ގއ. ވިލިނގިލި އަދި ހއ. ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން(އާރުޑީސީި)އާ މިއަދު ހަވާލުކޮށްފި އެވެ.

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކްރަޓަރީ އަލްފާޟިލާ ޒީނިޔާ އަޙްމަދު ހަމީދުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް މޫސާ އަލީ މަނިކުއެވެ.

ވިލިނގިލީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ދަށުން އެރަށުގެ ފަސް ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެން ހިންދާ ނިޒާމުގެ ގާއިމުކުރުމާއި ފެންހިންދާ ނިޒާމް ގާއިމުކުރުން ހިމެނެ އެވެ. އޭގެ އިތުރުން މިހާރު ތާރުއަޅައިގެން ހަދާފައިވާ މަގުތައް މަރާމާތުކުރުންވެސް ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި 98،330،536.18 ރުފިޔާއަށް މި މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 490 ދުވަހުގެ ތެރޭ ނިންމުމަށެވެ.

ދިއްދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ 5.4 ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމުކުރުމާއި މަގުތަކުގައި މަގު ބައްތި ޖެހުން ހިމެނެއެވެ.

ސަރުކާރުގެ ބަޖެޓުން 108,530,091.37 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 540 ދުވަސް ތެރޭ ނިންމާގޮތަށެވެ.