ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާގައި މަސައްކަތްތެރިންނަށް ހައްގު މިންވަރު ލިބިދެވޭކަން ކަށަވަރުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި ޚިޠާބުގައި ރައީސް ސޯލިހް ވިދާޅުވީ، ޤައުމެއްގެ އިޤްތިސާދީ އަދި އުމްރާނީ ތަރައްޤީގެ މައި އިންޖީނަކީ، އެ ޤައުމެއްގެ ހީވާގި މަސައްކަތްތެރިންކަމަށެވެ. ޤައުމަށް ދިމާވާ ދަތި އުނދަގޫ ކޮންމެ ހާލަތެއްގައިވެސް، އެ ޤައުމެއް ދިރި ދެމިއޮންނަނީ، އެ ޤައުމެއްގެ މަސައްކަތްތެރިންގެ ހިތްވަރާއި ބުރަ މަސައްކަތުންކަން ޔަޤީން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެހެންކަމުން މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ކުރެވޭ ވަރަށް އަގުހުރި އިންވެސްޓެއް ކަމަށެވެ.

ރައީސް ސޯލިހް ޚިޠާބުގައި ވިދާޅުވެފައިވަނީ މަސައްކަތްތެރިންގެ ހައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށާއި، އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ކޮންމެ މަސައްކަތްތެރިއަކަށް ވެސް، އެމީހަކު އެ ކުރާ މަސައްކަތުގެ ހައްޤު މިންވަރު، ލިބިދެވޭކަން ކަށަވަރުކުރުން ކަމަށެވެ.

"މަސައްކަތް ކުރުވުމަށްފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި، ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި، ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް، އަދިވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި އެބަހުއްޓެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާ ޚިލާފު ކަންކަމެވެ. މިފަދަ ކަންކަން އިޞްލާޙުކޮށް، މަސައްކަތްތެރިންގެ އެންމެހައި ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން މިއަންނަނީ ކުރަމުންނެވެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ޚިޠާބުގައި އެމަނިކުފާނުވަނީ މިދިޔަ އަހަރު މިނިމަމް ވޭޖް އަދި ރިސޯޓް މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުން ލާޒިމުކޮށްފައިވާކަން ވެސް ފާހަގަކުރައްވާފައެވެ. އަދި އެއީ ކުރެވުނު މުހިންމު މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި، މުޅި ދުނިޔެ ތަހައްމަލްކުރި ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިޤްތިސާދީ ދަތިތަކުން އަރައިގަތުމަށް މިކުރާ މަސައްކަތުގައިވެސް، އެންމެ މުހިންމު ދައުރެއް އަދާކުރަނީ، ތަފާތު ދާއިރާތަކުން ރާއްޖޭގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންކަން ވެސް ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.

"އެހެން ނަމަވެސް، މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެކަން ކަށަވަރެވެ. ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް މިއަދު ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ، ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމެވެ. އޭރުން އަޅުގަނޑުމެން ހޯދަން މި މަސައްކަތްކުރާ ތަރައްޤީގެ އައްސޭރި ދާދި ފަސޭހައިން ފެންނާނެކަން ޔަޤީނެވެ." ރައީސް ސޯލިހްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.