ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސައާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 31 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 29 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ. މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މާލެއަށް ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކޮށް، ބަނގުރާ ބޭނުންކޮށް އެތަކެތީގެ ވަގުވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
އެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ފެނިފައިވެއެވެ. އަދި ބަލައިފާސްކުރި ތިން ގެއިންވެސް ގިނަ އަދަދެއްގެ ބަނގުރަލާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރު ފެނިފައިވެއެވެ. އެގޮތުން ޖުމްލަ 79 ފުޅި ބަނގުރާ ފެނިފައިވާއިރު 245000 އަށްވުރެ ގިނަ ދިވެހި ފައިސާއާއި 14500 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 50 ޔޫރޯ ފެނިފައިވެއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތިން މީހުންނަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.