ޗައިނާގެ ސީނޯފާރމް ކުންފުނިން ތަރައްގީކުރި ކޮވިޑް-19 ވެކްސިން އަޖުމަ ބެލުމުގެ ގޮތުން ގާތްގަނޑަކަށް އެއްމިލިއަން މީހުންނަށް ވެކްސިން ދީފިއެވެ.

ސީނޯފާރމްއަކީ ޗައިނާ ސަރުކާރަށް ނިސްބަތްވާ ކުންފުންޏެވެ.

އެހެން ނަމަވެސް، މިވެކްސިންގެ ކްލިނިކަލް ޓްރައިލްސްތަކުގެ ސާފު ނަތީޖާއެއް، އެކުންފުނިން ހާމަކޮށްފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ ކުންފުނިން ތަރައްގީކުރި ވެކްސިން، އަޖުމަބެލުމުގެ ގޮތުން ޖުލައިމަހުން ފެށިގެންވަނީ ވަކި ބަޔަކަށް ދޭން ފަށާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ސަރުކާރުގެ މުފައްޒަފުންނާއި، ބޭރުގައި ކިޔަވާ ޗައިނާގެ ދަރިވަރުންނާއި އަދި ބޭރު ގައުމުތަކަށްދާ ޗައިނާގެ މަސައްކަތްތެރިންނަށެވެ.

ސީނޯފާރމްގެ ޗެއަރމަން ލުއި ޖިންޒެން މީޑިއާއަށް މައުލޫމާތު ދެއްވަމުން މި ހަފްތާގައި ވިދާޅުވެފައިވަނީ، އެ ކުންފުނިން ތަރައްގީކުރި ވެކްސިން، އިމަޖެންސީ ހާލަތުގެ ދަށުން މިހާތަނަށް ގާތްގަނޑަކަށް މިލިއަނެއްހާ މީހުންނަށް ދީފައިވާ ކަމަށެވެ.

ލުއި ޖިންޒެން ވިދާޅުވީ، އަޖުމަ ބެލުމުގެގޮތުން އެ ކުންފުނީގެ ވެކްސިން ދެވުނު ވަރަށް މަދު މީހެއްގެ ފަރާތުން ކުދިކުދި އަލާމާތްތައް ފެނުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް މައްސަލައެއް ކުރިމަތިނުވާ ކަމަށެވެ.

ކޮވިޑް-19 ބަލީގެ ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވުހާން ސިޓީން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

މި ބައްޔަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގައި ވެކްސިން އުފައްދާ ބޮޑެތި ކުންފުނިތަކުން ވަރުގަދަ އަދި އަވަސް މަސައްކަތްތަކެއް ކުރަމުންދާއިރު، ޗައިނާގެ ކުންފުނިތަކުންވެސް ގެންދަނީ ވެކްސިނެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ބޮޑު ހަތަރު ކުންފުންޏަކުން ތަރައްގީކުރި ކޮވިޑް ވެކްސިން މިހާރު އުޅެނީ ކްލިނިކަލް ޓްރައިލްސްގެ އެންމެފަހު މަރްހަލާގައެވެ. ވެކްސިންގެ ގިނަ ޓްރައިލްސްތައް ހިނގަމުންދަނީ ޗައިނާއިން ބޭރުގައެވެ.

ސީނޯފާރމްއިން 2 ވެކްސިނެއްގެ އަޖުމަ ބަލަމުން އެބަގެންދެއެވެ. އެ ވެކްސިންތަކުގެ އެންމެފަހު މަރްހަލާގެ ޓެސްޓްތައް ކުރިއަށްދަނީ ޔޫއޭއީ، ބަހްރެއިން، މިސްރު، އުރުދުން، ޕޭރޫ އަދި އާރޖެންޓީނާގައެވެ.