އިސްރާއީލުގެ ބޮޑުވަޒީރު ނެފްތާލީ ބެނެޓްގެ ދައުވަތަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާއީލަށް ވަޑައިގަންނަވާނެ ކަމަށް މީޑިއާއިން ބުނެފިއެވެ.

ކުރިއަށް އޮތް މަސްތަކުގައި އިސްރާއީލަށް ވަޑައިގަތުމަށް ދެއްވި ދައުވަތު ބައިޑަން ގަބޫލުކުރެއްވިކަން ދެ ސަރުކާރުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އަދި ދަތުރު ބާއްވާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

ބެނެޓް ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ވޮޝިންޓަންގައި ބައިޑަންއަށް ޒިޔާރަތް ކުރައްވާފައެވެ.

ބެނެޓްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގުދުސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، އެހަމަނުޖެހުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބައިޑަންއަށް މައުލޫމާތު ދެއްވި ކަމަށެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލްއަޤްޞާ މިސްކިތުގެ ހަރިންމަ ތެރޭގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ވަނީ މިހާތަނަށް 300 އަށްވުރެ ގިނަ ފަލަސްތީނު މީހުން ހައްޔަރުކޮށްފައެވެ. އަދި 200 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައި ވެއެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، އެމީހުން އަޤްސާ ދަރަހައްދަށް ވަދެފައިވަނީ، އިޒްރޭލުގެ ހަރުކަށި އުސޫލީ ޔަހޫދީންނަށް ބުރާގު ފާރު ކައިރިއަށް ދިއުން ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަޤްސާ މިސްކިތް ހުންނަނީ 14 ހެކްޓަރު (35 އޭކަރު) ގެ ކޮމްޕައުންޑެއްގައެވެ.

ހުކުރު ދުވަހު އަލްއަޤްޞާ މިސްކިތުގެ ގޯތި ތެރޭގައި އިސްރާއީލު ފުލުހުން ފަލަސްތީނުގެ 57 މީހުން ޒަޚަމްކޮށްލާފައި ވެއެވެ.

އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވީ ނުތަނަވަސްކަން ކުޑަ ކުރުމަށް އެމެރިކާއިން އެ ސަރަހައްދުގައި އިސްރާއީލާއި، ފަލަސްތީނު އަދި އަރަބި މަންދޫބުންނާ އެކު މުއާމަލާތް ކޮށްފައިވާ ކަމަށެވެ.