ކެންޔާއާއި އިންޑިއާއިން ކަނޑުގެ ސަލާމަތާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާއާ ކެންޔާއާ ދެމެދު ސަލާމަތީ އަސްކަރީ ގުޅުމުގެ ތިން ވަނަ އެއްބަސްވުމެވެ.

އިންޑިއާއާއި ކެންޔާއާ ދެމެދު ސޮއިކޮށްފައިވާ މިއެއްބަސްވުމަކީ، ޓެރަރިޒަމްއާއި މަސްތުވާތަކެއްޗާއި ދެކޮޅަށް އިންޑިއާ ކަނޑުގައި ދެގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ. މީގެ އިތުރުންވެސް ދިފާއީ ކަންކަމުގެ ރިސާޗްގެ މައިދާނުގައިއާއި ޚާއްސަ މެޑިކަލް ޓްރޭނިންގއާއި ސައިބަރ ސެކިއުރިޓީއާއި އާޓިފިޝަލް އިންޓެލޖެންސާއި ކުއާންޓަމް ޓެކްނޮލޮޖީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެއްބަސްވެފައި ވެއެވެ.

ކެންޔާއާއި އިންޑިއާއަކީ ޑިފެންސްގެ ދާއިރާއިން ދެގައުމު މިނިވަންވީއްސުރެން ގުޅިގެން މަސައްކަތް ކުރާ ދެ ގައުމެވެ. ނަމަވެސް ދެފަރާތުގެ ގުޅުން މިހާރު އިތުރަށް ވަރުގަދަ ކުރުމަށް ތަފާތު ދާއިރާތަކުން އެއްބަސްވުން އެކުލަވާލާފައި ވެއެވެ.

އިންޑިއާއާއި ކެންޔާ ދެމެދު އަސްކަރީ ރޮނގުން ގުޅުން ބަދަހި ކުރުމާ ބެހޭ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ 2016 ގައެވެ.

އިންޑިއާގައި އޮންނަ ތަމްރީން ޕްރޮގްރާމުތަކުގައިވެސް ކެންޔާ ސިފައިން އާދަވެގެން ބައިވެރިވެއެވެ.

2018 ގައިވެސް އިންޑިއާ ކެންޔާ ދެމެދު ނޭވަލް އޮޕަރޭޝަންއާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކެންޔާގެ ރައީސް އުހުރު ކެންޔާޓާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.