ބޫޓާންގެ ސަރަހައްދުގެ ތެރޭގައި ޗައިނާއިން އަވަށެއް ހެދިކަމަށް ޗައިނާގެ ސަރުކާރު މީޑިއާއިން ރިޕޯޓް ކުރުމުން އެކަން ދޮގުކޮށްފިއެވެ. އިންޑިއާއަށް ބޫޓާނުން ކަނޑައަޅާފައިވާ އެމްބެސެޑަރ މޭޖާ ޖެނެރަލް، ވެސްޓޯޕް ނަމްގީލް ވިދާޅުވީ، ބޫޓާންގެ ސަރަހައްދުގެ ތެރޭގައި އެފަދަ ވިލެޖެއް ޗައިނާއިން ހަދާފައި ނުވާ ކަމަށެވެ.

ޝީވީގެ ޓުއީޓް

ޗައިނާގެ ސީޖީޓީއެންގެ ނޫސްވެރިޔާ ޝެން ޝީވީ ކުރި ޓުއީޓެއްގައި ބުނެފައި ވަނީ ޔާޑޯންގެ 35 ކިލޯމީޓަރު ދެކުނުން ޕާންގްޑާ ވިލެޖް ހަދައި ނިންމާފައިވާ ކަމަށެވެ. އޭނާ ވަނީ ހަތަރު ފޮޓޯއެއްވެސް މިއާއެކު ދައްކާލާފައެވެ.

އިތުރަށް ކިޔާލުމަށް :ނޭޕާލް ބިންތައް ޗައިނާއިން ހިފުމާ ދެކޮޅަށް ކަޓްމަންޑޫގައި މުޒާހަރާ

އޮސްޓްރޭލިއާގެ ސެޓެލައިޓް ފޮޓޯގެ ތަޖުރިބާކާރެއް ކަމުގައިވާ ނޭތަން ރޫސާ ބުނެފައި ވަނީ ޝެންގެ ޓުއީޓްގައި ބުނެފައިވާ ވިލެޖަކީ، ބޫޓާންގެ ސަރަހައްދުގެ 2.5 ކިލޯމީޓަރު އެތެރޭގައި ހަދާފައިވާ ވިލެޖެއް ކަމަށެވެ.

ރޫސާގެ ޓުއީޓް

ޗައިނާ ސަރުކާރުގެ މީޑިއާގައި މަސްއްކަތް ކުރާ ނޫސްވެރިޔާ ވަނީ އޭނާގެ ޓުއީޓް ޑިލީޓް ކޮށްފައެވެ. އެންޑީޓީވީން ރިޕޯޓް ކުރިގޮތުގައި މި ވިލެޖަކީ، ޑޯކްލަމްއާ ނުވަ ކިލޯމީޓަރު ދުރުގައި ހަދާފައިވާ ތަނެކެވެ. ޑޯކްލަމްގައި އިންޑިއާއާއި ޗައިނާއާ ދެމެދު 70 ދުވަހުގެ ކުރިމަތި ލުމެއް 2017 ގައި ހިންގާފައިވެއެވެ.

ބޫޓާންގެ ސަރަހައްދަށް ކުޑަގޮތަކަށްވެސް ޗައިނާއިން އަރައިގެންފިނަމަ، ބޫޓާނުން އެމައްސަލަ ނިއުދިއްލީގައި ހުންނަ ޗައިނާގެ އެމްބަސީގެ ސަމާލުކަމަށް ގެނަސްހަދައެވެ. ބޫޓާނާއި ޗައިނާއާ ދެމެދު ސީދާ ސިޔާސީ ގުޅުން ގާއިމް ކުރެވިފައެއް ނޯވެއެވެ. އެހެންވެ ދެ ގައުމުގެ ދެމެދުގެ ވާހަކަ ދެއްކުމަށް އާންމުކޮށް ބޭނުން ކުރެވޭ ޗެނަލަކީ، ނިއުދިއްލީގައި ހުންނަ އެމްބަސީއެވެ.

ދަ ބޫޓާނީޒް ނޫހުންވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާއިން ސަރަހައްދަށް އަރައިގެންފައިވާ ކަމަކަށް ބޫޓާން ސިފައިންވެސް އަންގާފައެއް ނުވެއެވެ.