މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ކުރިމައްޗަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމައްޗަށާއި އެނޫންވެސް ސަރުކާރުގެ ބައެއް އޮފީސްތައް ކުރިމައްޗަށް "އިންޑިއާ އައުޓް" ޖަހާފައިވާ ކަރުދާސްތަކެއް އަޅައިފިއެވެ.

ރޭގެ ވަގުތެއްގައި ބަޔަކު ކޮށްފައިވާ މިޢަމަލަކީ "އިންޑިއާ އައުޓު" ޙަރަކާތް ހިންގަން ސަރުކާރުން ފަށާފައިވާ އޮޕަރޭޝަނާ ދެކޮޅަށް ހިންގި ކަމެއްކަމަށް ބެލެވެއެވެ. އިދިކޮޅު ސިޔާސީ ލީޑަރު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހިންގަވާ "އިންޑިއާ އައުޓު" ޙަރަކާތް ވަނީ ވަރަށްބޮޑަށް ފުޅާވެފައެވެ. މިޙަރަކާތުގެ ދަށުން މާލެއާއި އަތޮޅުތަކުގައި އަމިއްލަ މީހުން އެމީހުންގެ ގޭގޭގައި އިންޑިއާ އައުޓް ލިޔެ ބެނަރ ތަކާއި ޕޯސްޓަތުތައް ދަމަންފެށިއެވެ. މިކަން ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ޤަރާރެއް ނެރުއްވާފައެވެ. އެއާއެކު ސަލާމަތީ ބާރުތަކުން ގޭގެއަށްވަދެ އެފަދަ ބެނަރ ތަކާއި ލިޔުންތައް ނައްޓައި ނައްތާލަމުން ދެއެވެ. ސަރުކާރުގެ މިޢަމަލާއެކު އަނެއްކާވެސް "އިންޑިއާ އައުޓު" ޙަރަކާތް ފުޅާވެ، ގޭގޭ ފާރުތަކުގައި ގްރެފިޓީގެ ގޮތުގައި އިންޑިއާ އައުޓު ލިޔެ ކުރަހަން ވަނީ ފަށާފައެވެ. އަދި އެފަދަ ލިޔުންތައް ޢާއްމު ތަންތަނަށް އެޅުންވެސް މިވަނީ އިތުރުވެފައެވެ.

އިންޑިއާ އައުޓު ޙަރަކާތަކީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށްތިބި އިންޑިއާ ސިފައިން މިޤައުމުން ބޭފުމަށް ގޮވާލާ ހިންގާ ޙަރަކާތެކެވެ.