ދަންވަރުގެ މި ހިމޭން ގަޑީގައި ޒުލްފާ ކޮޅަށް ޖެހިފައި އިނެއެވެ. އޭނާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތް ކަހަލައެވެ. ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިންވަރުން އޭނާ އެވިސްނަމުންދަނީ ފުން ވިސްނުމެއްކަން ޔަޤީނެވެ. ފަނޑު އަލިކަމުގެ ތެރެއިން އޭނާގެ ދެ ލޮލުން ފާޅުވަމުންދަނީ މާޔޫސްކަމުގެ އަސަރުތަކެވެ. އިރުއިރުކޮޅާ އޭނާގެ ހަށީން ފުން ނޭވާއެއް ދޫކޮށްލައެވެ. އޭނާ އިށީނދެ އިން އެނދާ ދާދި ގާތުގައި ހުރި ކުޑަވަރެއްގެ އެނދެއްގައި ބާރަ ތޭރަ އަހަރުގެ އަންހެން ކުއްޖަކު އަރާމު ނިންޖަކުން ނިދާފައި އޮތެވެ. އިރުއިރުކޮޅާ އެދަރިފުޅަށް ޒުލްފާގެ ސަމާލުކަން ހުއްޓެވެ. އެ ދަރިފުޅަށް ލޯބިން ބަލާލެއެވެ. މިފަދަ ޙާލެއްގައިވާ ޒުލްފާގެ ނަޒަރު ވަކިކޮށްލީ ފަތިސް ނަމާދުގެ މޫރިތި ބަންގީގެ އަޑެވެ.
ފާޚާނާއަށް ވަދެ ވުޟޫ ކޮށްލައިގެން އޭނާ ގެއިން ނިކުމެ ހިނގައިގަތީ މިސްކިތާ ދިމާއަށެވެ. މިސްކިތުން ނިމިގެން އައިސް ސައި ތައްޔާރުކޮށް، ދަރިފުޅު ސަރާއަށް ގޮވިއެވެ. އެއަށްފަހު އަލަމާރި މަތީގައި އޮތް ދަތުރު ފޮށި ނަގާ ހިރަފުސް ފޮޅާލިއެވެ. ފޮށީގެ ޒިބު ދަމާލުމަށްފަހު އަލަމާރީގެ ތެރެއިން ސަރާގެ ހެދުންކޮޅުތަކެއް ނެގިއެވެ. ހެދުންކޮޅުތައް ގަޔާލާ ބޮނޑި ކޮށްލައިގެން އޭނާ އެނދުމަތީގައި އިށީނެވެ. އޭނާގެ މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. އޭނާ އެހާ ލޯބިން ބަލާ ބޮޑުކުރަމުން ގެންދާ އޭނާގެ ދެލޮލުގެ ނޫރު ކަމުގައިވާ ސަރާ މާދުރަށް ފޮނުވާލަންވީ ހެއްޔެވެ؟ ގޮތް ނޭނގޭ ބައެއް ގާތަށް އެ ދަރިފުޅު ފޮނުވާލަން އޭނާ ޖެހިލުންވެއެވެ. އެހެނަސް އެ ޖެހިލުމާއެކުވެސް އޭނާގެ ދަރިފުޅު މިއަދު މާލެ ފޮނުވާ އެލަނީ ހަމައެކަނި ފިރިމީހާގެ ހައްޤުގައެވެ. އާނއެކެވެ. މުހައްމަދު ނެތް ދުނިޔެއެއްގައި ވެސް ސަރާއަކީ ގައުމަށް ޚިދުމަތް ކޮށްދެވޭވަރުގެ ދަރިއަކަށް ހެދުމުގެ ބޭނުމުގައެވެ.
ދޮރުމަތީގައި މީހަކު ހުރިހެން ހީވެގެން ޒުލްފާ ބަލައިލިއެވެ. ކުރިމަތީގައި ހުރީ ހަސަންބެއެވެ.
"ކޮބާތަ އެކޮއި ދޮންކަނބުލޮ؟ މިހާރު އޮޑިޔަށް މީހުން އަރަން ފަށައިފި." ހަސަންބެ ބުނެލިއެވެ.
ހަސަންބެ މިހެން ބުނުމާއެކު ޒުލްފާގެ ދެ ލޮލަށް ބަރުވެފައިވާ ކަރުނަތައް އޮހިގަތެވެ. އަވަސް އަވަހަށް ފޮށްޓަށް އެއްޗެހި އަޅާ ސަރާ ގޮވައިގެން އަތިރި މައްޗަށް ނިކުތެވެ. އެވަގުތު އޭނާގެ މައިވަންތަކަމުގެ ލޯބި ކެކި އަރައިގަތެވެ. ސަރާގެ ގައިގައި އޮޅުލައިގަތުމަށްފަހު ބާރަށް ރޮއިގަތެވެ. ސަރާ ވެސް އޭނާގެ މަންމަ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ހިތް ފުރެންދެން ރޮއިލިއެވެ. ޒުލްފާ ފެންކަޅިވެފައިވާ ޙާލުގައި ހުރެގެން ވެސް ސަރާއަށް ނަސޭހަތް ދެމުން ދިޔައެވެ.
"ކޮންމެ ހާލެއްގައިވެސް ދަރިފުޅު ކިޔަވާތި. މަންމަ ދުނިޔޭގައި ހުރެ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެއީ."
ސަރާ މަންމަ ދެރަނުވާށޭ ބުނެ ވަދާޢީ ސަލާން ކުރުމަށްފަހު ދޯންޏަށް އެރިއެވެ.
ލޯބިވާ މަންމަ އާއި އުޅެ ބޮޑުވި ރަށް ދޫކޮށް މާލެދާން އެ ފުރަނީ ސަރާގެ ހިތުގައި ވަރަށް މަތިވެރި ޢަޒުމެއް ކަނޑައަޅައިގެންނެވެ. ދޯނި ފުރައިފިއެވެ. ދޯނި ގޮސް އޮބާލި އިރުވެސް ޒުލްފާ އަތިރިމަތީގައި އިނެވެ. ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ.
ނިޔާމަ ދަތުރަކަށްފަހު ނަލަ ރީތި ހަވީރެއްގައި ދޯނި މާލޭ ފަޅަށް ވަނެއެވެ. ހަސަންބެ ސަރާ ގޮވައިގެން އޭނާ ހުންނަން ހަމަޖެހިފައިވާ ގެއަށް ދިޔައެވެ. ސަރާ މާލެގޮސް ފޭބީ ވަރަށް ރަނގަޅު ދެމަފިރިއެއްގެ ގާތަށެވެ. އެދެމަފިރިން ސަރާ ސުކޫލަށް ވެއްދުމުގެ ހުރިހާ ކަމެއް ކޮށްދިނީ މަންމަ އަކާއި ބައްޕައެއް ފަދައިންނެވެ. ސަރާއަށް ވަދެވުނީ އަމީނިއްޔާ ސުކޫލުގެ އަށްވަނަ ކުލާހަށެވެ.
މިއަދަކީ ސަރާ ސްކޫލަށް ދިޔަ ފުރަތަމަ ދުވަހެވެ. އޭނާއަށް ފެންނަމުން ދިޔައީ މީގެކުރިން ދުވަހަކުވެސް ނުދެކޭފަދަ ތަފާތު މާހައުލެކެވެ. ސްކޫލް ތެރެއިން ފެންނަނީ ތަހުޒީބުގެ ކުލަވަރެވެ. ކުދިންގެ ކިބައިންވެސްމެއެވެ. ކުދިންގެ ތެރެއިން ހިނގާފައި ދިޔައިރު އޭނާ އެހެން ކުދިންނާ ތަފާތުކަން އިހުސާސްވެ ލަދުގަންނަން ފެށިއެވެ. އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އެތަނުން ކުއްޖަކު ބުނި ޖުމްލައަކުންނެވެ.
''ހާދަ ކަރު ކާށިތެޔޮ ވަސް ދުވައޭ. ތެޔޮތަ ބޮލުގަ ލަނީ؟" މަލާމާތުގެ ރާގަކަށް ހީލާފައި އެކުއްޖާ ބުނެލިއެވެ.
އެކުއްޖާ މިހެން ބުނުމާއެކު އޭނާގެ ކައިރީގައި ތިބި ކުދީންތައް ބާރަކަށް ހީނގަތެވެ. ސަރާ އިސްޖަހައިގެން ހުރެ ކުރިއަށް ހިނގައިގަތެވެ. ގަތް ލަދުންނާއި ވީ ދެރައިންނެވެ. ވާނީވެސް އެހެންތާއެވެ. މުޅީން އާ މާޙައުލަކަށް އައިސް މުޅީން އާބައެއްގެ ތެރޭގައި، ރަޙުމަތްތެރިއަކު ވެސް ނުލިބި އުޅެނިކޮށް ފުރަތަމަ ވެސް އަމާޒުވީ މަލާމާތެވެ.
ސްޕަވައިޒަރެއްގެ އެހީތެރިކަމާއެކު ސަރާ އޭނާގެ ކުލާސް ހޯދިއެވެ. ކުލާހަށް ގޮސް ވަނުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އެއްކަލަ ކުއްޖާއެވެ. ސަރާއާ ދިމާއަށް އެ ވިހަ ގަދަ ޖުމްލައިން މުޚާޠަބު ކުރި ކުއްޖާއެވެ. އޭނާ އިނީ ބޮޑާ ފާޑަކަށެވެ. ސަރާ ފެނުމާއެކު އޭނާއާއި އަދި ބައެއް އެހެން ކުދިން ވެސް މަލާމާތުގެ ނަޒަރަކުން ހެމުން ދިޔައެވެ. ސަރާ އެކަމާ ވަރަށް ދެރަވިއެވެ. މަޑުމަޑުން އަބުއި ގޮތަކަށް ހިނގާފައި ގޮސް އިށީނެވެ. ސަރާއާ ޖެހިގެން އިން ކުއްޖާ އޭނާއާ ސަލާމް ކޮށްލިއެވެ. ރީތި ހިނިތުންވުމަކާ އެކުގައެވެ. އެވަގުތު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ސަރާއަށް ލިބުނެވެ.
"އަހަރެންނަށް ކިޔަނީ މާހީ.. ނަފާ އެކުރާ މަލާލާތަށް އަޅާނުލާ.. އެއީ އޭނާގެ އާދަ". ސަރާއާ ސަލާމްކޮށްލަމުން އާ ރަޙުމަތްތެރިޔާ ބުނެލިއެވެ.
މާހީއަކީ ހިތްހެޔޮ ރަނގަޅު ކުއްޖެއްކަމަށް ސަރާއަށް އެ ވަގުތުވެސް ހިތާހިތުން ގަބޫލު ކުރެވުނެވެ. އަދި އެފަދަ ހިތްހެޔޮ ކުއްޖަކު އެ ކުލާހުގައި އިނީތީ ﷲ އަށް ޝުކުރުވެރިވިއެވެ. މިޚިޔާލުތަކުގައި ސަރާ އިންދާ ދުވަހުގެ ފުރަތަމަ ގަޑި ޖެހުނެވެ.
"މިސް! ކުލާހަށް އެއަރ ފްރެޝްނާ ކޮޅެއް ޖަހާލަބަލަ. މިއޮއް ދުވާ ވަހަކުން މޭނުބައި ވެއްޖެ". ހިސާބު ޓީޗަރު ކުލާހަށް ވަނުމާއެކު ނަފާ ބުނެލިއެވެ.
ނަފާ އެބުނި އެއްޗަކަށް މުދައްރިސް ސަމާލުކަމެއް ނުދީ ކިޔަވައިދޭން ފެށިއެވެ. ނަމަވެސް މިފަހަރު ސަރާއަށް ކުރި އަސަރު މާބޮޑެވެ. އޭނާގެ ދެ ލޯ ފެންކަޅި ކޮށްލިއެވެ. މުދައްރިސް ކިޔަވައިދެމުން ދިޔަނަމަވެސް އޭނާގެ ސިކުނޑި ވިސްނަމުން ދިޔައީ މުޅީން އެހެން ކަމަކަށެވެ. އޭނާއާ ހެދި ކުލާހުގެ އެހެން ކުދީންނަށް އުނދަގޫވަމުން ދާހެން ހީވަމުން ދިޔައެވެ. އަދި އެފަދަ ކުލާހެއްގައި ކިޔަވާނީ ކިހިނެއްބާއޭ ހިތަށް އަރަމުންދިޔައެވެ. މަންމަގެ އުއްމީދުތަކުގައި ކުލަޖެއްސޭނެބާއޭވެސް ހިތަށް އެރިއެވެ. އެދުވަހު އެއްކޮށްވެސް ސަރާ ކުލާހުގައި އިނީ އެ ނުތަނަވަސްކަމުގެ ތެރޭގައެވެ. ކޮންމެ ގަޑިއެއްގައިވެސް ނަފާގެ ފަރާތުން މަލާމާތް އަމާޒުވެއެވެ. ދޭތެރެ ދޭތެރެއިން މާހީ އޭނާއަށް ހިތްވަރުދިނުމުގެ ބަސްތައް ބުނެއެވެ. ނަމަވެސް އެކަމުން ކުރާ އަސަރަށްވުރެ ހިތުގައި އަޅާވޭން ގަދައެވެ. ދިލަ ނަގައެވެ. ސެޝަން ނިމޭ ގަޑި ޖެހުމާއެކު ސާރާ އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. ފޮނި އުއްމީދުތަކެއްގައި ކުލަޖެއްސުމަށް ސްކޫލަށް އައި ފުރަތަމަ ދުވަހުވެސް ސަރާ އަށް ކުރުވީ މާޔޫސެވެ.
ގެއަށް ވަދެވުމާއެކު ދައްތައާއި ބޭބެ ސްކޫލާ ބެހޭގޮތުން ސުވާލުކުރިއެވެ. ސަރާގެ ޖަވާބު ވަރަށް ކުރެވެ. އޭނާ ބުނީ ރަނގަޅުކަމުގައެވެ. މިއަދު ސުކޫލު ތެރެއިން ދިމާވި އެއްވެސް ވާހަކައެއް ނުބުނެއެވެ. ދައްތައާއި ބޭބެ ދެރަވެދާނެތީއެވެ. ޖެހިގެން އައި ދުވަހު ސަރާ ސްކޫލަށް ދިޔައީ ނަފާގެ މަލާމާތް އަމާޒު ނުވާނެކަމުގެ އުއްމީދުގައެވެ. އެ އުއްމީދުގައި ގޮސް ކުލާހަށް ވަން އިރު ނަފާ އިނީ އޭނާގެ ގޮނޑީގައި އިށީނދެގެންނެވެ. ސަރާއަށް އެހެން ގޮނޑިއެއްގައި އިށީންނާކަށް ނުކެރުނެވެ. ނަމަވެސް ނަފާ އެތަނުން ތެދުވާ ޚިޔާލެއް ވެސް ނެތެވެ. ސަރާއާ ދިމާއަށް ފާޑަކަށް ބަލާލުމަށްފަހު ވަރަށް ހުތުރު ބަހުރުވައަކުން ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ.
"ފާޑަކަށް ތި ބަލަނިއްޔޯ!. ތިޔައީ ވާހަކަ ނުދެއްކޭ މަންމަނެއްތަ." ނަފާ ބުނި އެއްޗަކުން ސަރާ ހުރީ އަނގައިން ބަހެއް ބުނެވޭ ވަރަށްވުރެ ބިރުންނެވެ.
"ކާށިތެޔޮފުޅި ހުސްވީތަ! މިއަދު މާ މީރުވަސް ދުއްވާލައިގެން ތިޔައީ... ތަންކޮޅެއް ދޮންވާ ފައުންޑޭޝަނެއް ހާކާލައިގެން އައިނަމަ. އޭރުން ތިހުންނަ ދަމިލަ ކުލަވެސް ދިޔައީސްތާ" ނަފާގެ ދިލަ ޖުމްލަތަކުން ސަރާގެ ހިތް ޒަޚަމްކޮށްލިއެވެ. އެވަގުތު އެތަނަށް މާހީ އައެވެ. އަދި ސަރާއަށް ތަކުރާރުކޮށް ތިކުރާ މަލާމާތް ހުއްޓާލުމަށް ބުންޏެވެ. މާހީ މިހެން ބުނުމުން ތުން އަނބުރާލުމަށްފަހު އޭނާ ދިޔައެވެ.
ސަރާ ހުރީ ވަރަށް ދެރަވެފައެވެ. ތެދެކެވެ. އޭނާއަކީ ކުލާހުގެ އެހެން ކުދީންނަށްވުރެ ކަޅު ކުއްޖެކެވެ. ނަމަވެސް އެކަމުގައި އޭނާ ކުރާނީ ކީއްހެއްޔެވެ؟. ﷲ އޭނާއަށް ދެއްވި ސިފަ ބަދަލު ކުރެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ އެދުވަހު ކޮންމެވެސް ވަރަކަށް ކިޔެވުމަށް ސަމާލުކަން ދެވުނެވެ. ނަމަވެސް ހިތުގައި ނަފާގެ އެ ދިމާކުރުންތައް ބިންވަޅު ނެގިފައި ހުރެއެވެ.
އެދުވަހު ސްކޫލުން ނިމިގެން އޭނާ ގެއަށް ދިޔައީ މިފަދަ މާޙައުލެއްގައި ކިޔެވުމަކީ ދަތިކަމެއްކަމަށް ގަބޫލު ކޮށްގެންނެވެ. އަދި ގެއަށް ގޮސް ރަށު ސްކޫލަށް ބަދަލުވާން ބޭނުންކަމަށް ބުނެ މަންމައަށް ސިޓީއެއް ލިޔުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ. ގެއަށް ވަނުމާއެކު އެގޭ ދައްތަ ދިއްކޮށްލީ ސިޓީ އުރައެކެވެ. ސަރާ އެއުރަ ހިފައިގެން ދުވެފައި ކޮޓަރިއަށްވަދެ ކިޔަންފެށިއެވެ. މިއީ ސަރާގެ މަންމަގެ ފުށުން ލިބިފައިވާ ނަސޭޙަތުގެ ސިޓީއެކެވެ. ސިޓީގައި މަންމަ ތަކުރާރުކޮށް ލިޔެފައިވަނީ، މާލެފަދަ ހަލަބޮލި ބައިބޯ މާޙައުލެއްގައި ކިޔެވުމަކީ ފަސޭހަކަމެއް ނޫންކަމުގައެވެ. ނަމަވެސް ހިތްވަރުކޮށްގެން ކިޔެވުމަށެވެ. ސްކޫލް ތެރެއިންނާއި ބޭރުތެރެއިން ތަފާތު މިޒާޖުގެ ކުދީންނާ ދިމާވާނެ ކަމަށާއި އެ ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން ދަސްކޮށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައި ހިތްވަރު ގަދަ ކުއްޖަކަށްވުމަށެވެ. ސިޓީ ނިންމާލަމުން ބުނެފައިވަނީ "ދޮންކަނބުލޮއެވެ! ހަނދާންކުރާށެވެ! ފިނިފެންމަލުގެ ދާނެއްގައި އޮވެގެން މޮޅު ކުއްޖަކަށް ނުވެވޭނެއެވެ."
މަންމަގެ ސިޓީ ކިޔުމަށްފަހު ނަފާގެ ޢަމަލުތަކަށް ފިނޑި ވުމަކީ ޙައްލެއް ނޫންކަމަށް އޭނާ ޤަބޫލުކުރިއެވެ. އަދި ކުރިން ނިންމައިގެން އައި ނިންމުން އޭނާ އެއްކޮށް ދޫކޮށްލިއެވެ. އާ އުއްމީދަކާއެކު ކިޔެވުމަށް އަޒުމްކަނޑައެޅިއެވެ.
ޖެހިގެން އައި ދުވަސްތަކުގައި ވެސް ކޮންމެ ދުވަހަކުވެސް ނަފާގެ ފަރާތުން އެކިއެކި އުނދަގޫތައް ކުރިމަތިވަމުންދެއެވެ. ފަހަކަށް އައިސް ނަފާއަކީ ކުލާހުގައި ވެސް އަދި ސްކޫލު ފެންވަރުގައި ވެސް އެންމެ ބަސްވިކޭ ދަރިވަރަކަށް ވުމުން އޭނާގެ އުނދަގޫ އިންތިހާއަށް ދިޔައެވެ. ބޭރުތެރޭގައި ސަރާއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަދައްކަން ވެސް ފެށިއެވެ. ނަމަވެސް އެ ހުރިހާ ކަމެއްގެ ހަގީގަތް ލަސްތަކެއްނުވެ މީހުންނަށް އެނގެން ފެށިއެވެ. މިހުރިހާ ކަމަކާހެދި އޭނާ ހުންނަނީ ޒާތީގޮތުން ވެސް ސަރާއާ ޖައްސާލާފައެވެ. ނަމަވެސް މަންމަގެ ސިޓީއެއް ލިބޭ ކޮންމެ ފަހަރަކު ސަރާގެ ހިތްވަރު އާވެއެވެ. އަދި ކޮންމެ ސިޓީއެއް ނިންމާލަމުން ބުނެފައި އެ އޮންނަ ޖުމްލަ "ދޮންކަނބުލޮއެވެ! ފިނިފެންމަލުގެ ދާނެއްގައި އޮވެގެން ނުކިޔެވޭނެ" މި ޖުމުލައާއެކު އާދަޔާ ޚިލާފު ހިތްވަރެއް އޭނާއަށް ލިބިގެންދެއެވެ.
ދުވަސްތައް މާޒީވަމުންގޮސް މިއަދަކީ ސަރާގެ ޖީސީއީ އޯލެވެލް އިމްތިހާނަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ލިބޭ ދުވަހެވެ. ކިލާހުގެ ހުރިހައި ކުދީންހެން އަމީނިއްޔާގެ އެ ބޮޑު އަނބުގަސްދޮށުގައި ހުއްޓިލައިގެން އެ ތިބީ އެ ތާރީޚީ ވަގުތުކޮޅުގެ އިންތިޒާރުގައެވެ.
"މަރުޙަބާ ސަރާ! ސަރާގެ ނަތީޖާއަކީ ހުރިހާ މާއްދާއަކުން އޭ. ސްކޫލުން އެންމެ ރަނގަޅު ދަރިވަރަކީ ސަރާ." ސަރާ ސިހިގެން ދިޔައީ އޭނާއަށް ވުރެ ކުރިން ނަތީޖާ ސްލިޕް ނަގަންދިޔަ އޭނާއަށް އަބަދުވެސް އުނދަގޫކުރާ ނަފާގެ އަޑު ކަންފަތުގައި އައިސް ޖެހުމުންނެވެ.
ނަފާ އެބުނި ޖުމްލައިން ސަރާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އަދި ވީ އުފަލުން އަނގައިން ބަހެއް ބޭރުނުވެ ފެންކަޅިވިއެވެ. އުފަލުން ގޮހެވެ. ސަރާ ހަމައެކަނި އުފާވީ ނަތީޖާ ރަނގަޅު ވާހަކަ ލިބުމުންނެއް ނޫނެވެ. އޭނައާ މި ހުރިހާ ދުވަހު ސުކޫލު ތެރެއިން ފުރައްސާރަ ކުރަމުންދިޔަ ނަފާ ބަދަލުވެފައި ހުރިތަން ފެނުމުންނެވެ.
"ވަރަށް ބޮޑަށް ސޮރީ!.....އަހަންނަށް ސަރާއާ ދޭތެރޭ ކަން ކުރެވުނީ ރަނގަޅަކަށްނޫން. ސަރާގެ ހިތް އަހަންނަށް ޒަޚަމްކޮށްލެވިއްޖެ. ސަރާއާ ދިމާއަށް ކިޔަން ނުވާ އެތައް އެއްޗެއް ކިޔާ ލަދުގަންނަވާ ލެވިއްޖެ. އެތައް ގޮތަކުން ގަނާ ކުރެވިއްޖެ. އަހަރެން އެ ދުވަހު އެގޮތަށް ކަންތައް ނުކުރިނަމަ ސަރާ ހޯދާނީ އޭ ސްޓަރ އެއް ވެސް ނޫން ކަންނޭނގެ. ބްރީލިއަންޓް އެވޯޑްތައް ވެސް ހޯދާނެކަން ޔަޤީން." ނަފާއަށް ކުރެވުނު ކުށަށް މާފަށް އެދުނެވެ.
"މިއަދު ނަފާއަށް ތިޔަ ގޮތަށް ވިސްނުނީތީ ވަރަށް އުފާވެއްޖެ. އަދި ތި ފާޅުކުރި ހިތް ހެޔޮ ބަސްކޮޅަށް ވެސް ޝުކުރު." މަދު ލަފުޒުކޮޅަކުން ސަރާ ވާހަކަ ކުރުކޮށްލިއެވެ.
" އަހަރެންގެ ރައްޓެއްސެއްގެ ގޮތުގައި އެދުވަހު ސަރާ ބަލައިގެންނަމަ ކޮންފަދަ ފައިދާއެއް އަހަންނަށް ވީސް.... އެއީ ހަމައެކަނި އަހަރެން ގަޞްދުގައި ކުރި ކަމެއްނޫން. އެއީ މި ކިލާހުގައި ސަރާއަށްވުރެ މޮޅުކަމަށް ދަޢުވާ ކޮށްގެންތިބި ކުދީންގެ ރޭވުން. އެ ހުރިހާ ކަމެއް އެ މީހުން ކުރުވީ އަހަރެން މެދުވެރިކޮށް. އަދިވެސް އަހަރެން ސަރާ ކިބައިން މާފު އެދެން. އަހަރެން މިއީ މިހާރު ސަރާއަށް ހެޔޮ އެދޭ ކުއްޖެއް ކަމަށް ބަލައިގަތުން އެދެން. އިރާދަ ކުރެއްވިއްޔާ މަތީ ސާނަވީއަށްދާއިރު އަދި ބައްދަލުވާނެ." ސަރާއަށް ނޭނގޭ އެތައް ވާހަކައެއް ނަފާގެ އަޑުން އިވުމުން ސަރާ ވެސް ހުރީ ޙައިރާންވެފައެވެ.
ލިބުނު ކާމިޔާބާއެކު ސަރާ އޭނާގެ މަންމަ ގާތަށް އެނބުރި ދިޔައީ ނަފާއާއި މާހީ އަދި ކިލާހުގެ އެންމެ ގާތް އެކުވެރިން ކޮޅަކާ އެކުގައެވެ. ސަރާގެ މަންމަ އެ ހުރިހާ ކުދީންނަށް އިޙުތިރާމު ކުރިއެވެ. ސަރާ އެއްވެސް ވަރަކަށް ނަފާ އޭނާއަށް ކުރި ގޯނާގެ ވާހަކަ މަންމަ ގާތުގައި ނުދައްކައެވެ. އަމުދުން ދެން އެ ވާހަކަ ދެއްކުމުގެ މާ ބޮޑު ބޭނުމެއްވެސް ނެތީމައެވެ. ސަރާ ހަމައެކަނި ހަނދާން ހުރީ މަންމަ ބުނެދިން އެންމެ އަގުހުރި އެއް ވާހަކައެކެވެ. މަންމަގެ އަތްމަތީ ނަޞޭހަތެވެ. "ދޮންކަނބުލޮއެވެ! ފިނިފެންމަލުގެ ދާނެއްގައި އޮވެގެން ނުކިޔެވޭނެއެވެ." އާނއެކެވެ. މިއަދު މަންމަގެ އެ އަގުހުރި ނަޞޭޙަތުގެ އަގު އޭނާއަށް އެތައް ގޮންޖެހުންތަކަށްފަހު ވެސް އަދާ ކުރެވިއްޖެއެވެ.
ސަރާއާއި އޭނާގެ އެކުވެރިން ޗުއްޓީ ނިންމާލާފައި ރަސްމާދޫއިން ފުރައިގެން އަނެއްކާ ވެސް މާލެ އެދަނީ މަތީ ސާނަވީ ދަތުރުގެ މަތިވެރި އުއްމީދުތަކާއެކުގައެވެ. މިފަހަރު ނަފާގެ އެދުމުގެ މަތިން ސަރާ ކިޔަވަން ހުންނަން ނިންމީ ނަފާއާ އެކު އެގޭގައެވެ. ހ.ފިނިފެންމާގޭގައެވެ. ހުވަފެނުން ވެސް އުއްމީދުކޮށްފައި ނެތް ފިނިފެންމަލުގެ ދާނެއްފަދަ އެ މުއްސަނދި ޢާއިލާއެކުގައެވެ.
(ނިމުނީ)