ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން އޯޕީޑީ ޢިމާރާތް އެޅުމުގެ 53 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ ކުޅުދުއްފުށި ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގައި ހިމެނޭ އޯޕީޑީ ޢިމާރާތުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެގޮތުން އޯޕީޑީ އިމާރާތުގެ ކޮންކްރީޓް، ސްޓްރަކްޗަރަލް އަދި ރޫފިންގ މަސައްކަތްތައް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، ވޯރޑް އިމާރާތް އެޅުމާއި، އޯޕީޑީ އިމާރާތް އެޅުމާއި، އައިސީޔޫ ޔުނިޓް އެޅުމާއި ލެބޯރެޓަރީ އިމާރާތް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ. ހޮސްޕިޓަލްގެ އޯ.ޕީ.ޑީ އިމާރާތް ހަދައި ނިމޭއިރު، ބަލި މީހުން ބެލުމަށް ޚާއްޞަ 21 ރޫމަކާއި، ޓްރީޓްމެންޓް ރޫމަކާއި، ޕްރޮސީޖަރ ރޫމަކާއި، އީސީޖީ ރޫމެއްގެ އިތުރުން އެކޯ ރޫމެއް ހިމެނޭނެ އެވެ.

މި މަޝްރޫޢަކީ ދައުލަތުން 30.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.