އެމްޓީސީސީގެ ޑްރެޖަރގެ ވަޒީފާތަކާއި އަދި ބަސް ޑްރައިވަރުން ތަމްރީންކުރުމަށް "ޖޮއިން ޓީމް އެމްޓީސީސީ ކެމްޕެއިން 2022″ ނަމުގައި އެމްޓީސީސީން ކެމްޕެއިނެއް ފަށައިފިއެވެ.

އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން މިއަހަރުގެ 3 މެއި އިން 22 މެއިއަށް ބޭއްވުމަށް ހަމަޖެހިފައިވާ ރެކްރޫޓްމަންޓް އޯޕަންޑޭގެ މަޢުލޫމާތު ޙިއްސާކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. ރެކްރޫޓްމަންޓް އޯޕަން ޑޭ ގެ މަޤްސަދަކީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ޑްރެޖަރތަކާއި ކުންފުނީގެ އެއްގަމު ދަތުރުފަތުރު ގެ ނިޒާމް ފުޅާ ކުރުމަށްޓަކައި މިއަހަރުގެ ޖޫންމަހު ގެނައުމަށް ހަމަޖެހިފައިވާ 34 ބަސް ދުއްވާނެމުވައްޒަފުން ރެކްރޫޓްކުރުންކަމަށް އެމްޓީސީސީން ބުންޏެވެ.

މި ޕްރޮގްރާމްގެ ދަށުން، ޑްރެޖަރ ބޭނުންކުރުމަށްޓަކައި، ޖުމްލަ 65 ފަރާތެއް ތަމްރީން ކުރެވިގެންދާނެއެވެ. މިގޮތުން، ޑްރެޖް މާސްޓަރ، ޑްރެޖް އޮޕަރޭޓަރ، ޑްރެޖް މެކޭނިކް، ޑްރެޖް ކްރޫ، ޓަގް އޮޕަރޭޓަރ، ޓަގް ކްރޫ، ވެލްޑަރ އަދި ޑްރެޖް ސުޕަވައިޒަރ ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާ ފަރާތްތަކަށް 10،000 ރުފިޔާއާއި 33،000 ރުފިޔާއާއި ދެމެދުގެ މުސާރައަކާއި އެކު ކުންފުނީގެ ވަޒީފާ ހަމަޖެހިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމަށްޓަކައި ގެނެވޭ 34 ބަސް ދުއްވުމަށް ހަމަޖެހިފައިވަނީ، ސ. ފޭދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލަށް، ލ. ގަން އަދި ލ. އިސްދޫގައެވެ. މިވަގުތު ބަހުގެ ޚިދުމަތް ލިބެނީ ހަމައެކަނި ސ. ފޭދޫގައި ކަމަށްވިޔަސް، އައު ބަސްތައް ގެނައުމާއެކު އެ ރަށްރަށަށްވެސް ޚިދުމަތް ފުޅާކުރެވިގެންދާކަމަށް އެމްޓީސީސީން ބުންޏެވެ. ބަސް ދުއްވަން ނެގޭ ފަރާތްތައް ހުނަވަރު ޕްރޮގްރާމްގެ ދަށުން 3 މަސްދުވަސްތެރޭ ތަމްރީން ކުރެވި ލައިސެންސް ލިބޭނެކަމަށާއި، މި ތަމްރީން ކާމިޔާބު ކަމާއެކު ނިންމާ ލައިސެންސް ލިބޭ ފަރާތްތަކަށް 14،000 ރުފިޔާއާއި 18،000ރުފިޔާގެ މުސާރައަކާއެކު ބަސް ޑްރައިވަރގެ ވަޒީފާ ހަމަޖެހިގެންދާނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މި ޕްރޮގްރާމްގެ ދަށުން، ޖުމްލަ 22 ބަސް ޑްރައިވަރުން ރެކްރޫޓް ކުރާއިރު، ރެކްރޫޓްމަންޓް އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި، ހދ. ނޮޅިވަރަންފަރު، ސ. ފޭދޫ، ސ. ހިތަދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލަށް،ލ. ގަން، ލ. އިސްދޫ، ށ. ފުނަދޫ، ޅ. ހިންނަވަރު އަދި ޅ. ނައިފަރުގައެވެ.

މިގޮތުން މެއި 3 ގައި ކުޅުދުއްފުށި، މެއި 4 ގައި ނޮޅިވަރަންފަރު، މެއި 9 ގައި ފޭދޫ، މެއި 9 ގައި ހިތަދޫ، މެއި 10 ގައި ހުޅުމީދޫ، މެއި 12 ގައި ފުވައްމުލަށް، މެއި 14 ގައި ގަން، މެއި 15 ގައި އިސްދޫ، މެއި 18 ގައި ފުނަދޫ، މެއި 21 ގައި ހިންނަވަރު އަދި މެއި 22 ގައި ނައިފަރު ގައި އޯޕަންޑޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ޝާއިޢުކުރެވޭނެކަމަށާއި،. އަދި ކުންފުނީގެ ހޮޓްލައިން 1650 އިން ލިބިވަޑައިގަންނަވާނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.