ބ. ދަރަވަންދޫގެ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތްތައް އެމްޑަބްލިއުއެސްސީއިން ފަށައިފި އެވެ.
މިގޮތުން، ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ވަނީ ދަރަވަންދޫއަށް ކުންފުނިން މިހާރު ވަނީ ގެންގޮސްފަ އެވެ. އަދި މިހާރު ކުރިއަށްދަނީ ނަރުދަމާ ނިޒާމްގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމުގައި އެމްޑަބްލިއުއެސްސީ އިން މައުލޫމާތު ދިނެވެ.
މަޝްރޫއުގެ ދަށުން ދަރަވަންދޫގައި 9.54 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކު ގާއިމްކުރުމާއި 780 މީޓަގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިންގ ސްޓޭޝަންގައި އަދި 1 ސީ އައުޓް ފޯމް ގާއިމްކުރުން ހިމެނެއެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމުގައި އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދަރަވަންދޫގެ ނަރުދަމާގެ މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަގަކީ ޖުމްލަ 29-40 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން ދަރަވަންދޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމުގައި އެމްޑަބްލިއުއެސްސީ އިން ހާމަކޮށްފައިވެއެވެ.