ޗައިނާގެ ކުރީގެ ލީޑަރ ޖިއާންގް ޒެމިންގެ ނިޔާވުމުން ދައްކުވައިދެނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ހީނަރު ވަމުންދާ ތަނެވެ. އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި ލީޑަރު ޝީ ޖިންޕިންއާ އިދިކޮޅު ޚިޔާލުތައް މަދުވެ، ކޮމިއުނިސްޓް ޕާޓީގެ މައްޗަށް ޝީގެ ބާރު ގަދަވެ ޚުދު މުޚުތާރުކަން އިތުރު ވަމުންދާ ކަމެވެ.

ބުދަ ދުވަހު އިއުލާންކުރި ޖިއާންގް އަވަހާރަ ވުމުގެ ސަބަބުން ޝީ ޖިންޕިންގެ ޚިދު މުޚުތާރު ކަމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ނިކޭ އޭޝިއާ އިން ރިޕޯޓްކުރެއެވެ.

އިތުރު މުޠާލިޢާއަކަށް:

ކޮމިއުނިސްޓް ޕާޓީ އުފެދުނުތާ 100 އަހަރު

ޝީ ވަނީ ޕާޓީގެ ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ވަގުތުން ކޮރަޕްޝަނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ކެމްޕޭނެއް ފަށައި ޖިއާންގްގެ ގާތް ބޭފުޅުން މެމްބަރަކަށް ފަހު މެމްބަރަކު މަގުން ކޮރަޕްޝަންގެ ތުހުމަތުގައި ވައްޓާލާފައެވެ. އަދި އެއާއެކު އޭނާ ވަނީ ޕާޓީގެ ހުރިހައި ބާރެއް އަމިއްލަ އަތަށް ނަންގަވާފައެވެ.

ޖިއާންގް އަކީ 1990 ގެ އަހަރުތަކުގެ ބޮޑު ބައެއްގައި ޗައިނާގެ ރައީސްގެ މަގާމު އަދާކުރެއްވި އަދި މާކެޓް އިގްތިސާދަކަށް އެގައުމު ބަދަލު ކުރެއްވުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ޖިއާންގް އާއި އޭނާގެ ގާތް އެކުވެރިޔާ ކުރީގެ ނައިބު ރައީސް ޒެންގް ޗިންގްހޮންގް ވަނީ މީގެ 10 އަހަރު ކުރިން ކޮމިއުނިސްޓް ޕާޓީގެ ލީޑަރުގެ މަގާމަށް ޝީ ވަޑައިގަތުމަށް އެހީތެރިވެދެއްވާފަ އެވެ.

އެއިރުވެސް ޖިއާންގް ކުރީގެ ރައީސް ހޫ ޖިންޓާއޯގެ ދެމެދުގައި ޚިޔާލު ތަފާތު ވުމެއް އުފެދުނެވެ. އޭރުގެ ރައީސް ހޫ ޖިންޓާއޯ ބޭނުންފުޅުވީ އޭނާގެ ފަހުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް މިހާރު ޗައިނާގެ ބޮޑު ވަޒީރުކަމުން ވަކިވެވަޑައިގަންނަވާ ޕްރިމިއާ ލީ ކެޝިއަންގް އައްޔަން ކުރައްވާށެވެ. ނަމަވެސް ޝީ ވަނީ އެކަމުގައި ކާމިޔާބު ހޯއްދަވާފައެވެ.

ޖިއާންގް އުންމީދު ކުރެއްވީ ޝީ ވެރިކަން ކުރައްވާއިރު އޭނާއަށް ވެސް ކޮންމެވެސ ވަރެއްގެ ބާރެއް އޮންނާނެ ކަމަށެވެ. އެކަމަކު ޝީ ވަނީ ބަދަލުގައި ޖިއާންގްގެ ގިނަ ކާމިޔާބީތައް ރޫޅާލައްވާފައެވެ.

ޖިއާންގް ގެ ވެރިކަމުގައި އިސްކޮށް އުޅުއްވި ގިނަ ބޭފުޅުންނާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކެމްޕޭން ހިންގަވައި ބައެއް ބޭފުޅުން ދަންޖައްސައި އަނެއް ބަޔަކު ޖަލަށް ލާފައި ވެއެވެ.