވެ މަޑުމައިތިރިކަން ގެއްލި އެހެންކުދިންނާއިއެކު އުޅޭއުޅުމުގައި ހަމަނުޖެހުން އުފެދުމާއި މައިންބަފައިންގެ ވާހަކަތަކަށް ސަމާލުކަންދޭ މިންވަރު ކުޑަވާނެކަން ދަންނާށެވެ. ގިނަ މައިންބަފައިންގެ އާދައަކީ ގޭގައި މަސައްކަތުގެ ވަރުބަލީ ފިލުވާލަން ނުވަތަ އަވަދިނެތި އުޅޭ ވަގުތެއްގައި ދަރިފުޅު އެތަނަކާއި ކައިރިވާނަމަ އަވަހަށް ކާޓޫން ބަލަން ދަރިފުޅު ފޮނުވާލަނީ އެވެ.

އާންމުގޮތެއްގައި ގިނަ ބެލެނިވެރިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ކާޓޫނަކީ މާބޮޑު ގޯހެއް އެކުލެވިގެންނުވާ ގެއްލުމެއްނެތް އެއްޗެއްގެ ގޮތުގައެވެ. އެހެންކަމުން ދަރިންނަށް ކާޓޫނުދެއްކުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއްގެ ގޮތުގައެއް ގިނަބަޔަކު ނުދެކެވެ.

ނަމަވެސް ކާޓޫންތަކާއި ބެހޭގޮތުން ހޯދިފައިވާ ހޯދުންތަކުން ޘާބިތުވާގޮތުގައި ވޯލްޓް ޑިޒްނީގެ ކާޓޫނުތަކާއި، ކުޑަކުދިންގެ މަޤުބޫލުކަން ހޯދާފައިވާ ކާޓޫނުތަކުގެ ޕްރޮޑިއުސަރުންނަކީ ހުޅަނގުގައި ފެތުރިފައިވާ ނުބައިވެގެންވީ ޖިންސީ ތަޙުރީކުތަކަށް ތާއީދުކޮށް އެކަން ފެތުރުމަށް މަސައްކަތްކުރާ މީހުންނެވެ.

އަދި އެފަދަ ޚިޔާލާއި ފިކުރުތައް ޅަސިކުނޑިތަކަށް ވެއްދުމަށްޓަކައި މިދެންނެވި ކާޓޫނުތައް ވަސީލަތެއްގެ ގޮތުގައި މި ޕްރޮޑިއުސަރުން ދަނީ ބޭނުންކުރަމުންނެވެ. ހޯދުންތަކުން އެނގޭގޮތުގައި އުމުރުން 10 އަހަރުގެ ގިނަ ކުދިންގެ މެދުގައި ޖިންސީ ޖަޒުބާތު ފެތުރުމުގައިވެސް ކާޓޫނުތަކުގެ މަންޒަރުތައް ވަރަށް ބޮޑު ރޯލެއްކުޅޭކަން ވަނީ ޘާބިތުވެފައެވެ.

އެހެންކަމުން މިކަންކަމާދު ވިސްނައިިލަމާތޯއެވެ؟ ޚާއްޞަކޮށް މައިން މިކަމާމެދު ވަކިންބޮޑަށް ވިސްނަންޖެހެއެވެ. ދަރިން ލޮއްސުމަށްޓަކައި ނުވަތަ ކެއްކުމަށްޓަކައި ނުވަތަ ގޭތެރޭގެ މަސައްކަތްތައް ކޮށްލުމަށްޓަކައި ނަމަވެސް ޓީވީތަކުން ދައްކާ މިދެންނެވިފަދަ ޕްރޮގްރާމްތަކާއި ކާޓޫނުތަކުގެ ބެލެނިވެރިކަމުގެ ދަށަށް ތިމާގެ ލޯބިވާ ދަރިފުޅު ދޫކޮށްލުމަކީ މައިންނަށް ހެދޭ ވަރަށް ބޮޑު ގޯހެއްކަން ދަންނާށެވެ. މިއަދު މައިންގަފައިންގެ އެންމެ ބޮޑު ޝަކުވާ އަކީ ދަރިން ބަސްނޭހުމާއި ކުދިންގެ އުޅުން ގޯސްވުމެވެ. މިކަންކަމާއި ކަންބޮޑުވާ ގިނަ މައިން ތިބިއިރު ރާއްޖޭގެ ކުޑަ އާބާދީއަށް ބަލާލި ނަމަވެސް ޓެބްލެޓް ، އައިޕެޑް ނުވަތަ އެހެންވެސް ވަސީލަތެއް ނުގެންގުޅޭ ކުޑަކުއްޖެއްވެސް ނިސްބަތުން މަދޭ ދެންނެވިޔަކަސް ދޮގަކަށް ނުވާނެއެވެ. ބޭނުން އިރަކު ދަރިފުޅު ގޭމް ކުޅުމަށް ކާޓުން ބެލުމަށް މައިންބަފައިންގެ ހުއްދަ އޮވެއެވެ.

ކާޓުންގެ ސަބަބުން ދަރިންގެ އުޅުން ގޯސްވެ އެކުދިންގެ މިޒާޖާ ނުގުޅޭ ކަންކަން ކުދިން ކުރެއެވެ. މިކަންކަމަށް މައިންބަފައިން އަހުލުވެރިވެ އިސްލާމީ ވެއްޓެއް ގޭތެރޭގައި ޤާއިމުކުރެވޭތޯ މަސައްކަތް ކުރާށެވެ. މައިންބަފައިން ނަމޫނާ ބަޔަކަށްވެ ބަލިވުމުން ޝިފާ ހޯދަން މަސައްކަތް ކުރާ އުސޫލުން ކުދިންނަށް އީމާންކަމުގެ ފޮނިކަން ތިބާގެ އަމަލުތަކުން ދަސްކޮށްދޭށެވެ. ބަދިގޭގައި މަންމައިން ކުރާ ކަންތަކުގައި އެކުދިންގެ އުމުރާ ގުޅޭހެން ކަންކަން ހަވާލު ކުރާށެވެ. ކުދިން ކާޓޫނާއި ދުރުކޮށް ދީނީ ފޮތްތައް ކިޔުމަށް ކުދިންނަށް ހިތްވަރުދޭށެވެ. ގޭތެރޭގައި ކުޅެވޭނެ މަޖާ ކުޅިވަރު ރާވާލާށެވެ. މި ބަދަލުތައް ގެންނަން ބޭނުންނަމަ ނުވަތަ ކާޓޫން ތަކުން ދަރިން ދުރުކުރަން ބޭނުންނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟ ފޯނުން ހޯދާ ލާށެވެ. ކުދިންނާއި އެކީގައި ގޭތެރޭގައި ކުރެވިދާނެ ކަންތައްތަކެވެ. އިސްލާމީ ރިވެތި ކާޓޫން ތަކެވެ. (ނުނިމޭ)