މިދިޔަ ފިޠުރު ޢީދުދުވަހު މާލޭގައި ހިންގި ނުރައްކާތެރި މާރާމާރީއާ ގުޅިގެން ބަޔަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މިމީހުން ހޯދަނީ އީދުދުވަހުގެ މާރާމާރީއާ ގުޅިގެންކަމުގެ މަޢުލޫމާތު ލިބިފައިވިޔަސް ފުލުހުން އެކަން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަތް މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ، ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)- ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްޙާޒު (22އ)- ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)- ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)- ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)- ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ)- ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ)އެވެ.

މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރުމަށް އާއްމުންގެ ކިބައިން ފުލުހުން އެދެއެވެ.

އީދު ދުވަހުގައި މާލޭގެ ދެ ސަރަހައްދެއްގައި ދެ މާރާމާރީ ހިނގައި މީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވެއެވެ. އޭގެފަހުން މާލެއާއި ހުޅުމާލޭގައި ސިލްސިލާ މާރާމާރީތައް އަންނަނީ ހިންގަމުންނެވެ.