ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކުން ތިމާވެށްޓަށް ކުރާނެ އަސަރުކަތަކާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވަރސިޓީން ދިރާސާއެއް އެކުލަވާލައިފިއެވެ. މި ދިރާސާގައި މި މަޝްރޫއުގެ ދަށުން ދުނިޔޭގެ ގައުމުތަކަށް ކުރާނެ ފައިދާތަކަށް ބެލުމުގެ އިތުރުން މި މަޝްރޫއުތައް ކުރިއަށް ގެންދިއުމުން، ޖުމުލަ ކޮށް ތިމާ ވެށްޓަށް ކުރާނެ އަސަރާ މެދު ހޯދުންތައް ހޯދާފައި ވެއެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް ވިޜަންއަކީ 2013ގައި ރައީސް ޝީ ޖިންގޕިންގ ވެރިކަމަށް ވަޑައިގެން އިޢްލާން ކުރެއްވި މަޝްރޫއެކެވެ. މިއީ ޗައިނާގެ ޚާރިޖީ ސިޔތާސަތު ހިންގުމުގެ އެންމެ މައި އެއް މަޝްރޫއެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އަކީ، ޗައިނާއާއި ޔޫރަޕާއި، އީސްޓް އެފްރިކާއާއި އޭޝިއާ އެތައް ގޮތަކުން ގުޅުވާލުމަށް ގާއިމް ކުރެވޭ އެއްތައް ޕްރޮޖެކްޓަކަށް ކިޔޭ ޖުމުލަ ނަމެކެވެ. މީގައި ކަނޑުމަގުން ގުޅުވާލުމަށް ފުން ޕޯޓްތައް ހެދުމާއި އެއްގަމު މަގުން ޗައިނާއާ ގުޅުވާލުމަށް ހައިވޭތަކާއި ބްރިޖްތައް ހެދުން ހިމެނެއެވެ. އަދި ރޭލްވޭ ލައިންތައް އެޅުމާއި، ޑޭމްތައް ބިނާ ކުރުމާއި ޕައިޕްލައިންތައް އެޅުމާއި، ކާގޯ ރައްކާ ކުރާނެ ވެއަރ ހައުސްތައް ހެދުމާއި، މުވާސަލާތީ މަރުކަޒުތައް ގާއިމް ކުރުމާއި، މަތިންދާބޯޓް ޖައްސާނެ ރަންވޭތައް ހެދުންވެސް ހިމެނެއެވެ. ބެލްޓް އެންޑް ރޯޑްގެ ޕްރޮޖެކްޓްތަކަކީ އަންދާސާ ކުރެވޭ ގޮތުގައި އަށެއް ޓްރީލިއަން ޑޮލަރުގެ މަޝްރޫއުތަކެކެވެ.

ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓް ކުރިއަށް ގެންދެވޭ އިރު އެންމެ ބޮޑަށް އަސަރުކުރާނެ ސަރަހައްދުތަކެއް ކަމަށް ލަފާ ކުރެވެނީ ދުނިޔޭގެ ކަނޑުތަކާއި ކަނޑުގެ އައްސޭރި ފަށުގެ ހިސާބުތަކެވެ. މިހާތަނަށް ޗައިނާއިން 34 ގައުމެއްގައި 42 ޕޯޓް ބިނާ ކޮށްފައި ވެއެވެ. އޭގެތެރޭގައި ގްރީސްއާއި ސްރީލަންކާއާއި ޕާކިސްތާން ހިމެނެއެވެ. އަދި މިއަހަރުގެ އޮކްޓޯބަރާ ހަމައަށް 138 ގައުމަކުން ބެލްޓް އެންޑް ރޯޑަށް ޝައުގުވެރިވެފައި ވެއެވެ.

ގްރިފިތު ޔުނިވަރސިޓީގެ ދިރާސާގައި ބަލާފައި ވަނީ ބަނދަރު ހެދުމުން ކަނޑުގެ ތިމާވެށްޓަށް އަންނާނެ ބަދަލާ ބެހޭ ގޮތުންނެވެ. ބަނދަރު ހެދުމަށްޓަކައި ކަނޑުގެ ސަރަހައްދާއި އެއްގަމުން ބިން ސާފު ކުރަން ޖެހެއެވެ. މިއީ މޫދު ވިނައާއި ކަނޑޫފާ ތަކަށް އެއިން ގެއްލުން ލިބޭނެ ކަންކަމެވެ. ގްރީންހައުސް ގޭސް ރައްކާކުރެވިފައިވާ ކަނޑޫފާތަކާއި މޫދުވިނަ މަރުވުން، ގްރީންހައުސް ގޭސް ޖައްވަށް ބޭރުވެ، މޫސުމަށް ބަދަލު އައުމަށް އިތުރަށް މަގު ފަހި ވެދެއެވެ. ހަމައެފަދައިން އައްސޭރިފަށުގެ ކަނޑުގެ ދިރުންތަކަށްވެސް މިއިން ބޮޑެތި ނޭދެވޭ އަސަރުތައް ކުރާނެއެވެ.

ބަނދަރު ހެދުމަށް މަސައްކަތް ކުރުމުން އެއިން އައްސޭރިފަށުގައިއާއި މޫދުއަޑީގައި އުފެދޭ ޗަކަސްއިން، ހިސާބުގެ ކަނޑުގެ ދިރުން މަރުވެދެއެވެ. މިއީ އެތަނަކާ ކައިރީގައި ދިރިއުޅޭ މީހުން އެއަށް ބަރޯސާވާ ކަނޑުގެ ދިރުމެވެ.

ގްރިފިތު ޔުނިވަރސިޓީގެ ދިރާސާގައި ބުނެފައިވަނީ، މިހާރު ހުރި ބަނދަރުތައް ބޮޑު ކުރުމާއި އައު ބަނދަރުތައް ހެދުމުން ގާތްގަނދަކަށް 70 ހާހެއްހާ ފުޓުބޯޅަ ދަނޑުގެ ސަރަހައްދެއްގައި އުޅޭ ކަނޑުގެ ދިރުމަށް ގެންލުންތައް ލިބިގެން ދާނެއެވެ. މި ގެއްލުންތައް އިތުރު ވެގެންދާނީ ކަނޑުގެ އައްސޭރިފަށުން ކުޑަ ސަރަހައްދެއް ހިއްސާ ކުރާ ސިންގަޕޯރއާއި ޖިބޫޓީއާއި ޓޯގޯއާއި މޯލްޓާފަދަ ގައުމުތަކަށެވެ. ޖުމުލަ ގޮތެއްގައި 400 ވައްތަރުގެ ދިރުންތަކަށް ގެއްލުންވާނެ ކަމަށް މި ދިރާސާއިން ދައްކައެވެ.

އެހެންނަމަވެސް މިމަޝްރޫއުތަކުގައި ފައިދާތަކެއް ހުރިކަންވެސް ފާހަގަ ކޮށްފައި ވެއެވެ. ޗައިނާއިން ވެސް ވަނީ މި މަޝްރޫއުތައް ހިންގާއިރު ތިމާވެށީގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަނޑައަޅާފައެވެ. ތިމާވެށި ޙިމާޔަތް ކުރުމަކީވެސް ޗައިނާގެ ޚާރިޖީ ސިޔާސަތުގައި އިސްކަމެއް ދީފައިވާ މަސައްކަތެކެވެ.

2060އަށް ކަރބަން ނިއުޓްރަލް ގައުމަކަށް ވެ ޗައިނާ ބޭނުންވަނީ ދުނިޔެއަށް ނަމޫނާ ދައްކާށެވެ. ނަމަވެސް އެއީ ޗައިނާގެ އެތެރޭގައި ކޯލާ ދެލިން ހަކަތަ އުފެއްދުންފަދަ ކަންކަން މަނާ ކޮށް ޗައިނާއިން މެޑަލް ޖެހުމަށް ފަށާފައިވާ މަސައްކަތެކެވެ. މިއާއެކު ޗައިނާއިން ދަނީ އެފްރިކާގައި ކޯލާ ދެލިން ހަކަތަ އުފެއްދުމަށް އިންޖީނުގެތައް ހަދައި ދެމުންނެވެ.