ވަރަށް ގިނަ ރަހުމަތްތެރިންގެ އެދުމާއެކު ދިވެހި އަނބުގައި އައިސް ކްރީމް ހަދާނެ ފަސޭހަ ގޮތެއް ލިޔެލަމެވެ. މި އައިސް ކްރީމް ދިވެހި އަނބުންގައި ތައްޔާރުކުރާތީ ބޭރު އަނބުގެ އައިސް ކްރީމާ ތަފާތު ވެދާނެއެވެ.

ބޭނުންވާތަކެތި

1 ޖޯޑު ދޮންއަނބު (މިކްސަރުން ހިމުންކޮށް، ފުރާނާފައި)

½ ޖޯޑު ވިޕްކްރީމް

3 މޭޒުމަތީސަމުސާ ގެރިކިރު

¼ ޖޯޑު ފުލްކްރީމް މިލްކް

ތައްޔާރުކުރާނެގޮތް

އަނބު މިކްސަރުން ހިމުންކުރާނީ ފުލްކްރީމް އަޅައިގެންނެވެ. އެއަށްފަހު ގެރިކިރު އަޅައި އެކޮށްލާށެވެ. ދެން ވިޕްކްރީމް، އެއްކޮށް ވިޕް ނުކޮށް ގާތްގަނޑަކަށް 60 ޕަސެންޓް ވިޕް ވުމުން ގިރި އަނބާ އެއްކޮށްލާށެވެ. އެއަށްފަހު އައިސް ކްރީމް ހަދާނެ މަތިޖެހި ތައްޓަކަށް އެޅުމަށްފަހު އައިސްއަލަމާރީ ގަނޑުކުރާބައިގައި 4 ގަޑިއިރެއްހާއިރު ނުވަތަ ގަނޑުވަންދެން ބަހައްޓާފައި ނަގާށެވެ. މެންގޯ އައިސްކްރީމް ތައްޔާރުވީއެވެ.

މިއީ އަނގަޔަށް މީރު ވަރަށް ފަސޭހައިން ދިވެހި އަނބުގައި އައިސް ކްރީމް ހެދިދާނެ ގޮތެކެވެ.