ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ޤައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުން އިޢުލާނު ކުރެއްވުމަށް ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ، ޓީޗަރުންގެ މުސާރައަށް މިއަދު ގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެޔަށް ގެންދަން ލިބޭނެވަރު ކޮށްދިނުން ކަމަށެވެ. މިހާތަނަށް އިތުރު ގަޑީގެ ފައިސާއާއެކީގައި ލިބޭ ވަރަށްވުރެ ބޮޑު މިންވަރެއް، މިގެނައި ބަދަލާއެކު، ހަމައެކަނި މުސާރައާއި އިނާޔަތްތަކުންވެސް ލިބޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އަލަށް މި އެކުލަވައިލި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން، ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދެވޭނެ މަގު ދައްކައިދޭނެ ކަމަށެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބަލާއިރު، މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެންނެތުންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވާނެ ކަމަށެވެ.

"މިފަދަ ބަދަލުތައް އަޅުގަނޑުމެން މިގެންނަނީ ހަމައެކަނި ވަކި ދާއިރާތަކެއް ކުރިއެރުވުމަކަށް ނޫން. މިއީ މުޅި ރާއްޖޭގެ ތަރައްޤީއަށް، އަދި ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ޤައުމު ކުރިއެރުވުމުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ޤައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެ ކަމަށެވެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުޤުވެރިވާ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެ ކަމަށާއި، މިއީ ދިވެހިން އެދޭގޮތަށް، ދިވެހިންގެ އަތްމަތިން، ދިވެހި ޤައުމު ބިނާކޮށް އާރާސްތު ކުރުމަށްވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޓީޗަރުކަމުގެ ފަންނާ ގުޅޭގޮތުން ހެދި ދިރާސާއިން ފާހަގަވިގޮތުގައި ޓީޗަރުންނަށް ކުރިމަތިވެފައިވާ ހަމައެކަނި މައްސަލައަކީ މުސާރަ ކުޑަވުމެއް ނޫން ކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

"އޭގެ އިތުރުންވެސް ކިތަންމެ އެހެން ކަންތައްތަކެއް ދިމާވެފައިވޭ. އޭގެ ތެރެއިން އެންމެ މުހިންމު ހަތަރު މައްސަލައަކީ، މުސާރަ ކުޑަވުމާއި، ވާރކްލޯޑާއި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމާއި، ޙައްޤުތައް ކަށަވަރުނުވުމުގެ މައްސަލައާއި، ވަސީލަތްތައް މަދުވުމުގެ މައްސަލަ. މިކަންކަން ޙައްލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މިވަނީ ޢަމަލީގޮތުން ފަށާފައި." ރައީސް ސޯލިހް ވިދާޅުވިއެވެ.